އައިޖީއެމްއެޗުގެ ނެޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ކާޑިއޮލޮޖިސްޓް ޑރ. މިގްދާދު ޝަރީފް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ހިތުގެ ބަލި

ހިތުގެ ފަރުވާ ދިނުމުގައި ދިވެހިންގެ އިތުބާރު ހޯދިއްޖެ: އައިޖީއެމްއެޗު

އެ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރަށް މިއަދު 10 އަހަރު ފުރިފައިވާއިރު، ފުރިހަމަ ފަރުވާ ދޭ ތަނަކަށް އެތަން ބަދަލު ކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނޭ
1 ގަޑިއިރު ކުރިން

ހިތުގެ ބަލިތަކުގެ އެކި ފަރުވާތައް ދިނުމުގައި ދިވެހިންގެ އިތުބާރު މިހާރު ވަރަށް ބޮޑަށް ހޯދިއްޖެ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އައިޖީއެމްއެޗުގައި ހުންނަ ނެޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އެ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް، ސަބްސްޕެޝަލިސްޓް އިން ކާޑިއޮލޮޖީ ޑރ. މިގްދާދު ޝަރީފް ވިދާޅުވި ގޮތުގައި، ހިތުގެ ބައްޔާ ގުޅޭ ހުރިހާ ފަރުވާއެއް މީގެ ކުރިން ކުރަމުން އައީ ރާއްޖޭން ބޭރުންނެވެ.

ބުނީ ކީކޭ؟ - ހިތުގެ ބަލިތަކާއި އޮޕަރޭޝަންތަކަށް ފަރުވާ ދޭނެ ސެންޓަރެއް ނެތުމުން، ބަލިމީހަކު އައުމުން ފުރަތަމަ ޖެހެނީ ބޭސް ދީގެން އޭނާގެ ހާލު ސްޓޭބަލް ކުރަން ކަމަށާއި އެއަށް ފަހު ދެން ޖެހެނީ ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މިއީ ބޭހުން އެކަނި ވާ ކަމެއް ނޫން. އޭރު ވަރަށް ގިނަ މީހުން ދިޔައީ [އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން]، ބަލީގެ އުނދަގޫ ފަހުން ވެސް ތަަހައްމަލު ކުރަމުން އަދި ނިޔާވަމުން،" އެ ސެންޓަރުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑޮކްޓަރު ވިދާޅުވި އެވެ.

މިގްދާދު ވިދާޅުވި ގޮތުގައި:

  • ހިތުގެ ފަރުވާތައް ދޭން ފެށި ނަމަވެސް، ރާއްޖޭގައި ދޭ އެ ފަރުވާތަކަށް ގިނަ ބަޔަކު ކުރިން އިތުބާރެއް ނުކުރޭ 

  • އެގޮތުން އެންޖިއޯ ހަދަން ޖެހޭކަން އެނގުމާ އެކު ބަލި މީހުން ބޭނުންވަނީ ރާއްޖޭން ބޭރަށް ދާން 

  • އެކަމަކު މިހާރު، އަމިއްލައަށް ބޭރަށް ދާ ބަލިމީހުން ވެސް، އެންޖިއޯ ހަދަން ޖެހޭކަން އެނގުމާ އެކު ރާއްޖެއަށް އެނބުރި އައިސް ފަރުވާ ހޯދާ ކަމަށް ވިދާޅުވި

"އެކަމުގައި އަޅުގަނޑުމެންނަށް މިހާރު ވަނީ ދިވެހިންގެ އިތުބާރު ހޯދިފައި،" މިގްދާދު ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ނެޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު މުހައްމަދު ޝަނީޒް ނަޖުމީ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ހިތުގެ ބައްޔަށް ފަރުވާ ދޭ ރާއްޖޭގެ ފުރަތަމަ ކާޑިއޮލޮޖިސްޓަކީ ޑރ. އަލީ ޝަފީގެވެ. އެކަމަކު ދާއިރާއިން ހާއްސަވެ، ރާއްޖެ ވަޑައިގެން ފަރުވާގެ ގޮތުގައި ފުރަތަމަ ވެސް ޖެހިވަޑައިގެންނެވީ ބޭސް ދެއްވައި، ރާއްޖޭން ބޭރަށް ފޮނުވުމަށް އިރުޝާދު ދެއްވުން ކަމަށް މިގްދާދު ވިދާޅުވި އެވެެ. އޭރު ހިތުގެ ބައްޔަށް ރާއްޖޭގައި ކުރެވެން އޮތް ކަމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެ ބަލީގެ ފަރުވާ ފުޅާކުރުމަށް ވެސް ގޮންޖެހުންތައް ކުރިމަތިވި އެވެ. އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ރާއްޖޭން ބޭރުން ފަރުވާ ދޭ ހޮސްޕިޓަލްތައް އެކަމުގައި އެއްބާރުލުން ނުދިނުން ކަމަށާއި އެއީ އެ މީހުންނަށް އެއިން ގެއްލުން ވާނެ ކަމަށް ބެލެވޭތީ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ބުރަ މަސައްކަތުން، ގިނަ ގޮންޖެހުންތަކާ އެކު ވެސް ކެތު ލެބެއް އުފައްދައި، 2016 ވަނަ އަހަރު ފުރަތަމަ ކާޑިއެކް ސެންޓަރު ތަރައްގީ ކުރި ކަމަށް މިގްދާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އޭރު އެ ސެންޓަރުގައި ފަރުވާ ދެއްވުމަށް ހުންނެވީ ޑރ. ޝަފީއު އެކަނި. އެކަމަކު ހަފުތާއަކު އެއް ފަހަރު، ރާއްޖޭން ބޭރުން ޑރ. ޕްރަތާބު ވަޑައިގަންނަވައި، ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވި

  • އޭގެ ފަހުން ޑރ. މިގްދާދު އެތަނާ ގުޅިވަޑައިގެން. އަދި މިހާރު ހަ ކާޑިއޮލޮޖިސްޓުން އެ ސެންޓަރުގައި މަސައްކަތް ކުރައްވާއިރު އެއީ މުޅިން ވެސް ދިވެހި ޑޮކްޓަރުންކަން ފާހަގަ ކުރެއްވި

"މަޑުމަޑުން އަޅުގަނޑުމެން ހަދާ ކޭސްތަކުގެ އަދަދު ގިނަވެ، ވައްތަރުތައް ވެސް ދިޔައީ ގިނަވަމުން. އަދި އާލާތްތަކާއި ޒަމާނީ ވަސީލަތްތައް ވެސް ދިޔައީ ތައާރަފް ކުރަމުން،" މިގްދާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭވަރަށް، އާލާތްތައް މިހާރު ވަނީ އެއްކުރެވިފަ އެވެެ.

އައިޖީއެމްއެޗުން ބުނީ ހިތުގެ ބަލީގެ ފަރުވާތަކުގައި ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު މިހާރު މަދުކުރެވިއްޖެ ކަމަށާއި އެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު ވެސް، ދުނިޔޭގެ ނިސްބަތަށް ބަލާއިރު ދަށް ކުރެވިއްޖެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް