ބޮޑުކަންނެލި މަސްވެރިން މީގެ ކުރިން ކުރި އިހުތިޖާޖެއްގެ ތެރެއިން(ދައުރު ފޮޓޯ)
ކަންނެލި މަސްވެރިންނަށް 2 ޓަނު އައިސް މަދު؛ ގަވާއިދު ބަދަލުކުރަން ގޮވާލައިފި
ކަންނެލި މަސްވެރިންނަށް ދުވާލަކަށް 2 ޓަނު އައިސްއަކީ މަދު މިންވަރެއް ކަމަށާއި، ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، އެއްވެސް ދައްޗެއްނެތި އައިސް ލިބޭނެ އިންތިޒާމު ހަަމަޖައްސައި ކަންނެލި މަސްވެރިންނަށް ވިއްކާ އައިސްއަށް ކަނޑައަޅާފައިވާ އެ ލިމިޓު އުވާލަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - މިފްކޯއަށް މަސްނުކިރާ ދޯނިތަކަށް އައިސް ވިއްކާ އަދަދު ދުވާލަކަށް 2 ޓަނަށް ލިމިޓުކުރަން މިދިޔަ މަސް ތެރޭ ވަނީ ނިންމާފަ އެވެ. މިފްކޯއަށް ބޮޑު ކަންނެލި ގަންނަ އަގު ދަށްކަމުން، ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ގިނަ ދޯނިތަކުން މިފްކޯއަށް މަހެއް ނުކިރަ އެވެ.
ބުނީ ކީކޭ؟ - މިކަމާ ކަންބޮޑުވުން ފާޅުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކަންނެލި މަސްވެރިކަން ދަށް ދުވަސްވަރެއްގައި، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ކަންނެލި މަސްވެރިންނަށް ވިއްކާ އައިސްއަށް ގެނައި މި ބަދަލަކީ މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހުރި ގިނަ އައިސް ޕްލާންޓުތައް އޮޮޕަރޭޓުކުރެވޭ ވަރަށް ތެޔޮ ނުލިބުމާއި އެހެނިހެން ސަބަބުތަކާ ހުރެ އެ ތަންތަނުން ކަންނެލި މަސްވެރިންނަށް އައިސް ނުލިބޭކަމުގެ ކަންބޮޑުވުން ވެސް އެ ޔޫނިއަނުން ފާޅުކުރި އެވެ.
"މިފްކޯގެ އައިސް ޕްލާންޓުތަކުން ދުވާލަކަށް ދޯންޏަކަށް 2 ޓަނުގެ އައިސް ވިއްކާ ގޮތަށް ގަވާއިދަށް ގެނެވުނު ބަދަލުގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރަން މިވަނީ އުނދަގޫވެފަ އެވެ. ދެ ޓަނުގެ އައިސްއަކީ ދުވާލެއްގެ މައްޗަށް ކަންނެލި މަސްވެރިންނަށް މަދު މިންވަރެކެވެ. އެހެންކަމުން، ގަވާއިދު ބަދަލުކޮށް، މަސްވެރިން މަހަށް ފުރަން، ދަތިނުވާ މިންވަރަށް އައިސް ވިއްކޭނެ އިންތިޒާމު ހަަމަޖައްސަވައިދެއްވުމަށް އެދި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްވެސް ދަތިކަމެއްނެތި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށް، އެ ހިދުމަތް އެއްވެސް ދަތިކަމެއްނެތި މަސްވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރަށް އެ ޔޫނިއަނުން ގޮވާލި އެވެ.
ކޮމެންޓް