އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް އިންތިހާބުގައި ވޯޓުލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/ނައުޝަމް ވަހީދު)

އަޅުގަނޑަށް ވޯޓުލާ މީހުން ބައެއް ވޯޓާސް ލިސްޓުތަކުން ވަނީ އުނިކޮށްފައި: މީކާއިލް

މީކާއިލް ވިދާޅުވީ ތަފާސްހިސާބުތައް ދައްކާގޮތުން އިންތިހާބުގައި ކުރީގައި އުޅުއްވަނީ އޭނާ ކަމަށާއި ނަމަވެސް ވޯޓުލުން ކުރިއަށްދަނީ އެމްޑީޕީގެ އިންތިހާބެއްގައި ކަން ހިނގައިގެންވާނެ ފަދަ ގޮތަކަށް ނޫން ކަމަށް
1 ގަޑިއިރު ކުރިން

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އޭނާއަށް ވޯޓުލާން ބޭނުންވާ ބައެއް މީހުން ބައެއް ވޯޓާސް ލިސްޓުން އުނިކޮށް، ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ވަރަށް ބޭއިންސާފުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ. އެކަމަކު، އެ ކަންކަމާ އެކު ވެސް މިހާތަނަށް ވޯޓުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރުފަހު 2:30 އިން މިރޭ 8:30 އަށް ވޯޓުލުން ކުރިއަށް ގެންދާ މި އިންތިހާބުގައި ގދ. ފިޔޯރީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވަނީ ފަޅާލާފަ އެވެ. އެކަން ކުރީ، އެ ފޮއްޓަށް ވޯޓު ލާން ދިޔަ ބައެއް މީހުންގެ ނަން، އެ ރަށުގެ ވޯޓުލާ މަރުކަޒުގައި އޮތް ލިސްޓުގައި ނެތުމުން އުފެދުނު ހިތްހަމަނުޖެހުމުގެ ތެރޭގަ އެވެ.

ނަމަވެސް، ފަޅާލި ވޯޓު ފޮއްޓަށް އަލުން ވޯޓު ލާން ވަނީ ފަށައިފަ އެވެ.

 ފ. ފީއަލީގައި ވެސް މައްސަލަ ޖެހި، އެ ރަށުގެ ވޯޓު ފޮށި ވޯޓުލާ މަރުކަޒުން ނެރެގެން ވަނީ ގެންގޮސްފަ އެވެ. މިވަގުތު އެ ރަށުގައި އޮތީ ވޯޓުލުން މެދުކަނޑާލައިފަ އެވެ.

ތަފްސީލް - މާލޭ ގަލޮޅު މަދަރުސާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމަށް ފަހު ނޫސްވެރިންނާ ވަހާކަދައްކަމުން މީކާއިލް ވިދާޅުވީ، ތަފާސްހިސާބުތައް ދައްކާގޮތުން އިންތިހާބުގައި ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ. 

އެކަމަކު މީކާއިލް ވިދާޅުވީ ވަރަށް ހިތާމަވެރި ކަންކަން މި އިންތިހާބުގެ ތެރެއިން ފެންނަމުންދާ ކަމަށާއި ވޯޓުގެ ކަންކަން ކުރިއަށްދަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށެވެ. އެގޮތުން ވިދާޅުވީ:

  • ބައެއް ރަށްރަށުގައި މީކާއިލްގެ މަންދޫބުންނަށް ގަސްތުގައި ފާސް ދޫނުކޮށް، ވޯޓުލުން ކުރިއަށްދިޔަކަން ފާހަގަކުރެވޭ 

  • އަނެއް ބައި ރަށްރަށުގައި ފަޅާލާފައި އޮތް ފޮއްޓަކަށް ވޯޓުލާން އަންގައިގެން އެކަން ކުރިއަށްގެންދާތަން ފެނޭ 

  • ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލާފައިވާކަން އެބަ ފެނޭ؛ އަދި މީކާއިލްއަށް ވޯޓު ލާން ތިބި މީހުން ވޯޓާސް ލިސްޓުން އުނިކޮށްފައި ވޯޓުލުން ކުރިއަށް ގެންދާތަން ފެނޭ

"އަޅުގަނޑު ދުވަހަކުވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން މިއީކީއެއް. އަޅުގަނޑުމެން ތަސައްވަރުކުރާ އެމްޑީޕީއެއް ނޫން މިއީކީއެއް އިނގޭތޯ؟" މީކާއިލް ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު އެދެން އަދިވެސް އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް މިނިވަން އިންސާފުވެރި އިންތިހާބެއް އިލެކްޝަންސް ކޮމިޓީން ކަށަވަރުކޮށްދިނުން. އަޅުގަނޑު އެދެނީ ވީހާވެސް ގިނަ އެމްޑީޕީ މެމްބަރުން ނިކުންނަވައި މި އިންތިހާބުގައި ވޯޓު ދެއްވަން." 

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް އިންތިހާބުގައި މިއަދު ވޯޓުލަނީ (ފޮޓޯ/ނައުޝަމް ވަހީދު)

ވާދަވެރި މި އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދު

  • އިބްރާހީމް މުހައްމަދު (ވާޑު)

  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް