އެޗުޑީސީިގެ 'ޓްރާންސްފޯމިން ޓުމޯރޯ'ގައި ހިމެނޭ ރަސްމާލެ ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތް. (ފޮޓޯ/އެޗުޑީސީ)
ރަސްމާލެ މާސްޓަ ޕްލޭން ތައްޔާރުކުރަން ކޮންސަލްޓަންޓަކު ހޯދަނީ
ރަސްމާލެ ޑިޒައިންކޮށް މާސްޓަ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ހިދުމަތްދޭނެ ފަރާތެއް ހޯދަން އިންފްރާންސްޓްރަކްޗާ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގެ ޑިޒައިންކޮށް، އެތަން ތަރައްގީކުރާނެ ގޮތުގެ މާސްޓަ ޕްލޭން އެކުލަވާލަން، ކޮންސަލްޓެންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަަހަޅަން ހުޅުވާލީ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހުގެ 10 ޖެހުމާ ހަމައަށެވެ.
ތަފްސީލް - މި އިއުލާންގައިވާ ގޮތުން:
-
މި މަސައްކަތަށް ޕްރީ ބިޑިން ބައްދަލުވުމެއް ނޯންނާނެ
-
އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ 5ގެ މެންދުރު 12ގެ ކުރިން މިނިސްޓްރީއަށް މެއިލް ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ
-
ބީލަންތައް ވަޒަންކުރާނެ ގޮތް ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް)ގައި ހިމެނިފައިވާނެ
މި އިއުލާންގައިވާ ގޮތުން، މާސްޓަޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ހިދުމަތް ހޯދަނީ، ބޭސްލައިން ސްޓަޑީ ހެދުމާއި އާބަން ޑިވެލޮޕްމަންޓް ފްރޭމްވޯކް އެކުލަވާލުމާއި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުން ފަދަ މަސައްކަތްތައް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ރާވާ ހިންގުމަށެވެ.
ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވެ އެ މަސައްކަތާއި ހަވާލުވާ ބަޔަކު މަސައްކަތްކުރަންވާނީ އިގްތިސާދީ ގޮތުން އިދާހުރި، ތިމާވެށްޓާ ރަށްޓެހި ހައްލުތައް ގެނެވޭނެ ގޮތަކަށް މަސައްކަތްތައް ޑިޒައިންކޮށް، އެކުލަވާލަން ކަމަށް މި މަސައްކަތުގެ ޓީއޯއާރުގައިވެ އެވެ. އެގޮތުން މި މާސްޓަ ޕްލޭންގައި:
-
ބިން ބޭނުންކުރެވޭނެ އެންމެ ފައިދާހުރި ގޮތަށް ރާވަން ވާނެ
-
އިންގިލާބީ ބަދަލުތަކާއި ދަތުރުފަތުރާއި ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ގޮތާއި ކުރިމަތިވެދާނެ އާބަން ޗެލެންޖުތަކަށް ހައްލު ހިމަނަންވާނެ
-
މާސްޓަ ޕްލޭންއަށް ހުށަހަޅާ ހުރިހާ ސްޓްރެޓެޖީއެއް ވެސް ކާބަން ނިއުޓްރަލިޓީ ހާސިލުކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކެއްގެ ދަށުން ދިގުމުއްދަތަކަށް ބޭނުންކުރެވޭނެ ނިޒާމެއް އޮންނަ ގޮތަށް ރާވަން ވާނެ
-
މާސްޓަޕްލޭންގައިވާ ކަންކަން ރާވަންވާނީ ތިމާވެއްޓާއި ވަށައިގެންވާ މާހައުލު އަދި ކަނޑުގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ބަލައިގެން
އެނގުން މުހިއްމު - މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މި ސަރުކާރުގެ އެންމެ ކުރީ ކޮޅު، 18 ޑިސެމްބަރު 2023ގަ އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރަސްމާލެގެ ނަމުގައި އެ ސަރަހައްދު ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށްކަމަށެވެ. އެއީ ޒީރޯ ކާބަން ސަހަރެއް ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
މީގެ އިތުރުން، ރަސްމާލެ އާއި މާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް