މޮޅަދޫގެ ބަނދަރު ހިމާޔަތްކޮށްދިނުމަށް އެދި ރަށުގެ ކުޑަކުދިންތަކެއް އަޑުއުފުލަނީ (ފޮޓޯ/މޮޅަދޫ ކައުންސިލް)
މޮޅަދޫގެ ކުދިބޮޑު އެންމެން އެއްވެ ބޮޑު މެސެޖެއް ދީފި
ހއ. މޮޅަދޫގެ އާބާދީ 500އަށް ވެސް ނާރަ އެވެ. އެކަމަކު ރަށުގައި ދިރިއުޅޭ ގިނަ ބަޔަކު އިއްޔެ ވަނީ ރަށުގެ ބަނދަރު މައްޗަށް އެއްވެ، ބޮޑު މެސެޖެއް ދީފަ އެވެ. އެމީހުން އެދުނީ ކިތަންމެ ކުޑަޔަސް ނުފެންނަ ކަމަށް ނުހެދުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޅާލުމަށެވެ.
ރީތި ގޮނޑުދޮށަކާއި ފެހި މާހައުލެއް އޮންނަ މޮޅަދޫގެ ރައްޔިތުން އިއްޔެ ގޮވާލީ، ބާރު ސްޕީޑެއްގައި އެ ރަށް ގިރަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށެވެ. އެންމެ ތުއްތު ކުދިން ފެށިގެން ރަށުގެ އެންމެ ހަރު މީހުން، އެކި ޝުއޫރުތައް ލިިޔެފައިވާ ބޯޑުތައް ހިފައިގެން ނުކުމެ ތިބި އިރު، އެއީ ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާ މައްސަލައެއްކަން އޭގައިވާ ވާހަކަތަކުން ބުނެދެ އެވެ.
ލުޔެއް ހޯދުމަށް ކުރި މަސައްކަތުން ބޮޑު ގެއްލުމެއް
ލަފާފުރުމުގެ މައްސަލަ ފަސޭހަކޮށްދިނުމުގެ ގޮތުން، މޮޅަދޫގެ ބަނދަރު ހެދީ 2023 ވަނަ އަހަރު އެވެ. އެކަމަކު ސަރުކާރުން 26 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ މަޝްރޫއުއިން، ފަސޭހައަކަށް ވުރެ ބޮޑަށް ކުރިމަތިވީ ގެއްލުމެވެ.
ދިގުމިނުގައި 645 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓު ހުންނަ އެ ބަނދަރާ އެކު ރަށް ވަރަށް ބޮޑަށް ގިރަން ފެށި އެވެ. ރަށުގައި މީހުން އުޅޭ ހުޅަނގު ފަރާތް އިންތިހާއަށް ގިރަން ފެށުމާ އެކު، އޭގެ ނުރައްކާ ދަނީ އާއްމުންނަށް ކުރަމުންނެވެ.
"މިދާ ނިސްބަތުން ގިރަމުންދާ ނަމަ ވަރަށް އަވަހަށް މީހުން ދިރިއުޅޭ ގެތަކަށް ލޮނު ވަދެ، ރުއްގަސްތައް ވެސް ވެއްޓިދާނެ،" މޮޅަދޫ ކައުންސިލްގެ ރައީސް އަބްދުލް މުހުސިން ވިދާޅުވި އެވެ.
"މިހާރު ވެސް މީހުން އުޅޭ ހިސާބަށް ވަރަށް ބޮޑަށް ލޮނުގެ އަސަރު އެބަކުރޭ."
މުހުސިން ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނައުމަށް ކައުންސިލްގެ މިދިޔަ ދައުރުގައި ވެސް ސަރުކާރަށް ވަރަށް ގިނަ ސިޓީތަކެއް ފޮނުވި ކަމަށެވެ. އެކަމަކު އެކަމަށް އެއްވެސް ޖަވާބެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.
"ވަރަށް އަވަސް ހައްލެއް އަޅުގަނޑުމެން ބޭނުން. އެހެން ނޫން ނަމަ އިއާދަނުކުރެވޭވަރުގެ ގެއްލުމެއް ރަށަށް ކުރިމަތިވެދާނެ،" މުހުސިން ވިދާޅުވި އެވެ.
އިއްޔެ ރަށުގެ ގޮނޑުދޮށަށް އެއްވި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ބުނެދިނީ ހަމަ އެ ފަަދަ ވާހަކަތަކެކެވެ. މީގެ ފަސް އަހަރު ކުރިން، ހުޅަނގު ފަރާތުގައި ރީތި ފަސްގަނޑެއް އޮތް ނަމަވެސް މިހާރު، ރާޅު އައިސް ދަމައިގަންނާކަށް އެތަނުގައި އިތުރު ވެއްޔެއް ނެތެވެ. އެ ހިސާބުގަނޑުގެ ގިނަ ރުއްގަސްތައް ވެއްޓިފައި އޮތްއިރު، ހިތްހަމަ ޖައްސާލަން ރަށުގެ މީހުން ހަދާފައި ހުރި އަށިތައް ވެސް މިހާރު ހުރީ ރާޅުގެ އަސަރު ކުރާހާ ކައިރީގަ އެވެ.
"އަހަރުމެންނަށް އެހީވެދީ. އަހަރުމެންގެ މުސްތަގްބަލް ސަލާމަތްކޮށްދީ،" ކުޑަކުއްޖަކު ހިފަހައްޓައިގެން ހުރި ބޯޑެއްގައި ލިޔެފައި ވެ އެވެ.
"އާބާދީ މަދުވުމަކީ އިހުމާލުވުމަށް އޮތް ހުއްޖަތެއް ނޫން،" ދުވަސްވީ މީހެއްގެ ބޯޑުގައި ލިޔެފައިވެ އެވެ.
ކޮމެންޓް (3)
އިބިރަހިމާ
ހަރިހަރިޔާ
ޏިސީސް