ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

ޑިގްރީއާ އެކު ޓީޗަރުންގެ މުސާރަ ބޮޑުނުވާ މައްސަލަ: މެއިގެ ކުރިން ހައްލެއް ގެންނަނީ

މައްސަލަ އުފެދިގެން އުޅެނީ ޑިޕްލޮމާ ފާސް އޮންނަ ޓީޗަރުން ޑިގްރީ ހެދުމަށް ފަހު، އެ އަދާކުރާ ވަޒީފާގައި ހުރެގެން މުސާރައިގެ ކުރިއެރުން ނުލިބި، އެހެން ވަޒީފާއަކަށް ދިއުމުން ވަގުތުން މުސާރައިގެ ކުރިއެރުން ލިބޭތީ
13 ފެބްރުއަރީ 2023

ޓީޗަރުން އަދާކުރަމުން އަންނަ ވަޒީފާގައި ހުރެ ޑިގްރީ ހެދުމުން މުސާރައިގެ ކުރިއެރުން ނުލިބޭ މައްސަލައަށް އޭޕްރީލް ނިމުމުގެ ކުރިން ހައްލެއް ގެނެވޭވަރު ވާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވާ ގޮތަށް މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށީ 1 މެއި 2022ގަ އެވެ. ނަމަވެސް، އެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތަށް މުސާރައިގެ ކުރިއެރުން ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މައިގަނޑު އެއް ޝަކުވާ އަކީ:

  • މުސާރައިގެ އޮނިގަނޑަށް އައި ބަދަލާ އެކު ވެސް، ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން ޑިގްރީ ހެދުމުން ވެސް، އަދާކުރާ ވަޒީފާގައި ހުރެ މުސާރައިގެ ކުރިއެރުން ނުލިބުން

  • އަދާކުރާ ވަޒީފާގައި ހުރެ ކުރިއެރުން ނުލިބުނު ނަމަވެސް، އެހެން ވަޒީފާއަކަށް ބަދަލުވުމުން ވަގުތުން އެ ކުރިއެރުން ލިބޭ

ތަފްސީލު - އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމަށް ހާޒިރުކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަދި ނެޝަނަލް ޕޭ ކޮމިޝަންގެ ބައެއް މެމްބަރުންނެވެ.

ކޮމެޓީ މެމްބަރުން މި މައްސަލައިގައި ސުވާލުކުރުމުން، ސީއެސްސީން ބުނީ، މިހާރު އުސޫލު އޮތް ގޮތުން ވަޒީފާގައި ތިބެ ޑިގްރީ ހަދާ ޓީޗަރުންނަށް މުސާރައިގެ ކުރިއެރުން ދޭނެ ބާރެއް އެ ކޮމިޝަނަށް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، މިއީ ވަރަށް ފަސޭހައިން ހައްލުކުރެވޭނެ އަދި ކޮންމެހެން ހައްލުކުރަން ވެސް ޖެހޭ މައްސަލައެކެވެ.

"ޓީޗަރުންނަށް މި ދިމާވާ މައްސަލައިގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ބޭފުޅުންނަށް ޑިގްރީގެ މުސާރަ ލިބެން ޖެހޭ ސަބަބަކީ، އޭނައަށް އެބައޮތް އުކުޅެއް ހަދައިގެން މިއަދު އިސްތިއުފާ ދީފައި މާދަމާ ވެސް ބޮޑު މުސާރައިގައި ވަޒީފާއަކަށް ވަނުމުގެ ފުރުސަތު. އެއީ އަސްލު ލޫޕްހޯލްއެއް. އެކަން އެގޮތަށް ނުވާނެ ގޮތަކަށް އޮންނަން ޖެހޭނީ،" އޭނާ ވިދާޅުވި އެެވެ.

ނަމަވެސް، އިބްރާހިމް ވިދާޅުވީ ސުވާލު އުފެދިފައި އޮތީ ޕޮލިސީ ލެވެލްގައި މި މައްސަލައިގައި ގޮޮތް ނިންމާނީ ކޮން ފަރާތަކުންތޯ ކަމާ މެދު ކަމަށެވެ.

"ގާނޫނީ ގޮތުން އެ ބާރު އޮތީ ސީއެސްސީއަށްތޯ، ޕޭ ކޮމިޝަނަށްތޯ. ގާނޫނުގައި އެބަ ޖެހޭ ސާފުކޮށް ބަޔާންކުރަން އެ ކަންތައް ވެސް. ދައުލަތުގެ މުސާރަތައް ހާމަނައިޒްކުރުމުގެ ގޮތުން ޕޭ ކޮމިޝަނެއް އުފައްދައި ކޮމިޝަންގެ ފަރާތުން އެ ގެންދަވަނީ އެ މަސައްކަތް ކުރަމުން. ކުރަމުން ގެންދަވާއިރު އެންމެ ފުރަތަމަ ތަންފީޒުކުރި އޮނިގަނޑުގެ ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވި އެވެ.

"މި އޮނިގަނޑުގެ މައްސަލައިގައި ކޮމިޝަނުން ވެއްޖެއްޔާ މިއަދު ވެސް ޑިޒިޝަން ނެގޭނެ. އެހެން ނަމަވެސް، އަދިވެސް ސުވާލު އުފެދޭ ކޮންބައެއްތޯ މިކަން ކުރަން ޖެހޭނީ."

ކޮމެޓީ ބައްދަލުވުމުގައި ސިވިލް ސާވިސްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ޕޭ ފްރޭމްވޯކް އެކުލަވައިލީ ނެޝަނަލް ޕޭ ކޮމިޝަނުން ކަމަށްވުމާ އެކު، މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނަށް ކަމެއް ކުރެވޭނީ، ޕޭ ކޮމިޝަނުން އެ ހުއްދަ ދީގެންނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ފަރުޝަތު ވިދާޅުވީ މި މައްސަލަ އުފެދިގެން އުޅެނީ، އެހެން ތަނަކުން ވަޒީފާއެއް ހޯދައިގެން ދިއުމުން ވަގުތުން ކުރިއެރުން ލިބޭ ނަމަ، އެ މީހަކު ހުރި ވަޒީފާއެއްގައި ހުރެގެން ވެސް އެ ކުރިއެރުން ލިބެން ޖެހޭނެ ކަމަށެވެ.

"[މުސާރައިގެ ކުރިއެރުން] ލިބުން، ނުލިބުން މި އަންނަނީ ޕޮލިސީއަކުން. އެ ޕޮލިސީ މި އޮންނަނީ ޕޭ ފްރޭމްވޯކްގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

"[ޑިޕްލޮމާ އޮތް ޓީޗަރުން] ޑިގްރީ ނެގީމަ، ޕޭ ފްރޭމްވޯކުން އަޅުގަނޑުމެންނަށް ހުއްދަ ދޭންވީ އޭނަ ޑިގްރީ ނަގާފައޭ މި އޮތީ، އެކްސެޕްޝަނަލް ހާލަތެކޭ މިއީ، އެހެންވީމަ ހުރިހާ ޓީޗަރުން ޑިގްރީ ޓީޗަރުންނަށް ހަދަންވާތީ، މިއަދު ވެސް އެކަން ކުރިޔަސް މައްސަލައެއް ނެތޭ ކޮމިޝަނުން. ސިވިލް ސާވިސް ކޮމިޝަނުގެ ނެތް އެ ބާރެއް މިހާރު އޮތް ހާލަތުގައި. އެ ކަމަށް ހުއްދަ ދީފިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން."

އޭނާ ވިދާޅުވީ ޕޭ ފްރޭމްވޯކް ހެދީ ޕޭ ކޮމިޝަނުން ކަމަށް ވުމާ އެކު އެ އެކްސެޕްޝަން އެ ކޮމިޝަނަށް ދެވޭނެ ކަމަށެވެ.

ހަމައެކަނި ޓީޗަރުންނަށް ހާއްސަ ހާލަތެއް؛ އިންސާފުވެރިއެއް ނުވާނެ

ކޮމެޓީ ބައްދަލުވުމުގައި އިންނެވި ޕޭ ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ހަމައެކަނި ޓީޗަރުންނަށް ހާއްސަ ހާލަތެއް ދިނުމަކީ އެހެން ފަންނުތަކުގެ މީހުންނަށް އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

"ހަގީގަތުގައި ކުޑަ ބަދަލެއް ނޫން ޓީޗަރުންނަށް މި އައީ [މުސާރައަށް]. ވަރަށް ބޮޑު ބަދަލެއް. އޭގައި އިން ރިޓާން އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ ފިސްކަލް އިމްޕެކްޓަށް ވެސް. އަޅުގަނޑުމެން، މިސާލަކަށް އެޑިއުކޭޝަން ސެކްޓާއަށް ނޫނީ ޓީޗަރުންނަށް އެކަނި އެކްސެޕްޝަނެއް ދެންޏާ ދެން ތިބި ހުރިހާ ޕްރޮފެޝަންއަކަށް ވަރަށް އަންފެއާ ކަމަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

"ޑިގްރީ ލެވެލްގެ މީހުން ބޭނުންވަނީ ހަމައެކަނި ޓީޗިންއަކަށް ނޫން. ހުރިހާ ފަންނަކަށް ވެސް ބޭނުންވޭ... އެކްސެޕްޝަނެއް ގެންނަންޏާ ވަރަށް ބޮޑު ޑިސިޝަންއަކަށް ވާނެ."

މި މައްސަލައިގައި ދެ ކޮމިޝަނުން މަޝްވަރާކޮށްގެން ހައްލެއް ގެނެވޭނެ މުއްދަތަކީ ކޮބައިތޯ ކޮމެޓީގެ މުގައްރިރު، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު ކުރެއްވުމުން، ޕޭ ކޮމިޝަނުން ބުނީ އަދި އެ ކަމަށް ވަގުތު ބޭނުންވާ ކަމަށެވެ.

"ކޮމިޝަންގައި ވެސް އިތުރަށް މަޝްވަރާކުރަން ވަގުތު ބޭނުންވޭ. ކޮމިޝަންގެ ހުރިހާ މެމްބަރުން [އަދަދު] ހަމައެއް ވެސް ނޫން. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު އޭޕްރީލްގެ ނިޔަލަށް ދެއްވައިފިއްޔާ،" ޕޭ ކޮމިޝަންގެ މެމްބަރަކު ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު، މެމްބަރު ރޮޒައިނާ. (ފޮޓޯ/މަޖިލިސް)

އެ ސުވާލުގެ ޖަވާބުގައި ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ވިދާޅުވީ، މި މައްސަލަ ދިމާވި ޓީޗަރުންނަށް ހައްލެއް ހޯދައިދެވޭތޯ މިހާރު ވެސް އެ ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި މައްސަލައިގައި [1 މެއިގެ ކުރިން ޑިގްރީ ހަދާފައި ހުރި ޓީޗަރުންނަށް މައްސަލަ ހައްލުކުރުމަށް] އެޑިއުކޭޝަނަށް ޓީޗަރުންގެ ލިސްޓެއް ނެގުމަށް ވާނީ ފޮނުވާފައި. އެ މައްސަލަ އަޅުގަނޑަށް ހީވަނީ ހައްލުވާނެހެން،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ފަހުން ޑިގްރީ ހަދާ ބޭފުޅުންގެ ކަންތައްތަކުގެ ނޭނގޭ ޖަވާބެއް ދޭކަށް. ސީއެސްސީއަށް ޖަވާބެއް ނުދެވޭނެ، ނިމޭނެ ތާރީހެއް. ސަބަބަކީ އަޅުގަނޑުމެންނެއް ނޫން ފައިނަލް ޑިސިޝަން ނަގާނީ އެ ކަމުގައި."

އިބްރާހިމް ވެސް ވިދާޅުވީ ޓީޗަރުން ނޫނަސް، މިފަދަ މައްސަލަ ދިމާވާ ހުރިހާ ދާއިރާއަކަށް ބަދަލު އަންނަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް