2016 ގެ އެލްނީނޯ ހާލަތުގައި ބ. އަތޮޅުގެ ފަރެއްގައި ގާ ހުދުވެ، މުރަކަތައް މަރުވެފައި -ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް
އެލްނީނޯއިން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ބަލަނީ
ޕެސިފިކް ކަނޑުގެ ސަރަހައްދުގައި 'އެލްނީނޯ' ނުވަތަ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ އަސަރުތައް ފެށިފައިވާއިރު އޭގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ބަލަމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން، މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟- ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި، މިއީ މިހާތަނަށް ރެކޯޑް ކުރެވޭ އެންމެ ވަރުގަދަ އެލްނީނޯއަށް ވުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ދުނިޔޭގެ ހޫނުމިން އާދަޔާހިލާފަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.
އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ)އިން ބުނެފައިވާ ގޮތުގައި:
-
ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ވަނީ އެލްނީނޯއެއްގެ ގޮތުގައި ބަލާ މިންގަނޑު ކަމަށްވާ 0.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައި
-
އަދި އަންނަ ނޮވެމްބަރު މަހާއި ޖެނުއަރީ މަހާ ދެމެދު މިއީ "ވަރަށް ވަރުގަދަ އެލްނީނޯ"އަކަށް ބަދަލުވުމުގެ %63 ފުރުސަތު އެބަ އޮތް
އެއާ އެކު މެޓު އޮފީހުން މިއަދު އާއްމުކުރި އެންގުމެއްގައި ބުނީ، މެދު މިންވަރަކަށް އަދި ބާރުގަަދަކޮށް، އެލްނީނޯ ކުރިމަތިވި ފަހަރުތަކުގައި ރާއްޖެއަށް އާއްމުކޮށް ވާރޭވެހޭ މިންވަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން ބައެއް މަސްމަހު އާއްމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހުނު އިރު، އަނެއް ބައި ފަހަރު މަދުވާ ކަމަށް ބުންޏެވެ.
މެޓުން ބުނީ:
-
ކޮންމެ އެލްނީނޯ އަހަރެއްގައި ވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެ ކަމަށް
-
އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް
-
ރާއްޖޭގެ މޫސުމަށް ނުވަތަ ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމަށް
-
އެލްނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ދަނީ ބަލަމުން
މެޓުން ބުނިގޮތުގައި ރާއްޖޭގެ މޫސުމަށް ނުވަތަ ވާރޭ ވެހޭ މިންވަރަށް ނުފޫޒު ފޯރަނީ ހަމައެކަނި 'އެލްނީނޯ ސަދަން ޖޫލިއަން އޮސިލޭޝަން' އިން ނޫނެވެ. 'އިންޑިއަން އޯޝަން ޑައިޕޯލް' އާއި 'މެޑަން ޖޫލިއަން އޮސިލޭޝަން' ފަދަ މޫސުމީ އެހެން ކަންތައްތަކުން ވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރުކުރާ ކަމަށް ބުންޏެވެ.
ކޮމެންޓް