'ޕަލްސް'ގެ ޕޮޑްކާސްޓެއްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ސިޔާސަތަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ޒުވާނުން އެކަމުން ނެރުން: ރައީސް
ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، އެއަށް ދެވިހިފާފައި ތިބި ޒުވާނުން އެކަމުން ނެރުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ރައީސް އޮފީހުގެ 'ޕަލްސް' ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތި ފޮހެލަން ބޭނުން ނަމަ ދާން ޖެހޭނީ އެ މައްސަލައިގެ ހަގީގީ "ރޫޓް ކޯސް"އަށް ކަމަށެވެ. އަދި އެކަމުގައި ސަރުކާރަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި އެކަން ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކާއި އާއިލާތައް ގުޅިގެން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
-
އެ ވަބާ ފޮހެލުމުގައި އަމާޒަކީ މަސްތުވާތަކެއްޗަށް ވަދެފައި ތިބި ޒުވާނުން ސަލާމަތް ކުރުން
-
އަދި މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް އެ މީހުން ހެދުން
-
އެ މީހުންގެ ދިރިއުޅުމަކީ އަބުރުވެރި އަދި ބިނާކުރަނިވި ދިރިއުޅުމަކަށް ހެދޭނެ ގޮތް މެދުވެރިކޮށްދިނުން
"މިސާލަކަށް އެކަމުގެ ތެރެއަށް ވަދެ އާދަވެފައި ތިބި ޒުވާނުން ރިހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައަށް ގެނައުން. އެ މަސައްކަތް ކުރާއިރުގައި ފުރަތަމަ ކަމަކަށް އެއީ ދެކޮޅުޖެހޭ ކަމަކަށް ހަދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފަރުވާދިނުމަށް ފަހު ރިހެބިލިޓޭޓް ވެއްޖެ ކަމަށް ދޫކޮށްލާ މީހާ، އަލުން މަސްތުވާތަކެތި ބޭނުން ކުރަން ފެށުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ.
ވަށާޖެހޭ އަދި ދެކޮޅުޖެހޭ ގޮތެއްގައި އެކަން ކުރެވޭނެ ބައެއް ގޮތްތައް ވެސް ރައީސް ވިދާޅުވެދެއްވި އެވެ. އެއީ:
-
ދީނީ ކަންކަމަށް ލޯބިކޮށް، ނުބައި އަމަލުތަކުގެ ތެރެއަށް ނުނިކުތުމުގެ އަޒުމުގެ ބިންގަލުގެ މަތީގައި ބިނާކުރާ ރިހެބިލިޓޭޝަން ނިޒާމަކަށް ހެދުން
-
އެ ނިޒާމުގައި މުޅި މުޖުތަމައު ބައިވެރިވުން ނުވަތަ 'ކޮމިއުނިޓީ ބޭސްޑް' ރިހެބިލިޓޭޝަން ނިޒާމެއް ގާއިމް ކުރުން
އޭގެ އިތުރުން ރައީސް ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި:
-
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން
-
ޒުވާނުންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުމާއި ކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުން
-
އޭގެ އިތުރުން އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމާއި އަންހެނުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައިދިނުން
ރައީސް ވިދާޅުވީ މިހާރު ތިން ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރު އަޅަމުންދާ ކަމަށާއި އެކަން ނިމެންދެން، އެހެން ގޮތްގޮތުން ވެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.
ކޮމެންޓް