ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މިއީ އިގްތިސޯދު އާރާސްތުކޮށް އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމަށް ލިބޭ އާ ފުރުސަތެއް: ރައީސް

ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު ކުރިއަށް ނެރުމަށް ރައީސް ގޮވާލެއްވި
1 ގަޑިއިރު ކުރިން

މިފެށުނު އާ އަހަރަކީ ރާއްޖޭގެ އިގްތިސޯދު އާރާސްތުކޮށް، އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމަށް ލިބޭ އާ ފުރުސަތެއްކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ރޭ ފޮނުއްވި ހިތޯބުގައި އާ އަހަރުގެ ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ފޮނުއްވި އެވެ.

ތަފްސީލް - ރައީސްގެ ހިތޯބުގައި ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި ހަމަޖެހުން ބިނާވަނީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް ކަމަށެވެ.

"މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައުގައި ދިރުވަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ މިއަދު މި ބަރަކާތްތެރި މުނާސަބަތުން އަޅުގަނޑުމެން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު."

ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ ހެޔޮކަމުގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރުމަށް ރައީސްގެ ހިތޯބުގައި ގޮވާލެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އަދި އެންމެ މުހިންމު އެއް އަމާޒަކީ އިސްލާމީއަގީދާގެ ބިންގަލުގެ މަތީ، ދިވެހިވަންތަ ރިވެތި އަހުލާގުގެ މަތީ ބޮޑުވާ ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށެެވެ.

"މި ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް. އެ ޔަގީންކަން މި މުނާސަބަތުގައި ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ފެށުނު އާ އަހަރަކީ، އިގުތިސޯދު އާރާސްތުކޮށް އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ އާ އީޖާދުތަކާ އެކު ހީވާގިކަމާއި މުރާލިކަމާ އެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ސަގާފަތް ދަމަހައްޓައި އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު އާ އުސްމިންތަކަކަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެކުއެކީ، އާ އަޒުމެއްގައި މަސައްކަތް ކުރެއްވުމަށް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން."

ރައީސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ހެޔޮދުއާ ކުރުމުގައި ދެމިތިބުމަށް ހަނދާންކޮށްދެއްވައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް