ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)
ނަފްސާނީ އެހީއަށް އެދި މިދިޔަ އަހަރު 10،000 ކޯލު ލިބުނު
ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ހެލްޕްލައިނަށް، މިދިޔަ އަހަރު އެކަނި ވެސް 10،000 އަށްވުރެ ގިނަ މީހުން ގުޅައި އެހީ ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލި މީހުންނަށް ދޭ ފަރުވާގެ އެކި މަރުހަލާތައް މިހާރު ވެސް ގާއިމުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގާއިމްކުރި، ހެލްޕްލައިނަކީ މުހިއްމު އަދި ބޭނުންތެރި ހިދުމަތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ބުނީ ކީކޭ؟ - ގީލާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް، ނަފްސާނީ އެހީއަށް އެދި 10،000 އަށް ވުރެ ގިނަ މީހުން އެ ހެލްޕްލައިނަށް ހުޅި އެވެ.
"[ނަފްސާނީ ގޮތުން ދަށްވެ] އެ ފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހުންނަށް، ފުރަތަމަ މަރުހަލާއެއްގައި ބަޔަކާ ވާހަކަ ދައްކާލާނެ މަގު އަޅުގަނޑުމެންނަށް ފަހިކޮށްދެވުނު،" އޭނާ ވިދާޅުވި އެވެެ.
ގީލާ ފާހަގަ ކުރެއްވި ގޮތުގައި ހދ. ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލާއި ގދ. އަތޮޅު ހޮސްޕިޓަލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަދި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ސައިކޭޓްރިކް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެކަމުގައި ލިބުނު ކުރިއެރުމެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި:
-
މިދިޔަ ތިން އަހަރުގެ ތެރޭގައި 70،000އަށް ވުރެ ގިނަ މީހުން ނަފްސާނީ ފަރުވާ ހޯދި
-
އޭގެތެރެއިން 45،000 މީހުން ފަރުވާ ހޯދީ މާލެއިން
-
ސަރުކާރުން އަޅާ މެންޓަލް ހޮސްޕިޓަލް މާލޭ ސަރަހައްދުގައި އަޅަން ނިންމި އެއް ސަބަބަކީ ވެސް އެއީ
ގީލާ ވިދާޅުވީ އައިޖީއެމްއެޗުގައި މިހާރު އެ ފަރުވާ ދެމުން އަންނަ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ވަރަށް ކުޑަ ތަނެއް ކަމަށާއި އެތަނުން ހިދުމަތް ދެވޭ ވަރަށްވުރެ، ބަލި މީހުންގެ އަދަދު ގިނަ ވެއްޖެ ކަމަށެވެ.
އަދި އެތަނުގައި އެނދުމަތިކޮށްގެން ފަރުވާ ދެވެނީ ވެސް މަދު ބަޔަކަށް ކަމަށާއި ފަރުވާ ބޭނުންވާ މީހުންގެ އަދަދު އެއަށް ވުރެ ގިނަވެ، ހިދުމަތް ނުދެވޭ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް