އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އާރުޓީއެލް ފެރީ

އާރުޓީއެލް ފެރީ ކެންސަލްވާ މައްސަލަ ހައްލުވާނެ އިރެއް ސައީދު ވިދާޅެއްނުވި

ފެރީ ކެންސަލްވެ، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުވާނެ އިރަކާ މެދު ސުވާލު ކުރުމުން ސައީދު ވިދާޅުވީ އެ ހިދުމަތް ނުފެށޭ ފަސް އަތޮޅުގައި އަންނަ ޖެނުއަރީގެ ނިޔަލަށް ހިދުމަތް ފަށާނެ ކަމަށް

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލްގެ ހިދުމަތް ފަށާފައިވާ އަތޮޅުތަކުން ވެސް އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތް ނުލިބޭތީ ދަތުރުފަތުރުގެ ކަންތައް ބަލަހައްޓާ އިކޮނޮމިކް ޑިވެލޮޕްމެންޓު، ޓްރާންސްޕޯޓު އެންޑް ޓްރޭޑު މިނިސްޓަރު މުހައްމަދު ސައީދާ ސުވާލު ކުރުމުން ހިދުމަތް ހަރުދަނާވާނެ ދުވަހެއް އަދި އެކަމަށް ކުރާ މަސައްކަތް ވިދާޅެއްނުވި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރަކު ވަނީ އާރުޓީއެލް ފެރީތައް ކެންސަލްވާ މައްސަލަ ދިމާވާތީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ސައީދާ ސުވާލު ކުރައްވައިފަ އެވެ.

ތަފްސީލް - ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ އާރުޓީއެލް ފެރީއަށް ދިމާވާ ޓެކްނިކަލް މައްސަލަ ހައްލުވެ، ކުރިއެކޭ އެއްގޮތަށް އެ ހިދުމަތް ލިބެންފަށާނެ އިރަކާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ސައީދު ދެއްވި ޖަވާބަކީ އާރުޓީއެލްގެ މައުލޫމާތު ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައިވާ ކަމަށެވެ. އެ ހިދުމަތް ނުދެވި އޮތީ ޖުމްލަ ފަސް އަތޮޅުގައި ކަމަށާއި 15 އަތޮޅެއްގައި އެ ހިދުމަތް ދެމުން އަންނައިރު، 35 ސްޕީޑުބޯޑު އެ ހިދުމަތުގައި ބޭނުންކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ލ. އަތޮޅުގައި އިފްތިތާހުކުރުން. (ފޮޓޯ/އެމްޓީސީސީ)

އަންނަ ޖެނުއަރީގެ ކުރިން ބާކީ ހުރި ރަށްތަކާ އެކު މުޅި ރާއްޖެ އެ ނެޓްވޯކުން ގުޅާލެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް މިނިސްޓަރު ސީދާ ޖަވާބު ނުދެއްވާތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ވަނީ އާރުޓީއެލް ފެރީތައް ކެންސަލްވާ މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލު ތަކުރާރުކުރައްވައިފަ އެވެ.

ފެރީތައް ކެންސަލްވާ މައްސަލައަށް ޖަވާބު ނުދެއްވާ ދެން ވެސް ސައީދު ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް އަންނަ ޖެނުއަރީގެ ކުރިން ބާކީ ފަސް އަތޮޅުގައި ފަށާނެ ކަމަށެވެ.

އާރުޓީއެލްގެ ހިދުމަތް ދެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަގުސަދަކީ، ލުއިފަސޭހަކަމާ އެކު ހެޔޮ އަގުގައި ކަނޑުމަގުން ދަތުރުކުރެވޭނެ މަގު ފަހިކުރުމާއި އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ވެސް ފައިދާވާނެ ނިޒާމެއް ގާއިމްކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް