އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)
ޑޮލަރުގެ މައްސަލައަށް ހައްލު ނުލިބިގެން އުޅެނީ ނަޝީދު ސަރުކާރުގައި ގެނައި ބަދަލުން: ސައީދު
ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ނުލިބިގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ރާއްޖޭގައި ރަސްމީ ޑޮލަރު ރޭޓަކީ 15.42ރ. ނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ހުރީ 20ރ. އިން މަތީގަ އެވެ. ޑޮލަރުގެ އަަގު ކޮންޓްރޯލު ކުރުމަށް އެމްއެމްއޭ އާއި ބީއެމްއެލް އިން ވަނީ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދު ވަނީ ޑޮލަރުގެ އަގު ދަށްނުވާތީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.
މެންބަރު ސުވާލުކުރެއްވީ ޑޮލަރު ގަންނަން ލިބެނީ 20ރ.އަށް ކަމަށާއި ޑޮލަރު ގަންނަން ލިބޭ އަގު ހެޔޮވާނީ ކޮންއިރަކުންތޯ އެވެ.
ބުނީ ކީކޭ؟ - މެންބަރު ޒިޔާދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ 2008ގައި އައި އެމްޑީޕީ ސަރުކާރުގައި ޑޮލަރު މާރުކުރާ ރަސްމީ ރޭޓު 10ރ. އާއި 15ރ.އާ ދެމެެދުގެ ބޭންޑަކަށްލީ ކަމަށާއި ޑޮލަރުގެ އަގު އުފުލި، ރައްޔިތުންނަށް އޭގެ ދަތިތައް ކުރިމަތިވެގެން އުޅެނީ އޭގެ ސަބަބުން ކަމަށެވެ.
"ރައީސް ނަޝީދުގެ ސަރުކާރުން 10ރ. އާއި 15ރ.އާ ދޭތެރޭގައި ބޭންޑެއް އެޅި ވާހަކަ ދެއްކި. އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އެ މައްސަލަ އަދިވެސް [މި އުޅެނީ]. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ. އެ ވާހަކަ އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށްލީ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން 19 ވަނަ މަޖިލީހުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެދިގެން މާލިއްޔަތު ގާނޫނުގެ ބައެއް ސަސްޕެންޑުކޮށްގެން ފައިސާ ޗާޕު ކުރުމަކީ ވެސް ބޭރު ފައިސާގެ އަގު އުފުލިފައިވާ ސަބަބެއް ކަމަށް ސައީދު ވިދާޅުވި އެވެ.
"ގާނޫނު ސަސްޕެންޑު ކުރީ ވެސް މިދިޔަ 19 ވަނަ މަޖިލީހުގައި. ގާނޫނު ސަސްޕެންޑުކޮށްގެން ފައިސާ ޗާޕު ކުރަމުން ގެންދިޔައީ. އެހެންވީމާ އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެކަމުގެ ވާހަކަ އަޅުގަނޑުމެން އޭރު ދެއްކިން،" 19 ވަނަ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ ނަމަ ޑޮލަރުގެ ރޭޓު ދަށްކުރާނެ ކަމަށް 2024ގައި ބޭއްވި މަޖިލިސް އިންތިހާަބުގެ ކެމްޕޭނު ތެރޭ ސައީދު ވިދާޅުވި ނަމަވެސް އެކަން ނުވެގެން އުޅެނީ ކީއްވެތޯ މެންބަރަކު ސުވާލު ކުރެއްވުމުން ވެސް ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ނަސީބެއް ކަމަށާއި އެހެން ނޫން ނަމަ ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި ކަމަށެވެ. ނަމަވެސް، ޑޮލަރުގެ އަގު ރަސްމީ ރޭޓަށް ނުގެނެވޭ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކޮމެންޓް (4)
ކުރިކީލަ
ފިނިފެންމާ
ތެފައާސާ.
ކޮސް