ނިޔާވި ޓީޗަރު ސަތީޝް: ބެލެވޭ ގޮތުގައި އޭނާ ނިޔާޥެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން
ލާމުގެ ހަމަދު ސްކޫލްގެ ގިނަ ދުވަސްވީ ޓީޗަރެއްގެ ކުއްލި މަރާ އެކު މުޅި ރަށަށް ބޮޑު ހިތާމައް
ލ. ގަމުގައި ހުންނަ ހަމަދް ބިން ހަލީފާ އަލް ސާނީ ސްކޫލްގެ އެންމެ ގިނަ ދުވަސްވީ އެއް ޓީޗަރަކު އިއްޔެ ނިޔާވެއްޖެ އެވެ. އެއާކު މުޅި ރަށަށް ވަނީ ބޮޑު ހިތާމައެއް ލިބިފަ އެވެ.
ވީ ކިހިނެއް؟ - ނިޔާވެފައި ވަނީ، 18 އަހަރަށް ވުރެ ގިނަ ދުވަހު އެ ސްކޫލުގެ ބައިލޮޖީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިންޑިއާގެ ސަތީޝް ގޮޕިނާތަން އެވެ.
ތަފްސީލު - ގަމު ކައުންސިލް ރައީސް އަފްސަލް ޖައުފަރު މިއަދު 'ދައުރު'އަށް ވިދާޅުވީ، ރަށުގެ ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ސަތީޝް އިއްޔެ އެންމެ ފަހުން އޮތް ޓިއުޝަން ކްލާހުގައި އިންދާ ބޮލުގައި ރިއްސާތީ އުޅުނު ކަމަށްވެ އެވެ. އަދި އޭގެ ފަހުން ހަބަރެއް ނުވެގެން ބެލިއިރު އޮތީ މަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އިއްޔެ ހަވީރު 4ގައި އޮތް ޓިއުޝަން ކްލާސް ކުރުކޮށްލާފައި، ބޮލުގައި ރިއްސާތީ ޓީޗަރު ގެއަށް އައީ 4:30 އެހާކަންހާއިރު
-
ޖެހިގެން އޮތް ޓިއުޝަން ކްލާހަކަށް ޓީޗަރު ނައިސްގެން ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރީގައި އޮތީ މަރުވެފައި
"ޑަބަލް ކީ އިން ކޮޓަރި ހުޅުވާ ބެލިއިރު ހަމަ ރީޗަށް އޮށޯވެގެން އޮތީ. އެކަމަކު އޭރު ވެސް މަރުވައި އޮތް ކަމަށް ބެލެވެނީ. ޑޮކްޓަރުން ވެސް ލަފާ ކުރެވެނީ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް. ބެލެވެނީ ހާޓް އެޓޭކެއް ކަމަށް...އަނެއްހެން ބޮޑު ބައްޔެއް ވެގެންނެއްވެސް ނޫން އުޅުނީ،" އަފްސަލް ވިދާޅުވި އެވެ.
ސަތީޝްގެ މޫނު ދެއްކުން އިއްޔެ ވަނީ ބާއްވާފަ އެވެ. އޭނާ މޫނު ބެލުމަށް އިއްޔެ ގިނަ އަދަދެއްގެ ރަށުގެ ރައްޔިތުން ހޮސްޕިޓަލްއަށް ޖަމާވި އެވެ.
"ވަރަށް ބޮޑު ހިތާމައެއް މިއީ. އަޅުގަނޑުގެ ހަޔާތުގައި ނުދެކެން މީހަކު މަރުވެގެން މޫނު ބަލަން އޭހާ ގިނަ މީހުން ދިޔަ ތަނެއް މި ރަށުގައި. ހޮސްޕިޓަލު ހިސާބުން ކިއު ދަމާލާފައި އޮތް ވަރަށް ދުރަށް ދަމާލާފައި،" އަފްސަލް ވިދާޅުވި އެވެ.
"ވަރަށް ގިނަ މީހުންގެ ލޯބި ލިބިފައިވާ ޓީޗަރެއް އެއީ. ސްކޫލްގެ ބައިލޮޖީ ނަތީޖާ ވެސް ރަނގަޅު އޭނާގެ ސަބަބުން. އެއްވެސް ކަމެއްގައި ޝަކުވާ ނުކުރާ ވަރަށް މުރާލި ޓީޗަރެއް އެއީ."
ޝަތީޝްގެ ކުއްލި ވަކިވުމާ އެކު ހަމަދު ސްކޫލްގެ ފޭސްބުކް ޕޭޖުން ވެސް ވަނީ ތައުޒިޔާގެ ޕޯސްޓެއްކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނި ގޮތުގައި:
-
ސަތީޝް ވަނީ، 18 އަހަރާއި ނުވަ މަހު ސްކޫލަށް ހިދުމަތް ކުރައްވާފައި
-
އޭނާގެ ކުއްލި ވަކިވުމަކީ، ބޮޑު ހިތާމައެއް
-
ސްކޫލަށް ހިދުމަތް ކުރެއްވި ދިގު މުއްދަތަކުގައި އޭނާގެ އިލްމާއި އޯގާތެރިކަމުން އެތައް ޖީލެއްގެ ދަރިވަރުންނަށް ވަނީ ހިތްވަރު ހޯދައިދީފައި
-
"އޭނާގެ ލެގަސީ ދަންނަ އެންމެގެ ހިތްތަކުން ފުހޮވިގެން ނުދާނެ"
ހަމަދު ސްުކޫލް ހުޅުވީ، މީގެ 28 އަހަރު ކުރިން ފެބްރުއަރީ 1998ގަ އެވެ. ސެކަންޑްރީ ގްރޭޑަށް އެ ސްކޫލްގައި ކިޔަވައިދޭން ފެށީ، ޖޫން 2010ގަ އެވެ. ސަތީޝް އެ ސްކޫލާ ގުޅީވަޑައިގެންނެވީ، 2008ގަ އެވެ.
މިހާރު އޭނާގެ ހަށިގަނޑު މާލެ ވަނީ ގެނެސްފަ އެވެ. އަދި ޓެސްޓްތަކެއް ހެދުމަށް ފަހު، ހަށިގަނޑު އިންޑިއާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް