އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، އުފާ ފާޅުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ ނައުޝަމް ވަހީދު)

ރައީސް މުއިއްޒަކީ ބޭވަފާތެރިޔެއް، އެހުންނެވީ އެކަނިވެރިވެފައި: ނަޝީދު

ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ސަރުކާރު ވައްޓާލަން ނޫޅޭ ކަމަށާއި ސަރުކާރު ވެއްޓޭނީ އަމިއްލައަށް ކަމަށް
1 ގަޑިއިރު ކުރިން

ރައީސް މުހައްމަދު މުއިއްޒަކީ ބޭވަފާތެރިޔެއް ކަމަށާއި އެމަނިކުފާނު މިހާރު ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިވެފައިކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު މިރޭ ވިދާޅުވީ ރައީސް މުއިއްޒު ފާހަގަވަނީ ވަރަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ކަމަށާއި ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ މެދު ކަންތައް ކުރެއްވިގޮތުން ރައީސް މުއިއްޒުގެ ބޭވަފާތެރިކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ ކަމަށެވެ.

ތަފްސީލް - "ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އެކަނިވެރިވެފައި ރައީސް އެ ހުންނެވީ."

ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅެދާނެ ކަމަށް ރައީސް މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. ނަމަވެސް އެބޭފުޅާ އަމިއްލަ އަށް ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް."

މި އަހަރު ނިމުނުގެ ކުރިން ސަރުކާރު ބަދަލުކުރާނެ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާއިރު އެ ވާހަކައާ ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ  މަޖިލީސް މެދުވެރިކޮށް ނުވަތަ ރައީސް އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވުން އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް