ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދަައުވާލިބޭ އަދުހަމް މުހައްމަދު

އަދުހަމް މެރުމަށް ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 16 އޭޕްރީލް 2023ގައި
1 ގަޑިއިރު ކުރިން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ އަދުހަމް މުހައްމަދު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ:

  • އަދުހަމް މުހައްމަދު، ބޮޑުހިޔާގެ/ޅ. ހިންނަވަރުގެ މައްޗަށް

  • ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ އެ މަހުގެ 20 ވަނަ ދުވަހު

  • އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ

  • އަދުހަމް، ގާސިމް މަރާލީ ބިރުދައްކައިގެން ގާސިމްގެ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ބުނޭ

ވީކިިހިނެއް؟ - އަދުހަމް މެރުމަށް 16 އޭޕްރީލް 2023ގައި ދަށު ކޯޓުން ކުރި ހުކުމަކީ ތިން މަރުހަލާ ފުރިހަމަ ކުރަން ޖެހޭ ހުކުމަކަށް ވާތީ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފްކުރި އެވެ.

ތަފްސީލް - ހައި ކޯޓުން މިއަދު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބަނާޒް ފަހްމީ ވިދާޅުވީ ގާސިމް ހަސަން މަރާލުމުގެ ނިޔަތް އޮތް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހުރި ކަންކަން އެ ގޮތުގައި ދެމިއޮތް ކަމަށެވެ. އެގޮތުން:

  • އަދުހަމް ވަޅިއެއް ގަތުމުގައި ފޭރުމުގެ ގޮތުން ހަމައެކަނި ބިރު ދެއްކުމުގެ ބަދަލުގައި، ފަސޭހައިން އިންސާނެއްގެ މަސްގަނޑު ކަފައިލެވޭ ވަޅިއެއް ގަތުމަށް ބެލިކަން ހެކިތަކުން އެނގޭ

  • ހަމަލާ ދިނީ ގާސިމް ހަސަންގެ ކަރަށް ކަމާއި ކަރަށް ހަމަލާ ދިނުމަކީ މީހަކު މަރާލުމުގެ ފުރުސަތު ބޮޑު ކަމަށް ވާތީ ފޭރުމުގެ ތެރެއިން މީހަކު މަރާލެވޭ ވަރަށް ވީހާ ވެސް އަނިޔާވެރި ހަމަލާއެއް ދިނުމުގެ ނިޔަތް އޮތް ކަމަށް ބާރު ލިބޭ

  • އަދުހަމްގެ އަމަލުތައް ހުރީ މަސްތުވެފައި ހުރުމުގެ ސަބަބުން އޭނާ ކުރި އަމަލު ނޭނގޭ ވަރަކަށް ނޫން؛ އެއަށް ވުރެ ބޮޑަށް ރޭވުންތެރިކަމާއި ބުއްދި ބޭނުންކޮށްފައި ހުރީ އެއަށް ވުރެ ކުޅަދާނަކޮށްކަން ފެންނަން އެބައޮތް

ދީބަނާޒްގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ހައި ކޯޓުގެ އިސް ފަނޑިޔާރު ޖަމީލް މޫސާ އާއި ހުސައިން މަޒީދު ވެސް ތާއީދު ކުރެއްވި އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ:

  • ތަހުގީގު މަރުލަހާގައި ގާނޫނީ އިންޒާރު ދިނުމާއި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދީފައިވޭ؛ އަދި ޝަރީއަތުގެ މަރުހަލާތަކުގައި ވަކީލަކު އައްޔަންކުރުމާއި ދިފާއުވުމަށް އެކަށީގެންވާ ވަސީލަތްތަކާއި ވަގުތު ދިނުން ހިމެނޭ ގޮތަށް ކުށުގެ ތުހުމަތުވާ މީހުންނަށް ގާނޫނުއަސާސީން ކަނޑައަޅާފައިވާ ހައްގުތައް އަދުހަމަށް ލިބިދީފައިވޭ

  • އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފްވީ ނަމަވެސް އަވަސް ނިޔާގެ ޝަރީއަތުގައި މީހަކު ގަސްތުގައި މީހަކު މެރުމަށް އިންކާރުކޮށް ފުލުހުން އޭނާއަށް ގަދަކަމުން މަސްތުވާތަކެތި ދިން ކަމާއި ކުށަށް އިއުތިރާފްވާން މަޖުބޫރުކުރުވި ކަމަށް ބުނި؛ ނަމަވެސް އެކަން ހިނގިކަން ސާބިތުވެފައެއް ނުވޭ

ތިން މަރުހަލާ ފުރިހަމަކުރަން ޖެހޭ ހުކުމަކަށްވާތީ ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރަން ޖެހޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް