ހިމަބިހިން ދިފާއުވާން ޖަހާ އެމްއެމްއާރު ވެކްސިން.
މި ސަރަހައްދުން ހިމަބިހި އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގައި ރާއްޖެ
ނައްތާލާފައި އޮތް ހިމަބިހި، މި ސަރަހައްދުން އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި މި އަހަރު ރާއްޖެ ވެސް ހިމެނިއްޖެ އެވެ.
ވީ ކިހިނެއް؟ - މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މިއަދާ ހަމައަށް އައިއިރު، ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 72އަށް އަރާފަ އެވެ. މިއީ މި ބަލި ރާއްޖޭން ނައްތާލި ފަހުން އެންމެ ގިނަ އަދަދަކަށް މީހުންނަށް ޖެހުނު ފުރަތަމަ ފަހަރެވެ.
ތަފްސީލް - ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިމަބިހި މި އަހަރު އެންމެ ގިނައިން ފެތުރެމުން ދަނީ ބަންގްލަދޭޝްގަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދެން މި ބަލި އެންމެ ގިނައިން ފެންނަނީ އިންޑިއާއިންނެވެ. މި ފަހަރު ތިން ވަނައިގައި އޮތީ ރާއްޖެ އެވެ. ސްރީ ލަންކާ އާއި ނޭޕާލް އޮތީ މާ ފަހަތުގަ އެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، މި ގައުމުތަކުން މަސައްކަތް ކުރުމަށް ރާއްޖެ އަންނަ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން، ހިމަބިހީގެ ވެކްސިން ފުރިހަމަ ކުރިތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ޓޫރިސްޓުންގެ ކިބައިން ފެންނަ އަލާމާތްތަކަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަލި މި އަހަރު އެންމެ ފުރަތަމަ ފެނުނީ ވެސް ރާއްޖޭން ބޭރުން އައި ބައެއްގެ ގައިންނެވެ.
ހިމަބިހި އަލުން ފެތުރެން ފަށާފައިވާތީ ބަލިން ރައްކާތެރިވުމަށް ވެކްސިން ދޭން މިހާރު ވަނީ ފަށައިފަ އެވެ.
މީގެ ހަތަރު އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 14-20 އަހަރުގެ ގިނަ ބަޔަކު ތިބީ ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކޮށެވެ.
"ހިމަބިހި އެތެރެވީމާ ފެތުރެނީ މިހެންވެ. އެއީ 2 ޑޯޒް ހަމަނުވާ ފަރާތްތައް،" ތަފާސްހިސާބުގެ މައުލޫމާތު ހިއްސާކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާތަނަށް ހިމަބިހީގެ 72 ކޭހަށްވުރެ ގިނައިން ފެނިފައިވާއިރު، ހަތަރު ކުޑަކުދިން ފިޔަވައި ދެން މުޅިން ވެސް ތިބީ އެ އުމުރުގެ މީހުންނެވެ.
އެހެންވެ، ޑޮކްޓަރު ވަނީ އުމުރުން 15-35 އަހަރުގެ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށް އެދިވަޑައިގެންފަ އެވެ.
އެނގުން މުހިއްމު - ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:
-
ހުން އައުން
-
ރޯގާ ޖެހުން
-
ކެއްސުން
-
ލޯ ރަތްވުން
-
ހަމުގައި ރަތް ބިހިތަކެއް ނެގުން
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސީ، ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިޔުމުން ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. މީގެ އިތުރުން ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައަށް އަތްލެވިއްޖެ ނަމަ ވެސް ބަލީގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނާއި ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
އެޗްޕީއޭން ބުނީ:
-
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް
-
ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް
-
ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް
-
ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް
ކޮމެންޓް