ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުން ވަކިވެފައިވާ ކަމަށް ކަނޑައެޅި ޝުޖާއު އަލީ، ކައުންސިލްތަކުގެ ޖަމިއްޔާއިން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ވ. އަތޮޅު ކައުންސިލް)
ޕާޓީ ބަދަލުކުރުމުން ޝުޖާއު ކައުންސިލަރުކަމުން ވަކިވީ ކަމަށް ކަނޑައަޅައިފި
ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކޮށް ވ. ތިނަދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ޝުޖާއު އަލީ އެ މަގާމަށް އިންތިހާބުވި ފަހުން އިދިކޮޅު އެމްޑީޕީއަށް ބަދަލުވުމުން، ކައުންސިލަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ދަފްތަރުވެއްޖެ ނަމަ އެ މީހަކު ކައުންސިލަރުކަމުން ވަކިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.
ވ. އަތޮޅު ކައުންސިލް ރައީސްކަން މީގެ ކުރިން ކުރެއްވި ޝުޖާއު މި އަހަރު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވީ ވަރަށް މަދު ބަޔަކު ކުރިމަތިލި ޑިމޮކްރެޓްސް ޕާޓީންނެވެ. އެކަމަކު ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންފަ އެވެެ.
ތަފްސީލު - ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ޝުޖާއު ބަދަލުވެ ވަޑައިގެންފައިވާތީ، އޭނާ މަގާމުން ވަކިވެއްޖެ ކަމަށް އަންގާރަ ދުވަހު އެ އޮތޯރިޓީން ބޭއްވި ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މަގާމު މިހާރު ހުސްވެފައިވާ ކަމަށް ކަނޑައަޅައި، އެކަން އީސީއަށް އެންގުމަށް ވެސް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބުންޏެވެ.
ފާހަގަކުރެވޭ - އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގުޅިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ މިހާރު ވަނީ އުވާލާފަ އެވެ.
ޝުޖާއު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލުމުން ކަމަށެވެ.
ކޮމެންޓް