އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ)

ދަރިވަރުން

ވޯލްޑް ކަޕް ދުވަސްވަރާ ދިމާކޮށް 8،000އެއްހާ ދަރިވަރުން ސްކޫލަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

މި ގޮތަށް ވަކި ދުވަސްވަރަކާ ދިމާކޮށް ސްކޫލަށް ނުދާން ފަށައިފިނަމަ ސްކޫލަށް ނުދާން ހިތް ޖެހި، ދަރިވަރުން އުނގެނުމާ ދުރުވާން ފަށާފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވި

ވޯލްޑް ކަޕް ދުވަސްވަރާ ދިމާކޮށް ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލަ ފާހަގަކުރެވުނު ކަމަށާއި މި ދުވަސްވަރާ ދިމާކޮށް ގާތްގަނޑަކަށް 8،000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރާއްޖެ ގަޑިން ރޭގަނޑު ދަންވަރުގެ ވަގުތުން ފެށިގެން ހެނދުނު ވަންދެން ކުރިއަށްދާ ވޯލްޑްކަޕް މެޗުތައް ފެށުނު ފަހުން ދަރިވަރުންގެ ހާޒިރީ ރަނގަޅު ނޫން ކަމަށް މިނިސްޓަރު ޝަފީއު މި ވިދާޅުވީ، ކީސްޓޭޖް-3 2025ގެ ނެޝަަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ޝަފީއު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ރަނގަޅު ވަރެއްގައި ހިފެހެއްޓުމަށް ޓަކައި، ދަރިވަރުން ސްކޫލްގައި އުނގެނެން ހޭދަކުރާ ވަގުތު ވެސް ހިފެހެއްޓެން ޖެހޭނެ ކަމަށެވެ.

ދަރިވަރުން އެކަށީގެންވާ ވަރަށް ސްކޫލަށް ހާޒިރުނުވެ، ފިލާވަޅުތައް ގެއްލެން ފަށައިފި ނަމަ، ދަރިވަރުންގެ ނަތީޖާއަށް އޭގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ ކަން އެއީ ޔަގީން ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން ޕްލެޓްފޯމެއް ގާއިމުކޮށްގެން ކޮންމެ ދުވަހަކު ވެސް ސްކޫލަށް ހާޒިރުވަމުން އަންނަ ދަރިވަރުންނާއި ހާޒިރުނުވާ ދަރިވަރުން ފާހަގަކޮށް އެ ކަންކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑް ކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް [ގާތްގަނޑަށް 8،000] ދަރިވަރުން ސްކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ޕްލެޓްފޯމު މެދުވެރިކޮށް މިނިސްޓްރީއަށް ފާހަގަކުރެވުނު ހާޒިރީގެ މައްސަލައަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މި ގޮތަށް ތަކުރާރުވާ ނަމަ މި ކަމުގެ އެންމެ ބޮޑު ހިތްދަތިކަމަކަށްވާނީ ދަރިވަރު ސްކޫލަށް ދާހިތްނުވަން ފެށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭރުން ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް މާ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ބެލެނިވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ވޯލްޑް ކަޕް މެޗުތައް ބަލާހިތްވާނެއޭ ހުރިހާ ދަރިވަރުން ވެސް، އަޅުގަނޑުމެން ވެސް، ބެލެނިވެރިން ވެސް. އެހެން ނަމަވެސް ސްކޫލަށް ނުދާ ފަދަ ގޮތަކަށް އެ ކަންކަން އިންތިޒާމު ނުކުރައްވައްޗޭ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

ސްކޫލަށް ހާޒިރުނުވާ 8،000 ދަރިވަރުންގެ ތެރެއިން %40 ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ކިޔަވަމުން އަންނަ ދަރިވަރުން ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް