ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ލިބެންޖެހޭ ފައިސާ ޖަމާވުން ލަސްވާތީވެ، އެކަން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ބަލައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވާ މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ގާނޫނުއަސާސީ އިން ލާޒިމްކުރާ ކަމެއް ކަމަށެވެ.
ތަފްސީލް - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް ދައުލަތުންދޭ މާލީ އެހީއެއް ނުވަތަ އިނާޔަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭކަން ފާހަގަކުރައްވައި، މެންބަރު ވިދާޅުވީ ފަހަކަށް އައިސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީހަށް، ބަރާބަރަށް ޖަމާވަމުން ނުދާ ކަމަށެވެ.
މިއީ އެފަދަ މީހުންގެ ބޭސްފަރުވާ އާއި ފަރުދީ އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށާއި ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެމީހުންނާއި އެމީހުންގެ އާއިލާތަކަށް މާލީ އަދި ނަފްސާނީ ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
މެންބަރު ވަނީ އެ މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީ އަށް ހުށަހަޅައި، އެންސްޕާ އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެދިވަޑައިގެންފަ އެވެ. އަދި ކޮންމެ މަހެއްގެ ވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ނިޒާމެއް ސަރުކާރުން ކަށަވަރު ކުރުމަށް މަޖިލީހުގެ ފަރާތުން ބާރުއަޅައިދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ކޮމެންޓް