ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފް. (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލްގެ ޑޮލަރު ކަޅު ބާޒާރުގައި މާރު ކުރާ ވާހަކައަކީ ދޮގެއް: ތަރުޖަމާނު

އެމްއޭސީއެލްއަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރު ކުންފުނީގެ ބޭނުމަށް ރަސްމީ ބޭންކް ރޭޓް ކަމުގައިވާ 15.42ރ.ގައި މާރުކުރުމަށް ފަހު، އެ ޑޮލަރު ކަޅު ބާޒާރުގައި 20ރ. އިން މަތިން މާރުކޮށްގެން ބޮޑު ކޮރަޕްޝަނެއް ހިންގަމުންދާ ކަމަށް ދަނީ ތުހުމަތު ކުރެވެމުން

އެމްއޭސީއެލްއަށް ލިބޭ ޑޮލަރު ބޭންކް ރޭޓްގައި މާރުކުރުމަށް ފަހު، ކަޅު ބާޒާރަށް ވިއްކައި އޭގެން ނަފާ ހޯދާ ވާހަކަ ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއޭސީއެލްއަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރު ކުންފުނީގެ ބޭނުމަށް ރަސްމީ ބޭންކް ރޭޓް ކަމުގައިވާ 15.42ރ.ގައި މާރުކުރުމަށް ފަހު، އެ ޑޮލަރު ކަޅު ބާޒާރުގައި 20ރ. އިން މަތިން މާރުކޮށްގެން ބޮޑު ކޮރަޕްޝަނެއް ހިންގަމުންދާ މައްސަލައެއް މީގެ ކުރިން ވެސް ސޯޝަލް މިޑީގައި ތިލަވިި އެވެ. އެގޮތުން:

  • 'ދައުރު'އަށް ވެސް ބައެއް މަސްދަރުތަކުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، ކަޅު ބާޒާރުގައި އެ ޑޮލަރު ބޮޑު ރޭޓުގައި ދަނީ މާރު ކުރަމުން

  • މިކަމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވެނީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ބައެއް އަދި އެ ފައިސާ ޕީއެންސީގެ ކަންކަމަށް ވެސް ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ

  • މިއަދު ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި 'ޕްރެސާ ވިތު ސްޕޮކްސް'ގައި 'ދައުުރު'ން ވަނީ މި ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)އާ ސުވާލުކޮށްފައި

ތަފްސީލު - އެ ތުހުމަތުތަކާ ގުޅޭ ސުވާލަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ފުރަތަމަ ވެސް ވިދާޅުވީ "އެއީ ދޮގެއް" ކަމަށެވެ. އަދި އެފަދަ ޝަކުވާއެއް އެއްވެސް ފަރާތަކުންކޮށްފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެފަދަ "ޔޯލަ، ތުހުމަތުތައް" ބަލާނެ މުއައްސަސާތައް އެބަހުރި ކަމަށެވެ. އަދި ކަމެއް ގޯހުން ދާ ނަމަ، މައްސަލަ ބަލަން ހެދިފައި ހުރި މުއައްސަސާތަކަށް ހުށަހެޅުއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. 

މި ތުހުމަތުތައް ތަރުޖަމާނު ސިފަ ކުރެއްވީ "ބުންޏޭ، ބުންޏޭ" ވާހަކައެއްގެ ގޮތުގަ އެވެ. 

މިއީ "ބުންޏޭ، ބުންޏޭ،" ވާހަކައެއް ނޫން ކަމަށާއި އިތުބާރު ހުރި މަސްދަރުތަކުން މިކަން މިގޮތަށް ހިނގާކަމުގެ މައުލޫމާތު ލިބެމުންދާކަން ފާހަގަކޮށް، ދެވަނަ ފަހަރަށް ސުވާލު ކުރުމުން ވެސް ތަރުޖަމާނު އެކަން ދޮގު ކުރެއްވި އެވެ.

"އަޅުގަނޑަށް އެއްވެސް ވަރަކަށް ތިކަހަލަ މައުލޫމާތެއް މީގެ ކުރިން ތުހުމަތެއްގެ ގޮތުގައި ވެސް [އަޑެއް ނީވޭ]... އަޅުގަނޑަކީ ޕީއެންސީގެ ނައިބު ރައީސެއް. އަޅުގަނޑެއް ނުކުރަން. އަޅުގަނޑަށް އެނގޭ އަޅުގަނޑުމެން ޕާޓީގެ ރައީސް [މުހައްމަދު މުއިއްޒު] ނުކުރައްވާނެކަން. އަޅުގަނޑުމެންނަށް ވެގެން ވަންޏާ އެހެން ކުރާކަށް ފުރުސަތެއް ވެސް ނުދޭނަން،" ތަރުޖަމާނު ވިދާޅުވި އެވެ.

"އެއީ ރަނގަޅު ކަމެއް ނޫނެއްނު. ޕީއެންސީ ވިޔަސް، އޭބީސީޑީގެ ކޮންމެ އަކުރެއް ކިޔަސް އެއީ ގޯސް ކަމެއްތާ."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހުސެން ޝަރީފް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ކަޅު ބާޒާރުގައި މިހާރު ޑޮލަރު ހުރީ 21ރ.އިން މަތީގަ އެވެ. މިއީ، މިއިން ދުވަހަކު ވެސް ކަޅު ބާޒާރުގައި ޑޮލަރު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެއާ އެކު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންނެވެ.

އެހެންވެ ކަޅު ބާޒާރުގެ ޑޮލަރު އަގު ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުންދާ ކަމަކީ ކޮބައިތޯ އެހުމުން ތަރުޖަމާނު ވިދާޅުވީ:

  • އެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފިޔަވަޅުތަކެއް އަޅާނެ

  • ޑޮލަރު ރާއްޖެއަށް ލިބޭ މިންވަރު އިތުރު ކުރުމަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް އެބަ ކުރަން

  • އެ ލިބޭ ޑޮލަރު އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރަން ވެސް މަސައްކަތްތަކެއް އެބަ ކުރަން

  • އޭގެ އިތުރުން، ރަސްމީކޮށް ޑޮލަރު މާރު ކުރަން ލައިސެންސް ދީފައި ހުރި ތަންތަން ވަރަށް ބޮޑަށް މިހާރު މޮނީޓާކުރުމުގެ ނިޒާމް އެމްއެމްއޭއިން އެ ވަނީ ހަރުދަނާކޮށްފައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް