އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ސޯލިހު ނޫސްވެރިންނާ ވާހަކަދައްކަވަނީ (ފޮޓޯ/އެކްސް)

ކޮންމެ މީހަކު ކާމިޔާބު ކުރިޔަސް ސަރުކާރު ޖަވާބުދާރީ ކުރަން ޕާޓީއާ އެކު ހުންނާނަން: ސޯލިހު

ޕާޓީގެ އެތެރޭގެ ވާދަވެރި އިންތިހާބެއް އޮމާންކަމާއެކު ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދަނީ ޝައުގުވެރިކަމާއެކު ކަމަށް ސޯލިހު ވިދާޅުވި
1 ގަޑިއިރު ކުރިން

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކު ކާމިޔާބު ހޯއްދެވި ނަމަވެސް ޕާޓީގެ ލީޑާޝިޕާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ކުރީގައި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ އިންތިހާބުގައި ފެނިގެންދަނީ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ މަންޒަރު ކަމަށެވެ.

ތަފްސީލް - ޕާޓީގެ އެތެރޭގެ ވާދަވެރި އިންތިހާބެއް އޮމާންކަމާ އެކު ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދަނީ ޝައުގުވެރިކަމާ އެކު ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި މިހާތަނަށް މި އޮތީ މިފަދަ ފުރުސަތުތައް ފުޅާކޮށް އެންމެންނަށް ހުޅުވިފައި އޮތީމާ،" އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއީދުކުރައްވައިގެން ހުންނެވި ސޯލިހު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ނިކުންނާނެ ގޮތެއް ނޭނގޭ ކަމަށެވެ.

"މީކާއިލް ނަސީމް އިންތިހާބު ކާމިޔާބުކޮށްފިއްޔާ އެ ވެގެންދާނީ އާ ޖީލަކަށް، އާ ޒުވާން ޓީމެއްގެ އަތްމައްޗަށް ޕާޓީގެ ލީޑާޝިޕް ފުރޮޅިގެން ދާތަން. ދެން އޮތީ ރައީސް ނަޝީދު. ރައީސް ނަޝީދު އިންތިހާބުވެ ވަޑައިގެންފިއްޔާ އެ ފެނިގެން ދަނީ އަނެއްކާވެސް ތަޖުރިބާއާ އެކު، ވެރިކަމުގެ ތަޖުރިބާއާ ވެސް އެކު އެ ވަޑައިގަންނަވަނީ،" ސޯލިހު ވިދާޅުވި އެވެ.

"އެހެންވީމާ ކޮންމެ ގޮތަކަށް މި [އިންތިހާބު] ނިމިގެން ދިޔަޔަސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެން ފަށާފައި މިވާ މަސައްކަތް، ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައި އޮތް އޮތުން އަޅުގަނޑުމެން އެއީ، އަޅުގަނޑުމެން އެއާ އެކު ކުރިއަށްދާން ޖެހޭ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ލީޑާޝިޕުން ކުއަށް ދާނެކަމުގެ އުއްމީދު އަޅުގަނޑުގެ ވަރަށް ބޮޑު." ސޯލިހު ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ހުންނާނީ އެމްޑީޕީ އާއެކު. ކޮންމެ ލީޑާޝިޕަކާ އެކު ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ހުރިހާކަމެއްގައި އަޅުގަނޑު ހުންނާނެ."

ސޯލިހު ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި ނަމަވެސް އެމްޑީޕީ އިން ފަށާފައިވާ މަސައްކަތުގައި ޕާޓީ އެކުގައި ކުރިއަށްދާން ޖެހޭ ކަމަށާއި ބައިބައިވުމުގެ 'މިސްޓޭކު' ހެދުމުގެ ފުރުސަތު ޕާޓީ ތެރެއިން ނުދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެއްވެސް ލީޑަރަކު އެކަން ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާމެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށާއި އެމަނިކުފާނު ހުންނަވާނީ ޕާޓީއަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ މިވެނި ބޭފުޅަކަށްކަން %100 ޔަގީންވާ ބޭފުޅަކު ކުރިމައްޗަށް އަރައިފިއްޔާ އެ ބޭފުޅަކާއެކު އަޅުގަނޑު ހުންނާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - މިއަދު މެންދުރު 2:30 އިން މިރޭ 8:30އަށް ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،000 އަށް ވުރެ ގިނަ މެންބަރުންނަށް ލިބެ އެވެ. މިހާތަނަށް 10،000އަށް ވުރެ ގިނަ މެންބަރުން ވޯޓުލާފައިވާ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް