ސަމްޕާ ސަރަހައްދަށް ވަނުމަށް އުޅަނދު ރަޖިސްޓްރީ ކުރުމުން ދޭ ދިދަ: އެ ސަރަހައްދަށް ވަންނައިރު މި ދިދަ ނަގަން ޖެހޭނެ
ސަމްޕާ ސަރަހައްދަށް ދެން ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނި
އދ. އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ 'ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަމްޕާ) ސަރަހައްދަށް ދެން ވަދެވޭނީ، އެކަމަށް ހާއްސަކޮށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދެއް މީގެ 17 އަހަރު ކުރިން، 2009ގައި ވަނީ ހިމާޔަތްކޮށްފަ އެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ ސަރަހައްދެވެ.
އެކަށީގެންވާ ގަވައިދުތަކެއް ނެތުމާއި ގަވައިދަށް ބޯނުލެނބުމުގެ ސަބަބުން، ސަމްޕާ ސަރަހައްދުގައި މީގެ ކުރިން ވަނީ، ހިތާމަވެރި ގިނަ ހާދިސާތައް ހިނގާފަ އެވެ.
އޭގެ ފަހުން ސަރުކާރުން ވަނީ އެކި ފަހަރު މަތިން އެކަމާ ގުޅޭ ގަވައިދުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދު ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.
ތަފްސީލު - ފެހުރިހި ބެލުމަށާއި ސްނޯކަލް އަދި ޑައިވް ކުރުމަށް އެ ސަރަހައްދަށް ވަންނަ އުޅަނދުތައް މިހާރު ރަޖިސްޓްރީ ކުރަން ޖެހެ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނިގޮތުގައި އެތަނުގެ ކަމާ ގުޅޭ ޕޯޓަލްއިން އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި:
-
ސަމްޕާ ސަރަހައްދަށް ވަނުމުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ. އަދި ރަޖިސްޓްރީ ކުރުމުން ދޭ ދިދަ، އެ ސަރަހައްދަށް ވަންނައިރު ނަގަން ޖެހޭނެ
-
ސަމްޕާ ސަރަހައްދަށް ވަނުމުގެ ކުރިން އެތަން ބަލަހައްޓާ ރޭންޖަރުންނަށް އަންގަން ޖެހޭނެ
-
އަދި އެތަނުގައި ހަރަކާތްތެރިވާއިރު 'ލައިވް ލޮކޭޝަން' ހިއްސާ ކުރަން ޖެހޭނެ
ސަމްޕާ ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ އާ މެނޭޖްމަންޓް ޕްލޭންގެ ދަށުން މިހާރު އެ ސަރަހައްދުގައި ޖެޓް ސްކީ އާއި ޖެޓް ކާރު ފަދަ އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ.
އަދ ސްނޯކަލް އާއި ޑައިވް ދޯނިފަހަރާއި ލޯންޗުތައް އަދި އެހެން އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު ހަރުކުރަން، މި މަހުގެ ނިޔަލަށް މުހުލަތެއް ވަނީ ދީފަ އެވެ.
ކޮމެންޓް