މިއަދު ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން
'އުޅެނީ އީ-ވޯޓިން ގެނެސް ވޯޓުން ވައްކަން ކުރަން'؛ ޕީއެންސީގެ މެންބަރުން ޑިފެންސްްއަށް
ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ އީ-ވޯޓިން ތައާރާފްކޮށް، ވޯޓުން ވައްކަން ކުރަން ސިިއްރު އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު މަޖިލީހުގައި ތުހުމަތުކުރައްވައިފި އެވެ. އެއާ އެކު، ޕީއެންސީގެ ބައެއް މެންބަރުން ވަނީ އެ ބިލުތައް ދިފާއުކުރައްވައި އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހިންގާ ޕީއެންސީން މިދިޔަ ހަފްތާގައި ވަނީ ޑިޖިޓަލް ރާއްޖެއެއް ބިނާ ކުރުމާ ގުޅޭ ބައެއް ބިލުތަކެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ ގައްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު'ގެ ބަހުސް އެވެ.
ތަފްސީލު - އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެ ބިލަށް އެންމެ ފުރަތަމަ ބަހުސް ކުރެއްވި އެ ޕާޓީގެ ޗެއާޕާސަން މަގާމު އެންމެ ފަހުން ފުރުއްވި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރެވެ. އޭނާ ވަނީ، މިއީ ހަގީގަތުގައި ވެސް ރާއްޖެ ޑިޖިޓަލައިޒް ކުރަން ހެޔޮ ނިިޔަތެއް އޮވެގެން ހުށަހެޅި ބިލެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި މި ސަރުކާރުން މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ރައްޔިތުންނަށްވީ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އީ-ވޯޓިންއަށް ދިޔުމައްޓަކައި ހުށަހަޅާފައި އޮތް ބިލެއް މި ބިލަކީ. އިތުރު އޮފީހެއް ހަދައިގެން، މުވައްޒަފުން ނަގައިގެން، ވޯޓުން ވައްކަން ކުރަން ހުށަހެޅިފައި އޮތް ބިލެއް މިއީ،" ގަފޫރު ތުހުމަތު ކުރެއްވި އެވެ.
ގާނޫނުތަކުން ސަރުކާރަށް ކުރުން ލާޒިމްކޮށްފައި ހުރި ކަންކަން ނުކޮށް، 2028ގެ ރިޔާސީ އިންތިހާބަށް އީ-ވޯޓިން ތައާރަފްކޮށް، "ކުރަން އުޅެނީ ވަގު ވޯޓު އެޅުމުގެ ކަންކަން" ކަމަށް ގަފޫރު ވިދާޅުވި އެވެ.
"އެނގޭ ސައްހަ ވޯޓެއް ނަގައިގެން [މި ސަރުކާރަށް] އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން. އެހެންވެ އީ-ވޯޓު އެޅުމަށްޓަކައި މި ބިލު ތައްޔާރު ކުރީ. މީގެ ދަށުން ހަދާ ގަވައިދުން ރާއްޖޭގައި ދެން އޮންނާނީ އީ-ވޯޓިން. އެ ހިސާބުން ވޯޓުން ވައްކަން،" އޭނާ އިތުރަށް ވިިދާޅުވި އެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ:
-
މި ބިލުން ފުރިހަމަ ކޮންޓްރޯލާއި މެންޑޭޓެއް ލިބެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަށް
-
މިނިސްޓަރު އިހުސާނަކީ "ބޮޑެތި ގޯސްތަކެއް ހެއްދެވި ކަމަށް އަޅުގަނޑުމެންނަށް ތުހުމަތުވާ" ބޭފުޅެއް
-
އެހެންކަމުން އޭނާއަށް ބާރުތައް ލިބޭ ގޮތަށް ބިލު ފަރުވާކޮށްފައި އޮތުމަކީ ކަންބޮޑުވުމެއް
މި ބިލުން ވައްކަންތަކަށް 'ދޮރު ބަންދުވާނެ'؛ ކަންބޮޑުވުވަނީ އެހެންވެ: ޕީއެންސީ މެންބަރުން
ގަފޫރުގެ ތުހުމަތުތަކާ ގުޅިގެން ޕީއެންސީގެ މެންބަރުން މުޅި ބަހުސް ބައްޓަން ކުރެއްވީ، ބިލުގެ ދިފާއުގައި އޭނާއަށް ރައްދު ދެއްވުމުގަ އެވެ. ޕީއެންސީ މެންބަރުން ވިދާޅުވި ގޮތުގައި، އެއީ ބިލުގެ އަސްލު މަގުސަދު އޮޅުވާލުމަށް އަސާސެއް ނެތް ގޮތުގައި އޭނާ ދެއްކެވި ވާހަކަތަކެކެވެ.
ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އީ-ވޯޓިން ތައާރަފް ކުރުމާ ގުޅޭ ވާހަކައެއް ބިލުގައި ނެތް ކަމަށެވެ. އަދި ބިލުގައި އޮތީ ފަސް މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ:
-
މުޅި ރާއްޖޭގައި ޑިޖިޓަލް އިގްތިސާދެއް ބިނާކުން
-
ޑިޖިޓަލް މުޖްތަމައުއެއް ބިނާކުރުން
-
ދައުލަތުގެ އިދާރާތަކުގެ މެދުގައި ޑޭޓާ ހިއްސާ ކުރުން
-
ކަރުދާހާ ނުލާ ރާއްޖެއެއް ބިނާކުން
-
މި ނިޒާމަށް ގާނޫނީ ބާރުވެރިކަން ދިނުން
"މީގެ ފަސް އަހަރު ކުރިން ބޭނުން ކުރީ ސީޑީ. މިއަދު އެއެއް ނެތް. ދުނިޔެ މި އަންނަނީ ބަދަލުވަމުން. ބަދަލުވާން ޖެހެނީ އަބްދުލްގަފޫރުމެން. މި ކަހަލަ ބޭބޭފުޅުން އެބަ ޖެހޭ ޒަމާނީ ގޮތްތަކަށް ބަދަލުވާން،" ގަފޫރަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، މި ބިލުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ފުރިހަމަވުމުން ދައުލަތުގެ ތެރޭގައި ހިޔާނާތްތައް ވެސް މަދުވާނެ އެވެ.
"އިންސާނުންގެ ދައުރު މަދު ކުރަން ޖެހެނީ ޕްރޮކިއުމަންޓްގައި. އިންސާނުންގެ ދައުރު މަދު ކުރީމަ، ވައްކަން މަދުވެގެން ދާނެ... ރާއްޖެއިން ކޮރަޕްޝަނާއި ފަސާދަގެ ކަންކަން ނިމިގެން އަންނަނީ ގާނޫނީ ބާރުވެރިކަން މި ބިލަށް ދިނީމަ،" ޝުޖާއު ވިދާޅުވި އެވެ.
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، މި ބިލާ އެމްޑީޕީން ދެކޮޅު ހަދާނެކަން މާ ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
"މި ބިލާ އެކު ރާއްޖޭގައި ކޮންމެ ޒަމާނަކުން ވެސް، ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ކޮރަޕްޝަންއަށް ކުރިން ހުޅުވިފައި ހުރި ދޮރުތައް ބަންދުވެގެން ދާނެ. ވައްކަން ކުރުމަށް ހުރި ދޮރުތައް ބަންދުވެގެންދާނެތީ،" އެމްޑީޕީން ދެކޮޅު ހަދާ ސަބަބުގެ ގޮތުގައި މަމްދޫހު ފާހަގަ ކުރެއްވި އެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަނަންވާ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އިބްރާހިމް ޖަނާބު ވިދާޅުވީ:
-
ރާއްޖޭގައި މިހާރު ވެސް ވަރަށް ގިނަ ކަންކަން އޮތީ "ޑިޖިޓަލްވެފައި" ކަމަށާއި މި ބިލަކީ މިވަގުތު ރާއްޖެއަށް ކޮންމެހެން ވެސް އަންނަންޖެހިފައި އޮތް "އަސާސީ އެއްޗެއް" ކަމަށް
-
އެމްޑިޕީން އުޅެނީ ބިލުގެ އަސްލު މަގްސަދު އޮޅުވާލުމަށް "މަކަވެެރި ރޭވުންތަކުން، ރައްޔިތުންގެ ބުއްދިއާ ކުޅެން" ކަމަށާއި އެކަން މަޖިލީހުން ހުއްޓުވަން ޖެހޭނެ
"ބިލުގެ މަގްސަދު ގެއްލޭ ގޮތަށް، މަފްހޫމް އޮޅޭ ގޮތަށް އެމްޑީޕީން މަސައްކަތް މި ކުރަނީ. ލޯގޯގައި ތިލަފަތެއް ކުރެހިޔަސް އެއީ އަދި އިންސާފެއް ނޫން. އީ-ވޯޓިން ހަދަންޏާ، އީ-ވޯޓިން ވެސް ހަދަންވީއެއްނު، ނުހަދަންވީ ކީއްވެ،" ޖަނާބު ވިދާޅުވި އެވެ.
ކޮމެންޓް