ފުލުހުންގެ 93 ވަނަ އަހަރީ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)
ހިދުމަތްދޭން ހުރި ދަތިތައް ނައްތާލަން ފުލުހުންގެ ގާނޫނަށް ބަދަލު ގެންނަނީ
ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރި ދައްތިތައް ނައްތާލުމަށް ފުލުހުންގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްދިނުމަށް ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުން ކަމަށާއި ފުލުހުންގެ މުވައްސަސާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ފުލުހުންގެ މުވައްސަސާ ހަދުދަނާ ވަނީ ގިނަ ކަންތައްތަކެއް ހިމެނިގެން ކަމަށެވެ. ކޮންމެ ދުވަހަކު ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ފުލުހުންނަކީ އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް، އެންމެ ފުރިހަމައަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ހިދުމަތް ދޭ ބަޔެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ގައުމުގެ އަމަންއަމާންކަން ރައްކާތެރި ކުރުމާއި މުޖުތަމައުގައި ތަންފީޒީ އިދާރާއެއްގެ ގޮތުން ލޯ އެންޑް އޯޑަރު ދެމެހެއްޓުމުގައި، ޔަގީން ކުރުމުގައި ފުލުހުންގެ ފަރާތުން ދެއްވާ ހިދުމަތަކީ ވަރުގަދަ ގައުމީ ހިދުމަތެއް، ވެވަޑައިގަންނަވާ ވަރަށް ބޮޑު ގުރުބާނީއެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މުވައްސަސާ އިތުރަށް ވަރުގަދަކުރުމުގައި ސަރުކާރުން އިސްކަން ދޭންޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި އެއީ ސިޔާސަތު ކަމަށެވެ. ފުލުހުންނާއި ސިފައިންގެ ހިދުމަތް ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުޖުތަމައުގައި ހުރި އުނދަގޫ ގިނަ ކަންތައްތައް ހައްލު ކުރުމަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުން ގިނަ މަސައްކަތްތަކެއްކޮށް، ގުރުބާނީތަކެއް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގައި އެތައް އަހަރެއް ވަންދެން ފުޅާވަމުން، މޫލަމުން ގޮސްފައިވާ ނުރަނގަޅު އެތައް އާދަތަކެއް، އެ އާދަތަކުން ގައުމު ސަލާމަތް ކުރުމަށް މުޖުތަމައު ރައްކާތެރި މުޖުތަމައަކަށް ހެދުމަށް މި މުވައްސަސާގެ ހިދުމަތްތެރިން ކުރައްވާފައިވަނީ ބުރަ މަސައްކަތްތަކެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ އިޖުތިމާއީ ސިޔާސަތުގެ ތެރެއިން ހަމަޖެހުމާއި ރައްކާތެރިކަން ގާއިމްކުރުމަށް ރައްޔިތުންނާ އެންމެ ގާތުން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަނީ ފުލުހުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް އެބަހުރި ކަމަށާއި މިހާރު ގާނޫނު ބައްޓަންވެފައި އޮތްގޮތުން ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތްދޭން ހުރަސްތައް އެބަހުރިކަމަށެެވެ.
"އެ ބަދަލުތައް ފުލުހުންގެ މުވައްސަސާ އިން މަޝްވަރާކުރައްވާ ތި ބޭފޫޅުން ކުރައްވާ ދިރާސާތައް ކުރައްވާ ނިންމަވާ ހެއްދެވީމާ އެކަމަށް ދޭންޖެހޭ އިޖާބަ ސަރުކާރުންދޭނަން. ފުލުހުންގެ މުވައްސަސާ އިތުރަށް ހަރުދަނާކޮށް، ތިބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކާ އެ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއްކަމުގައި ތިބޭފުޅުން ފާހަގަ ކުރައްވާ ކޮންމެ ބަދަލެއް ގެނެސްދިނުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންނަށް ކުރިއެރުން ހޯދައދޭން ދެން ހުރި ހުރަސްތައް ނައްތާލުމަށް އަހައްމިއްޔަތުކަން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ:
-
ދ. ވާނީގައި ހިންގާ ފުލުހުންގެ ޓްރެއިނިން މަރުކަޒަކީ ޒަމާނީ، ސްޓޭޓް އޮފް ދި އާޓް މަރުކަޒަކަށް ހަދައިދެއްވާނެ ކަމަށް
-
އިސްކަންދަރުކޮށި 2ގެ މަސައްކަތް ކުރިއަށް ގެންދާނަން
-
މާލެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ފުރިހަމައަށް ގާއިމްވެފައި ނެތް؛ ހުޅުމާލެ ފޭސް 2ގައި އެކަށީގެންވާ ބޮޑު އިމާރާތެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާން
-
ފުލުހުންގެ މައި މަރުކަޒުގެ ޖާގަ ކުޑަ. މާލޭގައި ޒަމާނީ، ޖާގަ ތަނަވަސް މައި މަރުކަޒެއް ތަރައްގީކޮށްދޭނަން
-
ފުލުހުންގެ ތަރައްގީއަށް ބަޖެޓުން އިސްކަންދޭނަން
މީގެ އިތުރުން ރައީސް ވިދާޅުވީ ފުލުހުންގެ އަަދަދު އަދިވެސް އިތުރުކުރަން ޖެހޭ ކަމަށާއި އެކަމަށް ވެސް ބަޖެޓު ހަމަޖައްސައިދެއްވާނެ ކަމަށެވެ.
މި ސަރުކާރުގައި އަލަށް ފަށާ މަޝްރޫއުގައި ކަނޑައަޅާފައި އޮތް ކޯޓާގެ އިތުރަށް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުން ފުލުހުންނަށް ހާއްސަ ބޯހިޔާވަހިކަން ކަނޑައަޅުއްވާނެ ކަމަށާއި އެ ތަންތަނަކީ ދާއިމަށް މިލްކުވާ ތަންތަނަށް ވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.
ކޮމެންޓް