ރައީސް މުއިއްޒު ޕޭޕަލްގެ ހިދުމަތް އިފްތިތާހުކޮށްދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ޕޭޕަލް ވޮލެޓު 2100އަށް ވުރެ ގިނަ މީހުން އެކްޓިވޭޓުކޮށްފި
ޕޭޕަލްގެ ހިދުމަތާ 3،000އަށް ވުރެ ގިނަ މީހުން ގުޅި، 2،159 މީހަކު މިހާތަނަށް ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލުކުރީ:
-
ޕޭޕަލްގެ ހުރިހާ ފީޗާސްތަކެއް އަދިވެސް ދިވެހިންނަށް އެންމެ ފުރިހަމައަށް ލިބެން ނެތުމުންނާއި ޕޭޕަލްގެ އެޕްލިކޭޝަންތައް ޕްލޭ ސްޓޯރުން ފެންނަން ނެތުމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރޭ
-
އެހެންވެ، އެ ހިދުމަތް އެންމެ ފުރިހަމައަށް ރާއްޖޭގައި ދިނުމުގައި ސަރުކާރުން އިތުރަށް ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ
ބުނީ ކީކޭ؟ - ޖަވާބުގައި ރައީސް ވިދާޅުވީ، ޕޭޕަލްއަކީ ރާއްޖެއަށް ގެންނަން މަސައްކަތްކޮށް މީގެ ކުރިން ކާމިޔާބުނުވެ އޮތް އެއްޗެއް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން ޕޭޕަލް ރާއްޖެއަށް ތާއާރަފުކޮށް، އެ ހިދުމަތުގައި ވަރަށް ގިނަ ބަޔަކު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ބައިވެރިވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
-
މިއަދާ ހަމައަށް ޕޭޕަލްއަށް 3،280 މީހަކު ލިންކުކޮށްފައިވޭ
-
އޭގެ ތެރެއިން 2،159 މީހަކު ވޮލެޓު އެކްޓިވޭޓުކޮށްފައިވޭ
-
އެހެންވީމާ މިއީ ފުރަތަމަ ސްޓެޕް؛ މީގެ ތެރެއިން ހާސިލުކުރެވޭނެ އިތުރު ކަންކަން ވެސް އަދި އެބަހުރި
-
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއްޗަކީ ޕޭޕަލް ކަމަށްވާއިރު، ރާއްޖެއަށް ޕޭޕަލް ތައާރަފުވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއް
"އެހެންވީމާ ކުރީގަ އެއްގޮތަކަށް ވެސް ހާސިލުނުވެ އޮތް ކަމެއް ހާސިލުވެގެންދިޔަ ދިއުން އެއީ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ކަމެއް. އެއީ ކޮންމެ ގޮތެއް ވިޔަސް 2،159 ފަރާތުން މިހާރު އެވަނީ ވޮލެޓު އެކްޓިވޭޓުކޮށްފައި. ދެން އޮންނާނީ މިކަމުގެ ތެރެއިން ކުދިިކުދިން ވިޔަފާރީތައް ކުރާ މީހުން ނޫނީ އެއްޗެހި އުފައްދާ ފަރާތްތައް އެތަކެތި ވިއްކާ އޭގެ ފައިސާ ލިބިގަތުން. އެކަމުގެ ފުރުސަތު އެވަނީ މިހާރު އެތައް ފަރާތަކަށް ލިބިފައި." ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ރާއްޖެއަށް ރަސްމީކޮށް ޕޭޕަލްގެ ހިދުމަތްތައް މި މަހުގެ 15ގައި ވަނީ ތައާރަފުކޮށްފަ އެވެ. އެ ހިދުމަތް ރާއްޖެއަށް ލިބެނީ އުރީދޫގެ ޑިޖިޓަލް ވޮލެޓު، 'އެމް-ފައިސާ' މެދިވެރިކޮށެވެ.
ޕޭޕަލް ހިދުމަތާ އެކު:
-
ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް އެ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކުމުގެ މަގުފަހިވާނެ
-
ޕޭޕަލް އާއި އުރީދޫ އެމް-ފައިސާ އެކައުންޓާ ދެމެދު ފައިސާ ޓްރާންސްފާކުރެވޭނެ
-
އެމް-ފައިސާ މެދުވެރިކޮށް 'ގްލޯބަލް ޓު ލޯކަލް' ޓްރާންސެކްޝަންތައް އެއްވެސް ދައްޗަކާ ނުލައި މިހާރު ކުރިއަށްގެންދެވޭނެ
ކޮމެންޓް