މާލޭ ސްކޫލެއްގެ ގްރޭޑް ދިހައެއްގެ ދަރިވަރުންތަކެއް ސްކޫލު ގޯތިތެރޭގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތައުލީމު

އައިޔޫއެމްގެ ދިރާސާއަކުން ދެއްކީ ގްރޭޑް 9-10ގެ ކުދިން ނިދަނީ މެންދަމުން އަލިވާއިރު ކަމަށް

އެ ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. އާމިނަތު ޝާފިޔާ ވިދާޅުވި ގޮތުގައި އެ ދިރާސާ ހެދީ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ސަބަބުތައް ދެނެގަތުމަށް
1 ގަޑިއިރު ކުރިން

ރާއްޖޭގެ ބައެއް ސްކޫލުތަކުގެ ގްރޭޑް 9-10ގެ ގިނަ ދަރިވަރުން ނިދަނީ މެންދަމުން އަލިވާ ފަހުން ކަމަށް، އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)އިން ހެދި ދިރާސާއަކުން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ދިރާސާގެ މި މައުލޫމާތުތައް އާއްމު ކުރެއްވީ، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އެ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފްސަރު އަދި އެތަނުގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ އެވެ.

ތަފްސީލް - ޝާފިޔާ ވިދާޅުވި ގޮތުގައި، އެ ދިރާސާ ހެދީ، ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ސަބަބުތައް ދެނެގަތުމުގެ ގޮތުންނެވެ. މާލެ ސަރަހައްދުގެ ގިނަ ސްކޫލުތަކާއި ކ. އަތޮޅާއި އއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ސްކޫލުތަކުގެ ގްރޭޑް 9-10ގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހެދި އެ ދިރާސާއިން ދެއްކީ، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ހިތާމަވެރި ނަތީޖާ އެކެވެ.

"ކިހާއިރަކުތޯ އެ ކުދިން ނިދަނީ؟ [މެންދަމުން އަލިވެ] 3:30ގައި. 2:30ގައި. 1:30 ގައި. ހަތަރެއް ޖަހާއިރު،" ދަރިވަރުންނާ ވާހަކަ ދައްކަވަމުން ޝާފިޔާ ވިދާޅުވި އެވެ.

"މިދައްކަނީކީ ބޮޑެތި މީހުންގެ ވާހަކައެއް ނޫނޭ. މި ދައްކަނީ ތި ކުދިންގެ އުމުރުގެ ކުދިންގެ ވާހަކަ."

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި ޑރ. އައިމިނަތު ޝާފިޔާ ވާހަކަ ދައްކަވަނީ (ފޮޓޯ/ދ. އަތޮޅު ތައުލީމީ މަރުކަޒު)

އޭނާ ވިދާޅުވި ގޮތުގައި:

  • އެއީ މުޅިން ދަރިވަރުންގެ ކުށް ނޫން ކަމަށް

  • ފޯނުގައި ގިނަ މައުލޫމާތުތަކެއް ހުންނައިރު، އެތަކެތި ބެލުމުގައި ކުދިންނަށް ނޭނގި ވަގުތު ހޭދަކުރަން ނުނިދާ އޮވެވެނީ ކަމަށް ވެދާނެ

  • އެހެންވެ، ދަރިވަރުން ބުއްދީގެ ބޭނުންކޮށް، ވަގުތު ރާވައިގެން ނިދުމުގެ އިންތިޒާމުތައް ބެލެހެއްޓުން މުހިއްމު ކަމަށް ވިދާޅުވި

ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ ނިދުން މަދުވުމުގެ ސަބަބުން ދަރިވަރުން ކްލާހަށް ގޮސް ނިދިޖެހުމާއި، ކްލާހަށް ހާޒިރު ނުވެވުމާއި ޓީޗަރުން ދެކެ ހިތްހަމަނުޖެހުން ފަދަ ކަންކަން ދިމާވާ ކަމަށެވެ.

"މިއީ ނިދުމުގެ މައްސަލަ ބެލުމަށް ހެދި ދިރާސާއެއް ނޫނެކޭ. މިއީ ކުދިން ސްކޫލަށް އައުން މަދުވަނީ ކީއްވެތޯ ބެލުމަށް ހެދި ދިރާސާއެއް. ސްކޫލަށް ކުދިން ގިނައިން އެބްޒެންޓު ވަނީ ކީއްވެތޯ ބެލުމަށް ހެދި ދިރާސާއެއް،" ޝާފިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުދިން ލަހުން ނިދީމާ، ހެނދުނުގެ ބަނޑު ސަކަރާތްވުމާއި މޫޑު ގޯސްވުމާއި ބޮލުގެ ރިހުން ފަދަ ކަންކަން ދިމާވެ، ސްކޫލަށް ނާދެވޭގޮތް ވެ އެވެ.

ޝާފިޔާ ވިދާޅުވީ ސޯޝަލް މީޑިއާގެ ކޮންމެ ވަސީލަތެއް ހުޅުވާލާއިރަށް މިހާރު ވަރަށް ގިނަ މައުލޫމާތު ލިބޭ ކަމަށާއި މައުލޫމާތު އެހާ ގިނަ ވުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް