އުރީދޫ އެމްފައިސާ މެދުވެރިކޮށް ރާއްޖެއަށް ޕެޕަލް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ޕޭޕަލްއާ އެކު ރާއްޖޭގެ އިގްތިސާދީ އެކަނިވެރިކަމަށް މި ވަނީ ނިމުން އައިސްފައި: ރައީސް
ރާއްޖެ އުފެދިފައި އޮންނަ ގޮތުން އިގްތިސޯދު ކުރިއަރައިދިޔުމަށް ކުރިމަތިވާ ހުރަސްތައް ދެން ކުރިމަތިނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް މިއަދު ބާސެލޯ ނަސަންދުރަ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށާއި ފަންނުވެރިންނަށް މިހާރު އޮންނާނެ ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ މީގެ ކުރިން ކާބަފައިންގެ ޒަމާނުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔެ ގުޅުވައިދިނީ ކަނޑުދަތުރުފަތުރުން ކަމަށާއި ނަމަވެސް މިއަދު ޑިޖިޓަލް އިކޮނޮމީގެ ޒަރިއްޔާއިން ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔެ ގުޅި ލާމެހިފައިވާ ކަމަށެވެ.
ރައީސް ވަނީ އެތައް އަހަރެއްވަންދެން ޕޭޕަލްގެ ހިދުމަތަށް ދިވެހިން ކުރި އިންތިޒާރަށް އުފާވެރި ނިމުމެއް ގެނެސްދިނީތީ ޕޭޕަލް އަށާއި އުރީދޫ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ޒުވާން އިނޮވޭޓަރުންނާއި ކްރިއޭޓަރުންނަށް ދިމާވާ ދަތިތަކުގެ ވާހަކަ މީގެ ކުރިން އެއްސެވި ކަމަށާއި އެތައް އަހަރެއް ވަންދެން އެފަދަ މީހުންނަށް ވިސްނައިދީފައި އޮތީ ރާއްޖޭގެ އިގްތިސޯދު ކުޑަކަމުން ޕޭޕަލް ފަދަ ހިދުމަތްތައް އެންމެ ފުރިހަމަކޮށް ލިބުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްގެ ގޮތުގައި ކަމަށެވެ.
"ޕޭމެންޓު ބޭރަށް ފޮނުވުނު ނަމަވެސް ޕޭމަންޓުތައް ނުލިބޭ. ބޭރުގެ އެކި ފަރާތްތަކުގެ އަތުން ގަނެވުނު ނަމަވެސް އަމިއްލަ ހުނަރު ވިއްކުމަށް ލިމިޓުތައް ހުރި،"
ފަންނުވެރިންނާއި އިނޮވޭޓަރުންގެ ހުނަރުތައް ވިއްކުމަށް ހުރި އާޓިފިޝަލް ލިމިޓޭޝަންތައް މިއަދު ނިމުމަކަށް އައީކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު 2023 ގައި ވެރިކަމާ ހަވާލުވެ ކުރެވުނު މަސައްކަތުގައި، ޖިއޮގްރަފީގޮތުން ރާއްޖެ އޮތް ގޮތަކީ ފުރުސަތުތައް ހަނިވާނެކަމެއް ކަމަށް ގަބޫލު ނުކުރާކަމަށް ބުނިން. ރާއްޖޭގެ ކްރިއޭޓަރުންނަކީ ގްލޯބަލް ބޭންކިން ސިސްޓަމަށް އިންވިޒިބަލް ބަޔެއްގެ ގޮތުގައި ތިބޭތިބުން ގަބޫލު ކުރަން ދެކޮޅު ހެދިން،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރާއި އަޅުގަނޑުމެންގެ ޕާޓްނަރުންނާ ގުޅިގެން ކުރެވުނު މަސައްކަތުން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވި މިއީ ރާއްޖޭގެ އިގްތިސޯދީ ތާރީހުގައި މުހިއްމު ބާބެއް ހުޅުވުނު ދުވަހެއް."
ރައީސް ވިދާޅުވީ ހަމައެކަނި ޓްރެޑިޝަނަލް ސެކްޓާތަކަށް ބަރޯސާވެގެން އިގްތިސޯދީގޮތުން ކުރިއަށް ނުދެވޭނެ ކަމަށާއި އިގްތިސޯދު ފުރިހަމަގޮތުގައި ސިންދަފާތު ކުރެވޭނީ އާ ދާއިރާތައް ކުރިއަރުވައިގެން ކަމަށެވެ.
ޕޭޕަލްއަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓުގެ އެއް ހިއްސާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ އަކީ ދުނިޔޭގެ ބޮޑެތި ޑިޖިޓަލްް އިންފްރާސްޓްރަކްޗާތައް ހޯސްޓުކޮށް، ގްލޯބަލް ހަބެއްގެ ގޮތުގައި މަސައްކަތް ކުރަން ރާއްޖެ ތައްޔާރުކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (2)
ސިކުނޑި
ހަތަރެސްކަން