އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދުގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)
ޓީޗަރުންގެ ޕޭ ފްރޭމްވޯކު އޮތީ ޑިގްރީއަކަށް ވުރެ މާސްޓާއަށް ލިބޭ މުސާރަ ކުޑަކޮށް: ޝަފީއު
މިދިޔަ ސަރުކާރުން އެކުލަވާލި ޕޭ ފްރޭމްވޯކް އޮތް ގޮތުން، މާސްޓާސް ހާސިލުކުރާ ޓީޗަރުންނަށް ލިބޭ މުސާރަ، ޑިގްރީއެއް އޮންނަ ޓީޗަރަކަށް ވުރެ ދަށް ކަމަށާއި އެ މައްސަލަތައް ހައްލުކުރަން ޕޭ ފްރޭމްވޯކް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަފީއު މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މައުރޫފް ސުވާލުކުރެއްވީ:
-
ޓީޗަރުންގެ ޕޭ ހާމަނައިޒްކުރިއިރު މާސްޓާސް ސެޓިފިކެޓު ނެތް ޓީޗަރުންނަށް އެ ސެޓިފިކެޓު ހާސިލުކުރާތާ ހަތަރު އަހަރު ފަހުން ސްޓިފިކެޓް އެލަވަންސް ލިބޭނެ ކަމަށް ކުރީގައި ނިންމާފައިވޭ
-
އެ އުސޫލުގެ ދަށުން މާސްޓާސް އޮތް ޓީޗަރުންނަށް ސެޓިފިކެޓް ލިބޭނީ ކޮން އިރަކުންތޯ
-
މާސްޓާސް ކުރިން ހާސިލުކޮށްފައި ތިބި މީހުންނަށް އެ އެލަވަންސް ލިބިފައިވާއިރު، މިހާރު އެ ސެޓިފިކެޓް ހާސިލުކުރާ ޓީޗަރުންނަށް އެ އެލަވަންސް ލިބެމަކުން ނުދޭ
ބުނީ ކީކޭ؟ - ޖަވާބުގައި ޝަފީއު ވިދާޅުވީ، މާލޭގައި ވެސް އަދި އަތޮޅުތެރެ ވެސް ހިމެނޭ ގޮތަށް 15އަށް ވުރެ ގިނަ ޓީޗަރުންނާ ބައްދަލުކޮށް ވާހަކަދެކެވިފައިވާއިރު، ޕޭ ފްރޭމްވޯކް އެކުލަވާލާފައިވާ ގޮތާ މެދު ވަރަށް ގިނަ ޓީޗަރުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ހައްލުކުރުމަށް ޓީޗަރުންނާ ގުޅިގެން ޕޭ ފްރޭމްވޯކް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޓީޗަރުންނަށް ދީފައިވާ ޔަގީންކަމަކީ، ޕޭ ފްރޭމްވޯކް ރިވިއުކުރުމުގެ މަސައްކަތް އަޅުގަނޑު މުދައްރިސުންނާއި ޕްރިންސިޕަލުންނާ ގުޅިގެން ކުރިއަށް ގެންދިއުމުގެ ކަންތައްތަކެއްގެ ތެރެއިންނޭ މި މައްސަލަތައް ހައްލުކުރާނީ،" ޝަފީއު ވިދާޅުވި އެވެ.
އެގޮތުން، އޭނާ ފާހަގަކުރެއްވި މައްސަލަތަަކަކީ:
-
ނިމިދިޔަ ސަރުކާރުގައި އެކުލަވާލި ޕޭ ފްރޭމްވޯކުގައި މާސްޓާސް ހާސިލުކުރާ ޓީޗަރުންނަށް ޕްރޮމޯޝަން ދޭން ހަތަރު އަހަރުގެ ގެޕެއް ދީފައިވޭ؛ މިއީ ރާއްޖޭގައި ދުވަހަކު ވެސް ވެފައި އޮތް ކަމެއް ނޫން
-
ހަތަރު އަހަރުގެ ތެރޭގައި ދޭންޖެހޭ އެ ސްޓެޕް ޕްރޮމޯޝަންތައް މިހާރު ވާނީ ޓީޗަރުންނަށް ދީފައި
-
އެ ސްޓެޕް ޕްރޮމޯޝަންތައް ދިނުމުން ވާ ގޮތަކީ، މާސްޓާސް ހަދާފައިވާ ޓީޗަރަކަށް އޭނާގެ އަތުގައި އޮތް ޑިގްރީއާ އެކު ސްޓެޕް ޕްރޮމޯޝަން ލިބި، މާސްޓާސްގެ ގޮޅިއަށް ދިޔައީމާ މުސާރަ ދަށްވާ ގޮތް ވަނީ
-
އެހެންވީމާ އެކަން ހައްލުކޮށްގެން ނޫނީ މާސްޓާސް ގޮޅީގެ ތެރެއަށް ޓީޗަރުން ޓްރާންސްފާ ކުރެވޭކަށް ނެތް
"ޓްރާސްފާ ކޮށްފި ކަމުގައި ވަނީ ނަމަ، މުދައްރިސުންނަށް ޑިގްރީއެއް އޮވެގެން ލިބޭ މުސާރައަށް ވުރެ، ދެން މާސްޓާސްގެ އެ ހަރުފަތުގައި ލިބޭ މުސާރަ ދަށްވާ ގޮތަށް ޕޭ ފްރޭމްވޯކް މި އޮތީ. އެހެންވީމާ އަޅުގަނޑުގެ ހިތުން މިއީ ހައްލުކުރަންޖެހޭ ކަމެއް. މިއީ އެކަކު އަނެކަކަށް އިނގިލި ދިއްކޮށްގެން ތިބެންޖެހޭ ކަމެއް ނޫން،" ޝަފީއު ވިދާޅުވި އެވެ.
"މިއީ ހަގީގަތުގައި ވެސް ޕޭ ފްރޭމްވޯކް އެކުލަވާލެވުނުއިރުގައި ހަމަ ކުރީގައި ވިސްނާނުލައި މިކަން ކޮށްފައި އޮތީމާ މިކަން މިހެން ދިމާވެފައި މި އޮތީ."
އެނގުން މުހިންމު - ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި މިހާރު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރަ އާއި އިނާޔަތްތަކުން އެކަނި ލިބޭނެ ގޮތަށް، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރީ،ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރެވެ. މި ބަދަލާ އެކު، 12،000ރ. އާއި 24،000ރ.އާ ދެމެދުގެ މުސާރައެއް މިހާރު ޓީޗަރުންނަށް ލިބެ އެވެ.
ކޮމެންޓް