ރޭގެ ވިއްސާރާގައި އަމާން ދޯދި ފްލެޓުތަކަށް ފެންވަދެގެން އެތަނުގައި އުޅޭ ބަޔަކު ފެން ހިއްކަނީ.
ރޭގެ ވިއްސާރާގައި އަމާން ދޯދި ފްލެޓުތަކަށް ފެން ވަނުމުން ޝަކުވާ
ރޭ ކުރި ވިއްސާރައިގައި އަމާން ދޯދި ފްލެޓުތަކަށް ވަރަށް ބޮޑަށް ފެން ވަނުމުން އެތަންތަނުގައި ދިރިއުޅޭ މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޭ މާލެ ސަރަހައްދަށް ހުއްޓާނުލާ ގިނައިރުތަކެއް ވަންދެން ބޯކޮށް ވިއްސާރަކުރި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ބުނި ގޮތުގައި، މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ދޭތެރެ ދޭތެރެއިން މި ފަދަ ކެރިގަނޑުތައް އައުން އެކަށީގެންވެ އެވެ.
ތަފްސީލް - ރޭކުރި ވިއްސާރައިގައި އަމާން ދޯދި ޓަވަރުތަކަށް ފެންވަދެ ޓަވަރުތަކުގެ ކޮރިޑޯ އާއި ބައެއް ފްލެޓުތަކުގައި ވެސް ފެންބޮޑުވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރޭ ހަތަރުދަމު ނުނިދާ އުޅެންޖެހުނީ ފެން ހިއްކުމުގަ ކަމަށް ބުނެ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
"ރޭގައި ނުނިދާ އުޅެން ޖެހުނީ ފެން ވަންނަވަރުން. ގުޅަންދީފާ އިންނަ ނަންބަރުން ފޯނެއް ވެސް ނުނަގާ. ވިއްސާރަ ވެއްޖެއްޔާ ވަރަށް ހާލުގައި އުޅެންޖެހެނީ،" ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ލިޔެފައިވެ އެވެ.
ބައެއް މީހުން ބުނި ގޮތުގައި، ވާރޭކޮޅެއް ވެހިލާއިރަށް އެތަނަށް ފެންވަނަނީ، އިމާރާތުގައި ބަންދުކުރަންޖެހޭ ބައެއް ތަންތަން ބަންދުނުކޮށް ހުންނާތީ އެވެ. ކުޑަދޮރުތައް ބަންދުކޮށްފައި ހުންނައިރު ވެސް ފެން ވަންނަކަމުގެ ޝަކުވާ ބައެއް މީހުން ކުރި އެވެ. އެއީ އެކަމަށް އެންމެ އެކަށީގެންވާ ގޮތަށް ހަދާފައި ހުރި ކުޑަދޮރުތަކެއް ނޫންކަން ވެސް ބައެެއް މީހުން ފާހަގަކުރި އެވެ.
ވިއްސާރަ ވެއްޖެއްޔާ ދޯދި ފްލެޓު ތަކުގެ ހާލަތު. ދޮރު އަރުވައި ބަންދު ކުރަންޖެހޭ ތަންތަން ބަންދު ނުކޮށް، ބައެއް ތަންތަނުގަ ދަގަނޑު ގަނޑެއް ޖަހާފައި. ދޯދި 16 ވަނަ ޓަވަރުގެ އެއް ލިފްޓު ހަލާކުވެފަ ހުންނަތާ ތިންމަސް ވެއްޖެ! @HamdhanShakeel @Fdc_mv @MMuizzu @muththo pic.twitter.com/lIFNZxqQ65
— Yappey Calo (@yappeycalo) June 27, 2026
"ވިއްސާރަ ވެއްޖެއްޔާ ދޯދި ފްލެޓު ތަކުގެ ހާލަތު. ދޮރު އަރުވައި ބަންދު ކުރަންޖެހޭ ތަންތަން ބަންދު ނުކޮށް، ބައެއް ތަންތަނުގަ ދަގަނޑު ގަނޑެއް ޖަހާފައި. ދޯދި 16 ވަނަ ޓަވަރުގެ އެއް ލިފްޓު ހަލާކުވެފަ ހުންނަތާ ތިން މަސް ވެއްޖެ،" ޓަވަރަށް ފެންވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
ވިއްސާރަކޮޅެއް ވެހިލާއިރަށް ލިފްޓުތަކުގައި މައްސަލަޖެހޭތީ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
ވިއްސާރަވެއްޖެއްޔާ ކޮންމެ ފަހަރަކު ފެންވަނުމުގެ މައްސަލަ ދިމާވާތީ އާއި ލިފްޓުތަކުގައި މައްސަލަޖެހި ތިން މަސްދުވަސްވީއިރު އެ މައްސަލަ ހައްލުނުވާތީ، ކޮންމެ މަހަކު މެއިންޓަނެސް ފީގެ ގޮތުގައި ނަގާ 1000ރ.އަށް ކުރަނީ ކީއްތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.
"ވީހާ ވެސް އަވަހަށް މިކަންކަން ހައްލުކޮށްދީ. ވިއްސާރަ މޫސުން މިއޮތީ އައިސްފައި. މިތާ ދިރިއުޅޭ މީހުންނަށް އަބަދު މިހެންނެއް ދިރިއެއް ނޫޅެވޭނެ. މިއީ މިފަދަ ހާލަތަކަށް އެންމެ ފިޓުވާ ކުޑަދޮރުތަކެއް ނޫންކަން ސާފު،" ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އިތުރު މީހަކު ލިޔެފައިވެ އެެވެ.
"ކުޑަދޮރުތަކުން ލީކުވާ ފެން ގޮސް އެޅެނީ ތިރީގައި ހުންނަ ކަރަންޓު ސޮކެޓުތަކަށް. އޭގެ ސަބަބުން ކަރަންޓުގައި ޖެހުންފަދަ ނުރައްކާތެރި ހާދިސާތަކުގެ ރިސްކު ބޮޑު."
އެނގުން މުހިންމު - ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްކޮށް އުޅޭތާ މިހާރު ދެތިން ދުވަސް ވެއްޖެ އެވެ. މެޓު އޮފީހުގެ މިއަދު ބުނި ގޮތުގައި، ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ވެސް ވިއްސާރަ ކުރާނެ އެވެ. އެކަމަކު ގިނަ ދުވަސްތަކެއް ވާންދެން މޫސުން ގޯސްކުރާނެ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.
ކޮމެންޓް