އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯދިގު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ސޯދިގަށް އެންވަޔަރަމަންޓް އަދި ލާމަރުކަޒީ ކޮމިޓީން ޖާގަ ދީފި
ރައްޔިތުންގެ މަޖިލިހަށް މިދިޔަ މަހު އިންތިހާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގަށް މަޖިލީހުގެ ދެ ކޮމިޓީއަކުން މިއަދު ޖާގަ ދީފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު ކުރީކޮޅު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ސޯދިގު މަގާމުގެ ހުވާ ކުރެއްވީ މިދިޔަ މަހު 15ގަ އެވެ. އެއާ އެކު، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13އަށް އަރާފަ އެވެ. އެހެންވެ ކޮމިޓީތަކުން އެ ޕާޓީއަށް އިތުރު ދެ ޖާގަ ލިބެ އެވެ.
ސޯދިގު ކޮމިޓީއަކަށް އައްޔަން ކުރުން ލަސްވެގެން ދިޔައީ އޭނާ އައްޔަން ކުރާނެ ކޮމިޓީއަކާ މެދު ޕީއެންސީ އާއި އެމްޑީޕީގެ ޕީޖީއަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ، ކޮމިޓީތަކުގެ ކޮމްޕޮޒިޝަންއަށް އައި ބަދަލު ފާސްކޮށްފަ އެވެ. އެއީ އެމްޑީޕީއަށް އިތުރު ދެ ކޮމިޓީއަކުން ޖާގަ ލިބުމެވެ. އެގޮތުން:
-
ރިޔާސަތުން ހުށަހެޅުއްވި އެ ހުށަހެޅުން ފާސްވީ 66 މެންބަރުންގެ ވޯޓާ އެކު
-
އެ ހުށަހެޅުމަށް ސޯދިގު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ މެންބަރުން ވެސް ވޯޓު ދެއްވި
-
ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
އެ ވޯޓުގެ ކުރިން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސޯދިގަށް ޖާގަ ދިން ދެ ކޮމިޓީ ހާމަ ކުރައްވާފަ އެވެ. އެއީ:
-
އެންވަޔަރަމަންޓް ކޮމިޓީ
-
ލާމަރުކަޒީ ކޮމިޓީ
ސޯދިގު އައްޔަން ކުރާނެ ކޮމިޓީ ހަމަނުޖެހި ލަސްވެގެން މިދިޔަ ހަފްތާގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ތަޅުމުގައި އިހްތިޖާޖު ވެސް ކުރެއްވި އެވެ.
ކޮމެންޓް