ހދ. ހިރިމަރަދޫ: އެ ރަށުގެ ގިނަ މީހުން މިހާރު ބޭނުން ވަނީ އެހެން ރަށަކަށް ހިޖުރަކުރަން ތައްޔާރަށް (ފޮޓޯ/ ޒުވާން މަސްވެރިޔާ)
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ހަނިމާދޫ ކައުންސިލުން ނަން ނޯޓުކުރަނީ
ހދ. ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ އެ އަތޮޅު ހިރިމަރަދޫ މީހުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ބަޔަކު ތިބި ނަމަ، ނަން ނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.
ވީކިހިނެއް؟ - ކ. ތުލުސްދޫ ނުވަތަ ވެރިރަށް މާލެ ކައިރީ ރަށަކަށް ހިރިމަރަދޫ މީހުން ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ފަހު ހަނިމާދުއަށް ހިރިމަރަދޫ މީހުން ބަދަލުކުރުމަށް ސަރުކާރުން ނިންމީ 1 ފެބްރުއަރީ 2025ގަ އެވެ.
ނަމަވެސް އެ ކަމާ މެދު ދެ ރަށުގެ ރައްޔިތުންގެ ވެސް ހިޔާލު ތަފާތުވުން ބޮޑުވެފައިވަނިކޮށް ހިރިމަރަދޫ މީހުންނަށް ރަސްމީ ދައުވަތު ދިނުމަށް ހޯރަފުށި ކައުންސިލްގެ ޖަލްސާއަކުން ނިންމަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
ތަފްސީލް - ހަނިމާދޫ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން، ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމަށް ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
ނަން ނޯޓުކުރަން ބޭނުންވާ މީހުން ހިރިމަރަދޫގައި ހުރި ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހަށް ގޮސް ނަން ނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން އެދިފައިވެ އެވެ. ނުވަތަ ހަނިމާދޫ ކައުންސިލްގެ މެއިލަށް ލިޔުމަކުން ނުވަތަ ފޯނު ނަންބަރަށް ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.
އެނގުން މުހިންމު - ދިރިއުޅޭ އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ މީހުން މިދިޔަ ކައުންސިލް އިންތިހާބުގައި ވޯޓު ދިނީ ހަނިމާދޫ ކައުންސިލް އިންތިހާބު ކުރުމަށެވެ. ހިރިމަރަދޫ މީހުން އަދި ހަނިމާދޫއަށް ބަދަލުނުކުރެވޭއިރު، އާ ހަނިމާދޫ ކައުންސިލުން ހިރިމަރަދޫ މީހުންނަށް ހިދުމަތް ދެމުން ދަނީ ހިރިމަރަދޫގެ ކުރީގެ ކައުންސިލް އިމާރާތުގައި އަވަށު އޮފީހެއް ހުޅުވައިގެންނެވެ.
ހިމަރަދުއަކީ ހދ. އަތޮޅުގައި މީހުން މަދު އެއް ރަށެވެ. އެ ގޮތުން:
-
އެންމެ ފަހުން ނެގި 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅެނީ 293 މީހުން؛ ދިރިއުޅޭ މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 260 މީހުން
-
ހިރިމަރަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނެނީ 584 މީހުން
ކޮމެންޓް