ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އާ މެމްބަރުގެ ސުވާލު އައީ އައްޑޫ ބަހުރުވައިން، މިނިސްޓަރު ވިދާޅުވީ ދޭހަނުވާ ކަމަށް

ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވިދާޅުވީ އޭނާއަކީ އައްޑޫ މީހަކަށް ނުވާތީ މެމްބަރުގެ ސުވާލު އެނގިވަޑައިނުގަންނަވާ ކަމަށް
1 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް، އަބްދުﷲ ސޯދިގު (ސޯބެ) އިންތިހާބުވެ ވަޑައިގެންނެވިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ. އޭގެ ފަހުން އޭނާ މަޖިލީހުގައި ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ވެސް އިސް ކުރައްވަނީ އަމިއްލަ ބަހުރުވަ، އައްޑޫ ބަހެވެ.

ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީއާ ސުވާލު ކުރުމަށް މިއަދު މަޖިލީހަށް ހާޒިރު ކުރުމުން، މިނިސްޓަރާ ވެސް ސޯދިގު ސުވާލު ކުރެއްވީ އައްޑޫ ބަހުރުވައިންނެވެ. އެކަމަކު ގީލާއަށް އެ ސުވާލު ރަނގަޅަށް ދޭހަވެވަޑައެއްނުގެންނުވި އެވެެ.

ގީލާ ވިދާޅުވީ އޭނާއަށް އައްޑޫ ބަހުރުވަ އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، އެ ސުވާލު ރަނގަޅަށް ދޭހަވަޑައިނުގަންނަވާ ކަމަށެވެ.

މިނިސްޓަރާ ސޯދިގު ސުވާލު ކުރެއްވީ:

  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ މީހުންނަށް ދޭ ބޭހާއި އިންޖެކްޝަން ނުލިބޭތީ ކުރާ ޝަކުވާތަކާ ގުޅޭގޮތުން

  • އަދި އެ ހޮސްޕިޓަލުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އާ ހޮސްޕިޓަލް އަޅާނެ ދުވަހާ ގުޅޭގޮތުން

އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އައްޑޫ ބަހުން ވާހަކަ ދެއްކެވީމާ، މާ ރަނގަޅަށް ދޭހަވެވަޑައިނުގެންނެވި ކަމަށާއި އެކަމަކު ކޮންމެވެސް ވަރަކަށް އެނގިވަޑައިގެންނެވި ކަމަށެވެ. 

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ދައުރު ފޮޓޯ/އަލީ ނިޝާން)

"އަޅުގަނޑަކީ އައްޑޫ މީހެއް ނޫން. އަޅުގަނޑަކަށް ނޭނގެ ތި ވިދާޅުވި ވާހަކަފުޅެއް،" ގީލާ ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، އޭނާ ޖަވާބު ދެއްވީ ސޯދިގު ފަހުން ކުރެއްވި ސުވާލަށެވެ. ވިދާޅުވީ "އައްޑޫ ހޮސްޕިޓަލުގެ މަސައްކަތްތައް މި އޮގަސްޓު މަހު ކުރިއަށް ގެންދާނެ" ކަމަށެވެ.

ސޯދިގާއި ގީލާގެ މި މުއާމަލާތު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތަފާތު ހިޔާލުތަކާ އެކު ހިއްސާކުރި އެވެ. އެއްބައެއްގެ ނަޒަރުގައި އައްޑޫ ބަހުރުވައަކީ މީހަކަށް ދޭހަނުވާ ވަރުގެ ބަހެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އެ ބަހުރުވަ މިނިސްޓަރަށް ދޭހަވެވަޑައިނުގަތުމަކީ "ދެރަވަރު ކަމެ"ކެވެ.

"އައްޑޫ ބަހުރުވަ އަކީ ވެސް ދިވެހިބަސް. ރައީސުންނާއި ވަޒީރުންނާއި އަމީރުންނަށް، މޮށިއުޅޭ ދިވެހިބަހުގެ އެންމެހާ ބަހުރުވަ ފަހުމުނުވުމަކީ ދެރަވަރު ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

"މަށަކުވާ ތިޔަ ރަށެއް ނޫން. ތަ ތިކިޔާ އެއްޗެއް މަށަކަށް ނޭގެއޭ ބުނުމުގެ ބަދަލުގައި، އެކިޔާ އެއްޗެއް އޮޅުން ފިލުވައިގެން ޖަވާބުދާރީވުމަކީ ވަޒީރުގެ މަސްއޫލިއްޔަތެއް."

ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އެކަމަކު ހުރިހާ އެންމެން އަސްލަމްގެ އެ ވާހަކައަކާ އެއްބަހެއް ނުވެ އެވެ.

އޭނާގެ ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މީހުން ބުނީ މަޖިލީހުގެ އިދާރާގައި މެމްބަރުން ވާހަކަ ދައްކަވަން ޖެހޭނީ ރަސްމީ ދިވެހި ބަހުން ކަމަށާއި ވާހަކަ ދައްކާ ބަސް، އެންމެންނަށް އޮޅުންފިލަން ޖެހޭނެ ކަމަށެވެ.

"އައްޑޫ ސްކޫލުތަކުގައި ދިވެހި އިމްތިހާނު ވެސް އެހެންވީމަ އައްޑޫ ބަހުރުވައިން ލިޔަންވީނު؟" އެކަކު ބުންޏެވެ.

އެހެން މީހަކު ބުނިގޮތުގައި ރާއްޖޭގައި ގިނަވާނީ، އައްޑު އާއި ހުވަދު އާއި ފުވައްމުލަކު ބަހުރުވައިން ވާހަކަ ދެއްކީމާ ފަހުމްނުވާ މީހުންނެވެ.

އެކި ރަށްރަށުން މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ މެމްބަރުން، މީގެ ކުރިން ވެސް އަމިއްލަ ބަހުރުވައިން މަޖިލީހުގައި  ވާހަކަ ދައްކަވާފައި ވެ އެވެ. އެގޮތަށް އެންމެ އާއްމުކޮށް ވާހަކަ ދެއްކެވި މެމްބަރަކީ ހުވަދުއަށް ނިސްބަތްވެވަޑައިގަންނަވާ، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް