އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު މަޖިލީހުގައި ވާހަކަދައްވަނީ. (ފޮޓޯ/މަޖިލިސް)

ސްކޫލް

ޓީޗަރުންގެ ޖަމިއްޔާއަކަށް ނަންކީ ގޮތުން މައްސަލަ ބޮޑުވެއްޖެ

އިސްކަންދަރު ސްކޫލުގެ ޓީޗަރުން އިސްވެ، އެ ސްކޫލުގެ ނަމުގައި ޖަމިއްޔާއެއް ހެދުމުން އެކަން ބަލައިނުގަންނަ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައި
1 ގަޑިއިރު ކުރިން
1

އިސްކަންދަރު ސްކޫލުގެ ޓީޗަރުން ހެދި ޖަމިއްޔާއަކަށް އެ ސްކޫލުގެ ނަން ދީފައިވާތީ އެ މައްސަލަ ބޮޑުވެ، އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރާ މިއަދު ސުވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިސްކަންދަރު ވޯކާސް ޔޫނިއަންގެ ނަމުގައި އެ ސްކޫލުގެ ޓީޗަރުން ޖަމިއްޔާއެއް ހަދައި، މިދިޔަ އަހަރު ވަނީ އެ ޖަމިއްޔާ ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު އެ ޖަމިއްޔާ ބަލައިނުގަންނާނެ ކަމަށާއި އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް ސްކޫލުގެ ޕްރިންސިޕަލް އެންގުމާއެކު މައްސަލަ ވަނީ ހޫނުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ މިއަދު މަޖިލީހަށް ހާޒިރު ކުރައްވާފަ އެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިނިސްޓަރާ ސުވާލު ކުރެއްވީ، ޖަމިއްޔާއެއް ހެދުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ލިބިގެންވާ ހައްގަކަށް ވާއިރު އިސްކަންދަރުގެ ޓީޗަރުންނަށް އެ ހައްގު ނުލިބުމުން އެކަމާ ގުޅޭގޮތުންނެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި ގަވައިދުގެ ދަށުން، އެ ފަދަ ޖަމިއްޔާއެއް ހެދުމަށް ތަނެއް ނުދެ އެވެ.

އޭނާ ވިދާޅުވީ:

  • ޔޫނިއަން ރަޖިސްޓްރީ ކުރުމުގެ ގަވައިދުގެ ދަށުން ޖަމިއްޔާތައް އުފެއްދުމަށް ހުއްދަ އޮތް ނަމަވެސް، އެ ޖަމިއްޔާއަކަށް ނަން ކިޔުމުގައި ހަމަތަކެއް ހުންނަ ކަމަށް

  • އެގޮތުން ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެ ފަދަ ނަމަކާ އޮޅުން އަރާފަދަ ނަމެއް ޖަމިއްޔާއަކަށް ނުކިޔޭނެ ކަމަށް ވިދާޅުވި

  • އިސްކަންދަރު ވޯކާސްގެ ނަމުގައި ޖަމިއްޔާއަށް ނަން ކިޔުމުން ގަވައިދުގެ އެ މާއްދާއާ ފުށުއަރާ ކަމަށް ވިދާޅުވި

"އާއްމު ކުންފުނިތަކާ އިދާރާތަކާ ހިލާފަށް، ސްކޫލު މަދަރުސާތަކަކީ ހާއްސަ ސިފަަތަކެއް ލިބިފައިވާ، އަދި ހިފެހެއްޓުންތަކެއް ހުންނަން ޖެހޭ ތަންތަން. އިސް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ދަރިވަރުންގެ އިހުސާސްތައް އެތަނަކާ ގުޅިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިއަދު މަޖިލީހުގައި ވާހަކަދައްވަނީ. (ފޮޓޯ/މަޖިލިސް)

އޭނާ ވިދާޅުވީ އިސްކަންދަރު ސްކޫލު ނުވަތަ މަޖީދިއްޔާ ސްކޫލު ނުވަތަ ރާއްޖޭގެ އެހެން ވެސް ސްކޫލެއް ބޭނުންކޮށްގެން، ޖަމިއްޔާއެއް ހެދިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • ސްކޫލުތަކުގައި ޓީޗަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރުސަތު ދެއްވާނެ

  • އެކަމަކު ވަކިވަކި ހަދައިގެން ސްކޫލުގެ ނަން ބޭނުންކޮށްގެން ކަންކަން ކުރުމަށް ފުރުސަތެއް ނުދެއްވާނެ

މައުރޫފް ދެން ސުވާލު ކުރެއްވީ، ގަވައިދުގައި އެ ފަދަ ގޮތަކަށް އޮތް އިރު، އެ ނަމުގައި ޖަމިއްޔާ ރަޖިސްޓްރީ ކޮށްދީފައިވާތީ އެވެ. އަދި މިދިޔަ މޭޑޭގައި ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ރެލީއަށް އެ ޖަމިއްޔާއަށް ދައުވަތު ދީފައިވުމުން، ދައުލަތުގެ އެހެން މިނިސްޓްރީތަކުން އެ ޖަމިއްޔާ ބަލައިގަނެފައިވާކަން ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ "ޖަމިއްޔާ ރަޖިސްޓްރީ ކޮށްދީފައިވަނީ އެކަށީގެންވާ ވަރަށް ނުބަލާ" ކަމަށެވެ. އަދި އެކަން އެ މިނިސްޓްރީން ބަލާނެ ކަމަށް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ޓީޗަރުންގެ ފަރާތުން ވަކާލާތު ކުރުމަށް ޓީޗާސް އެސޯސިއޭޝަން ކިޔާ ޖަމިއްޔާއެއް އޮންނަ ކަމަށާއި ވަކިވަކި އިތުރު ޖަމިއްޔާތައް ހަދައިގެން، އެއް ޖަމިއްޔާއަކުން ނެރޭ ބަޔާން އަނެއް ތަނަކުން ކުށްވެރިކުރާ ފަދަ ގޮތަކަށް ޓީޗަރުންގެ ތެރޭގައި ކަންކަން ހިނގިޔަ ނުދެއްވާނެ ކަމަށެވެ.

ކޮމެންޓް (1)

profile-image-placeholder

ސަލީމާ

1 ގަޑިއިރު ކުރިން
ވަކި މީހަކު ބޭނުންވާ ގޮތަށް އޮންނަ ކަމެއް ނޫނެއްނު ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުންނަ ކަންކަމަކީ؟ ތިބޭޅާ ބޭނުން ނުވިޔަސް ގާނޫނުން ތަން ދޭ ކަންކަން ޖެހޭނީ ކޮށްދޭން. އެހެން ނޫނީ އިސްތިއުފާ ދީފަ ގެއަށްދޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް