ރާއްޖެ އައި ކްރޫޒްލައިނާ މާލޭ ބޭރުގައި ބަދަރުކޮށްފައި: މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އައި އަދަދަށް ތިން މަސް ދުވަހު %25ގެ ދަށްވުމެއް އައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ހަނގުރާމައިގެ ދައްޗާ އެކު ވެސް އަމާޒަކީ ފަތުރުވެރިން މިދިޔަ އަހަރަށް ވުރެ ދަށް ނުވުން: މިނިސްޓަރު އަމީން
މެދުއިރުމަތީގެ ހަނގުރާމައިގެ ގޮންޖެހުންތަކާ އެކު ވެސް މިހާރު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރަށް ވުރެ ދަށް ނުވުން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު އަމީން މިގޮތަށް ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން:
-
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމަށް ވެސް އޭގެ އަސަރު ކުރަމުންދާއިރު، މިފަދަ ގޮންޖެހުން ބޮޑު ހާލަތްތަކަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކަކީ ކޮބައިތޯ އަނާރާ އެއްސެވި
ތަފްސީލު - އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހަނގުރާމައިގެ އަސަރު ކުޑަ ކުރުމަށްޓަކައި ރައީސް މުހައްމަދު "މުއިއްޒުގެ ބެއްލެވުމުގެ ދަށުން ވަޒީރުންގެ ހާއްސަ ކޮމިޓީއެއް" އުފެއްދެވި ކަމަށެވެ. އަދި "ރައީސްގެ ހާއްސަ ބެއްލެވުމުގެ ދަށުން" އެ ކޮމިޓީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކޮންމެ ދުވަހަކު ރައީސް މިކަމަށް ވަގުތުފުޅު ދެއްވައިގެން، ވަރަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވީތީވެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޒަރީރީ ބޭނުންތަކަށް ބުރޫނާރާ މި ހިސާބަށް އާދެވިފައި މި ތިބީ،" ރައީސް މުއިއްޒުގެ މަސައްކަތްތަކަށް ތައުރީފް ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެއާ އެކު މިނިސްޓަރު ވިދާޅުވީ:
-
މިއަހަރަށް ސަރުކާރުން ކަނޑައެޅި 2.5 މިލިއަން ފަތުވެރިވެރިން ޓާގެޓް ހާސިލުކުރުމަށްޓަކައި މި އަހަރުގެ ފުރަތަމަ ދެ މަހަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު ޕަސެންޓަކުން ކުރިއެރުން ލިބިފައި އޮތް ދެ މަސް
-
ނަމަވެސް ރާއްޖޭގެ ޓޫރިޒަމަކީ، ފަތުވެރިވެރިން ގެނައުމުގައި ވަރަށް ބޮޑަށް މެދުއިރުމަތީގެ އެއާލައިންތަކަށް ވަރަށް ބޮޑަށް ބަރޯސާވެގެން ހިންގާ ޓޫރިޒަމަކަށްވުމުން، އެ ސަރަހައްދުގެ ހަނގުރާމައާ ގުޅިގެން ވަރަށް ބޮޑު އަސަރެއް ޓޫރިސްޓު އެރައިވަލްއަށް ކުރި
-
މިދިޔަ މާޗު މަހާއި އެޕްރީލް މަހުގެ ޓޫރިސްޓުން އައި އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު ގާތްގަނޑަކަށް %25ގެ ދަށްވުމެއް އައި
"އެހެން ނަމަވެސް އަޅުގަނޑު މި ދެންނެވި ރައީސް އުފެއްދެވި ކޮމިޓީގެ މަސައްކަތާއި މުޅި އިންޑަސްޓްރީގެ ގުޅުމާ އަދި ވަރަށް ގިނަ ބޭފުޅުން ކުރެއްވި މަސައްކަތުން އަޅުގަނޑުމެންނަށް އެކަންތައް ވަރަށް ބޮޑަށް މިއަށް މިޓިގޭޓް ކުރެވި، މި މަހު ވަރަށް ރަނގަޅު ޕަސަންޓޭޖަކުން ކުރިއެރުން ލިބިފައި މިހުރީ،" އަމީން ވިދާޅުވި އެވެ.
"އިރާދަކުރެއްވީތީ [މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން] ތިން މަސްދުވަހު މިފަދަ ގެއްލުމެއް [%25ގެ ދަށްވުމެއް] ވިޔަސް އަޅުގަނޑުމެންގެ މިހާރުގެ ޕްރޮޖެކްޝަނަކީ އަދި މި ކުރެވޭ މަސައްކަތްތަކަކީ މިއަހަރު ނިމޭއިރު މިދިޔަ އަހަރަށް ވުރެ ދަށް ނުވުން."
މިދިޔަ އަހަރު ރާއްޖެ އައި ފަތުވެރިންގެ އަދަދަކީ 2.2 މިލިއަން ފަތުރުވެރިންނެެވެ. މިއަހަރުގެ މިދިޔަ ހަ މަސްދުވަސް ތެރޭ 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ހަނގުރާމައިގެ ގޮންޖެހުމާ އެކު ވެސް މިއަހަރު ފަތުރުވެރިކަން މިދިޔަ އަހަރަށް ވުރެ ދަށް ނުވެއްޖެ ނަމަ، އެއީ "ރާއްޖެއަށް ހޯދޭނެ ވަރަށް ބޮޑު ކާމިޔާބެއް" ކަމަށެވެ.
ހަނގުރާމައިގެ ގޮންޖެހުންތައް ކުޑަ ކުރުމަށް ކުރެއްވި ބައެއް މަސައްކަތްތައް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ހާއްސަ ޕްލޭނެއްގެ ދަށުން އެއާލައިންތަކަށް ރާއްޖެއަށް ދަތުރު ކުރަމުން ހާއްސަ ލުއިތަކެއް ދިނުން
-
އެ ރޫޓްތަކުގެ ދަތުރުތައް މެދުނުކެނޑި ކުރިއަށް ދެވޭނެ ގޮތަށް ހެދުމަށް ވެސް މަސައްކަތްތަކެއް ކުރި
-
މެދުއިރުމަތީގެ ގައުމުތަކުގެ އެއާޕޯޓުތައް ނުލައި އެހެން ރޫޓްތަކުން ރާއްޖެއަށް ޓޫރިސްޓުން އާދެވޭނެ ގޮތްތަކެއް ހޯދައިދިނުން
"މި ކަންތައްތަކާ އެކު އަޅުގަނޑުމެންނަށް މިވަރަށް ވެސް މެއިންޓެއިން މި ކުރެވުނީ... ރާއްޖޭގެ މުޅި ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީ އަދި އެއާލައިންތަކާ މި އެންމެން ގުޅިގެން މި ކުރެވުނު މަސައްކަތަކީ ހަމަ މިސާލެއް ފަދަ މަސައްކަތްކެއް،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި މަހުގެ 20 ވަނަ ދުވަހު މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިވާ ވަނީ ރާއްޖެ އައިސްފަ އެވެ. ހަނގުރާމައިގެ ގޮންޖެހުމުގެ ސަބަބުން މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލްކުރެވުނީ މިދިޔަ އަހަރަށް ވުރެ ލަހުންނެވެ. މިދިޔަ އަހަރުގެ 1 ވަނަ ފަތުރުވެރިޔާ އައީ ޖޫން މަހުގެ ފުރަތަމަ ހަފްތާގަ އެވެ.
މިހާރު އެވްރެޖުކޮށް ރާއްޖެ އަންނަނީ ދުވާލެއްގެ މައްޗަށް 5،000އެއްހާ ފަތުރުވެރިންނެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ގޮންޖެހުންތަކާ އެކު ވެސް މިހާރު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރަށް ވުރެ ދަށް ނުވުން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވި.
— Dhauru (@Dhaurunews) June 30, 2026
އިތުރަށް ކިޔާލަން: https://t.co/AvKkblK0GM pic.twitter.com/9Oosn2oDJn
ކޮމެންޓް