ލ. އިސްދޫ ކަލައިދޫ (ފޮޓޯ. ޓޫ ތައުޒަން އައިލްސް)

ލ. އަތޮޅުގެ 2 ވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި

ލ. އަތޮޅުގައި ދެވަނަ އެ އެއާޕޯޓް ތަރައްގީކުރާނީ ދަތުރުފަތުރާއި ރަށުގެ އިގްތިސޯދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީކުރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައި
1 ގަޑިއިރު ކުރިން

ލ. އަތޮޅުގައި ތަރައްގީ ކުރާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ ކަލައިދޫގައި އަޅަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. 

އެނގުން މުހިއްމު - ލ. އަތޮޅުގައި ދެވަނަ އެ އެއާޕޯޓް ތަރައްގީކުރާނީ ދަތުރުފަތުރާއި ރަށުގެ އިގްތިސޯދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީކުރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އެއާޕޯޓް އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ނިންމަވާ، އެ ވައުދުފުއްދަވާނެ ކަމުގެ ޔަގީންކަން އެ އަތޮޅުގެ ރައްޔިތުންނަށް ރައީސް ދެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

ތަފްސީލް - އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އާންމު ކުރި ވީޑިއޯއެއްގައި ބުނީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރާނީ އިސްދޫ ކަލައިދޫގައި ކަމަށެވެ.

އެ އަތޮޅަކީ ގުދުރަތީ ގޮތުން ރީތި، ރަނގަޅު އިގްތިސޯދެއް ބިނާކުރުމުގެ ފުރުސަތު އޮތް އަތޮޅެއްކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ލ. އަތޮޅު ކުރިއަރަމުން އަންނަ އިރު އަތޮޅުގެ ރައްޔިތުން ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމު ކުރިއަރާ، އިތުރު އެއާޕޯޓެއް ކަމަށެވެ.

ލ. އަތޮޅުގައި މިހާރު އެއާޕޯޓެއް އޮންނަނީ އެ އަތޮޅު ކައްދޫގަ އެވެ.

އިސްދޫ ކަލައިދޫއަކީ ލ. އަތޮޅުގައި އެންމެ އުތުރަށް އޮންނަ ރަށެވެ. މިނިސްޓްރީން ބުނީ އެ ރަށަކީ ބިން ބޮޑު، އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމަށެވެ.

އެ ރަށަށް ބޭނުންވަނީ ރަނގަޅު އިގްތިސޯދެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި ރަށުގެ ވަށައިގެން ހުރި އެހެން ރަށްތަކުގެ ގުދުރަތީ ރީތިކަމާ އެކު ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތުތައް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިސްދޫ ކަލައިދޫގެ ރައްޔިތުން މިހާރު ކައްދުއަށް ދިޔުމަށް 45 މިނެޓުގެ ދަތުރެއް ކުރާ ކަމަށާއި އެ ރަށުގައި އެއާޕޯޓު އެޅުމުން ލ. މާބައިދޫ އަދި ދަނބިދޫ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުންޏެވެ.

ފާހަގަ ކުރެވޭ - ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ސަރަހައްދީ އެއާޕޯޓުތައް ގިނަ ނަމަވެސް، އެ ތަންތަނުން އެކަށީގެންވާ ފައިދާއެއް ނުލިބުމަކީ އެއާޕޯޓު ހިންގާ ކުންފުނިތަކަށާއި އެއާލައިންތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް