ރަސްފަންނު ސަރަހައްދު (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
މަރާމާތަށް ފަހު ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ހުޅުވާލައިފި
މަރާމާތަށް ފަހު ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ރަސްފަންނުގެ އެކި ސަރަހައްދުތައް މަރާމާތަށް ބަންދުކުރީ މިދިޔަ އޭޕްރީލްމަހު އެވެ.
ތަފްސީލް - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ މަރާމާތުގެ މަސައްކަތް ނިިމިފައިވާތީ މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
އެ މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން ވަނީ މޫދުގައި ފެން ދައުރުވާނެހެން ހޮޅިި ޖަހައި، އުތުުރު ފަރާތުގެ ފެން ހިންދާ ނިޒާމު ރަނގަޅުކޮށްފަ އެވެ.
ރަސްފަންނުގެ އެކި ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު މިނިސްޓްރީން ވަނީ މަސައްކަތް ކުރިއަށްދާއިރު އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ބައްލަވާލެއްވުން pic.twitter.com/2e0VU5lXkV
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 12, 2026
ރަސްފަންނު އޮންނަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ. މީގެ ކުރިން ވެސް އެ ސަރަހައްދުގައި ހުރި ވަސީލަތްތައް ވީރާނާވަމުންދާތީ ކުރިމަތިވި ފާޑުކިޔުންތަކާ އެކު ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރި އެވެ.
ގުޅުން ހުރި - މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ރަސްފަންނާއި ސަލްޓަން ޕާކު ވީރާނާވާތީ ހިތާމަ ކުރައްވާ ކަމަށާއި އެ ތަންތަނަށް އާރޯކަން ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ދެ ތަން ވެސް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.
ކޮމެންޓް