ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)
އެންމެ ގިނަ ބަލި މީހުން ތިބީ މާލޭގައި؛ މެންޓަލް ހޮސްޕިޓަލް އަޅާނީ މިތަނުގައި: މިނިސްޓަރު
ނަފްސާނީ ބައްޔަށް އެންމެ ގިނަ މީހުން ފަރުވާ ހޯދަނީ މާލޭގައި ކަމަށާއި އެހެންވެ، އެ ހޮސްޕިޓަލް އަޅާނީ މާލޭ ސަރަހައްދުގައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ ހޮސްޕިޓަލެއް އަޅާއިރު، އެންމެ ގިނައިން ފަރުވާ ހޯދާ މީހުން ތިބޭ ތަނެއްގައި އެތަން އެޅުން މުހިއްމު ކަމަށެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި:
-
ވޭތުވެ ދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 70،000 މީހުން ވަނީ ނަފްސާނީ ބަލީގައި ފަރުވާ ހޯދާފައި
-
އޭގެ ތެރެއިން، 45،000 މީހުން ފަރުވާ ހޯދީ މާލޭ ސަރަހައްދުން
ގީލާ ވިދާޅުވީ ނަފްސާނީ ފަރުވާއަކީ ވަކި ހާއްސަ ކަންތައްތަކެއް ހިމެނޭ ފަރުވާއެއް ކަމަށާއި އެހެންވެ، އެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލި މީހުން ވެސް ގިނަ ތަނެއްގައި ހޮސްޕިޓަލް އެޅުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލް ހުޅުމާލޭގައި އެޅުމަށް ނިންމައި، 10،000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ.
ގީލާ ވިދާޅުވީ އެތަން ހަދާނީ އެންމެ ޒަމާނީ އަދި މަރުކަޒީ ފަރުވާދޭ ތަނެއްގެ ގޮތަށް ކަމަށެވެ.
އެނގުން މުހިއްމު - ސަރުކާރުން އެންމެ ފުރަތަމަ ނިންމީ، އިންޑިއާއިން ލޯނެއް ނަގައިގެން ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީ ކުރުމަށެވެ. އެކަމަކު ލޯނު ނުލިބި ގިނަ ދުވަސްވުމާއެކު ފަހުން ނިންމީ، ސަރުކާރުގެ ހަރަދުގައި އެ ހޮސްޕިޓަލް ގާއިމުކުރުމަށެވެ.
ގަމުގައި އަޅަން އުޅުނު ހޮސްޕިޓަލަށް 18 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން އޭރު ލަފާކުރި އެވެ. އެކަމަކު މާލޭގައި އަޅާ ހޮސްޕިޓަލް އެއަށް ވުރެ އަގުހެޔޮ ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮމެންޓް (2)
ތެފައާސާ.
އެނީ