ހިމަބިހިން ދިފާއުވާން ދޭ އެމްއެމްއާރު ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ (ފޮޓޯ/ އޮވެން ހަމްފްރޭޒް، ޕީއޭ)
ހިމަބިހި ފެތުރޭތީ ސިއްހީ ދާއިރާގެ މީހުންނަށް ވެކްސިން ދޭން ފަށައިފި
ފަސޭހަކަމާ އެކު ފެތުރެމުންދާ ހިމަބިހިން ރައްކާތެރިވުމަށް، ސިއްހީ ދާއިރާގެ މީހުންނަށް ވެކްސިން ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟- ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި، އަލުން މާލެ ސަރަހައްދުން ފެނުނުތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭގެ ފަހުން މި ބައްޔަށް މިހާތަނަށް 20 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެނގިފައިވާ ގޮތުގައި މި ބަލިން ރައްކާތެރިވުމަށް، ހިމަބިހީގެ ވެކްސިންގެ އިތުރު ޑޯޒެއް، ނަރުހުންނާއި ޑޮކްޓަރުން އަދި ސިއްހީ ދާއިރާގެ އެހީތެރިންނަށް އަންނަނީ ދެމުންނެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ 1،118 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ހަލުއި ސްޕީޑުގައި ނުރައްކާތެރި ރޯގާއެއް ފެތުރޭ ނަމަ، އެންމެ ފުރަތަމަ އެއިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަނީ ސިއްހީ ދާއިރާގެ މީހުންނަށެވެ. އެއީ، އެ ބައްޔަށް އެ މީހުން ހުށަހެޅުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެ ބޮޑުވީމަ އެވެ.
އެނގުން މުހިއްމު- ހިމަބިހިން ރައްކާތެރިވުމަށް، އެމްއާރު ވެކްސިން އާއި އެމްއާރުއައިގެ ދެ ޑޯޒު މިހާރު ވެސް ތުއްތު ކުދިންނަށް ދެ އެވެ. އެ ވެކްސިން އޮންނަނީ ގައުމީ ވެކްސިން ތާވަލުގައި ހިމަނާފަ އެވެ. އެކަމަކު ވެކްސިން ޖެހިކަން ކަށަވަރުވާނެ ލިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން އެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް