ހދ. ހިރިމަރަދޫ: އެ ރަށުގެ މީހުން ދެން ވޯޓު ލާން ޖެހޭނީ ހަނިމާދޫ ކައުންސިލަށް (ފޮޓޯ/ ޒުވާން މަސްވެރިޔާ)

ހދ. ހަނިމާދޫ

ހިރިމަރަދޫ މީހުން ވޯޓު ލާން ޖެހޭނީ ހަނިމާދޫ ކައުންސިލަށް

ހިރިމަރަދޫއަކީ ފަޅު ރަށެއްގެ ގޮތުގައި ނިންމައި ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އަންނަ ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓު ލާން ޖެހެނީ ހަނިމާދޫ ކައުންސިލަށް
30 ޑިސެމްބަރު 2025

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ކައުންސިލް އިންތިހާބުގައި އެ ރަށު މީހުން ހަނިމާދޫ ކައުންސިލަށް ވޯޓު ލާން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ގަރާރެއް ނެރުއްވައިފި އެވެ.

ވީކިހިނެއް؟ - ދިރިއުޅޭ އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.

މިދިޔަ އޮގަސްޓް މަހު ރައީސް މުއިއްޒު ހިރިމަރަދޫއަށް ވަޑައިގެން، ދޮޅު އަހަރު ދުވަހު ތެރޭގައި ހަނިމާދޫއަށް މީހުން ބަދަލުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - ރައީސް މުއިއްޒު މިއަދު ގަރާރެއް ނެރުއްވަނީ، މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކުރުމަށްފަހު، އެ ލިސްޓަށް ގެނައި އިސްލާހުގެ ގަރާރެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން މިހާރުން ފެށިގެން ހިރިމަރަދޫ އުނިކުރައްވަން ރައީސް ނިންމެވި ސަބަބަކީ:

  • ކައުންސިލް އިންތިހާބު އޮންނަ ތާރީހު، 4 އޭޕްރީލް ދިމާވަނީ ހިރިމަރަދޫން ހަނިމާދޫއަށް މީހުން ބަދަލުކުރުމުގެ މަރުހަލާ ހިނގަމުންދާ ދުވަސްވަރާ

  • އެއްވެސް ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެ މީހުންގެ އިންތިހާބީ ދާއިރާއަކަށް ވާނީ ބަދަލުކުރެވޭ ރަށް ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާތީ

  • ގާނޫނުގައިވާ މަގަށް އަމަލުކުރުމުގެ ގޮތުން، ހިރިމަރަދޫ ރަށްވެހިންގެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމަށް

އެނގުން މުހިންމު - ރައީސް މުއިއްޒު މި ގަރާރު މިއަދު ނެރުއްވިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިންތިހާބީ ދާއިރާތަކުގެ ދާއިމީ ރިޕޯޓް މިދިޔަ ހަފްތާ އާންމުކޮށްފަ އެވެ. ދާއިމީ ރިޕޯޓްގައި ވެސް ހިރިމަރަދޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބުކުރާ ގޮތަށް ހިމަނާފައިވެ އެވެ.

ފާހަގަކޮށްލެވޭ - ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ އެ ރަށުގެ މީހުންގެ ފަރާތުން ކައުންސިލުން އެ ކަމަށް ސަރުކާރުގައި އެދުމުންނެވެ.

ކައުންސިލުން އެދުނީ، އިންޓަނޭޝަނަލް އެއާޕޯޓަކާއެކު އުމްރާނީ ތަރައްގީގައި ކުރިއެރުންތަކެއް ހޯދަމުންދާ ހަނިމާދޫއަށް ނޫނީ ވެރިރަށް މާލެ ކައިރީ ރަށަކަށް ބަދަލުކުރުމަށެވެ. އެ ގޮތުން މާލެ ހިމެނޭ ކ. އަތޮޅުގެ ވެރިރަށް ތުލުސްދުއަށް ބަދަލުކުރަން މަޝްވަރާ ވެސް ކުރި އެވެ.

ހިމަރަދުއަކީ ހދ. އަތޮޅުގައި މީހުން މަދު އެއް ރަށެވެ. އެ ގޮތުން:

  • އެންމެ ފަހުން ނެގި 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅެނީ 293 މީހުން؛ ދިރިއުޅޭ މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 260 މީހުން

  • ހިރިމަރަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނެނީ 584 މީހުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް