ވާރޭ ވެހި މާލޭގެ މަގުތައް ހަޑިވެފައިވާތީ، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް މަގުމަތި ކުނިކަހަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާއްމު އުނދަގުލަށް ޖޫރިމަނާ ކުރެވޭ ގަވައިދަކަށް ހިޔާލަށް ހުޅުވާލައިފި

މި ގަވައިދުގައި، އާއްމު އުނދަގުލާ ގުޅޭ ގިނަ ކަންކަމާއި އެކަމަށް އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވޭ
56 މިނިޓު ކުރިން

އާއްމު އުނދަގުލާ ގުޅޭ ގިނަ ކަންކަމާއި އެކަންކަމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގަވައިދެއް ހަދައި، އެއަށް ހިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ސިޓީ ކައުންސިލުން މިއަދު ގެޒެޓު ކުރި މި ގަވައިދުގެ ދަށުން އާއްމު އުނދަގުލުގެ ގޮތުގައި ބަލާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ކުނި ބެހެއްޓުމަށް ނުވަތަ އުކަން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި އުކުން

  • މަގުމަތި ހަޑިކުރުން

  • ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް އާއްމު ތަންތަނުގައި ތަކެތި ބެހެއްޓުން

  • އިމާރާތް ކުރަމުންދާ ތަންތަނާއި މީހުން ދިރިއުޅޭ ތަންތަނުގެ ބެލްކަންޏާއި ޓެރަސް ފަދަ ތަންތަނުގައި ގަސްމުށި ބެހެއްޓުމާއި ވާޖަހައިގެން އިމާރާތަށް ތަކެތި އެރުވުން

  • މީހުންނަށް އުނދަގޫވާ ގޮތަށް އާއްމު ތަންތަނުގައި މުދަލާއި ތަކެތި ބަހައްޓައިގެން ވިޔަފާރި ކުރުން

  • އާއްމު އުނދަލަށް ވާގޮތަށް އަޑުގަދަކުރުން

  • ހުއްދަނެތި ފާރާއި އެހެން ތަންތަނުގައި ދަވާދުން ނުވަތަ ސްޕްރޭއިން ކުރަހާ ލިޔެ ހެދުން

ތަފްސީލް - ގަވައިދުގައިވާ ގޮތުން މި ފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފުރަތަމަ ލިޔުމުން ނަސޭހަތް ދޭނީ އެވެ. އެއަށް ފަހު އިޖްތިމާއީ އަމުރު ނެރެ އަދި އެންމެ ފަހުން ޖޫރިމަނާގެ ނޯޓިސް ފޮނުވުމަށް ވެސް ވެ އެވެ. މި އަމަލުތަކަށް އަޅާނެ ފިޔަވަޅުތަކަށް ބަލާއިރު:

  • ކުނިއަޅަން ނުޖެހޭ ތަންތަނަށް ކުނި އަޅައިފި ނަމަ، ނޯޓިސްދީ 500ރ. އިން ޖޫރިމަނާކުރުން

  • މިފަދަ އަމަލެއް ހިންގުމުން ނަސޭހަތެއް ނުވަތަ ނޯޓިސް ދިނުމަށް، ނުބައި އެޑްެރެހެއް ނުވަތަ މައުލޫމާތެއް ދީފި ނަމަ، 2،000.ރ އިން ޖޫރިމަނާކުރުން

  • މަގުމައްޗަށް ވެއްޓިދާނެ ފަދަ ގޮތަކަށް އިމާރާތްތަކުގެ ޓެރަސް އަދި ބެލްކަނިތަކުގައި ގަސްމުށި ބަހައްޓާ ނަމަ، ރަނގަޅު ކުރުމަށް ތިން ދުވަހުގެ މުހުލަތެއް ދިނުން؛ އެ މުއްދަތުގެ ތެރޭގައި ރަނގަޅު ނުކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާކުރުން އަދި އެ މުއްދަތުގައި ވެސް ރަނގަޅު ނުކޮށްފި ނަމަ، 15،000ރ. އިން ޖޫރިމަނާކުރުން

  • ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާކުތަކާއި މައިޒާންތަކާއި މިސްކިތްތަކާއި ބިންތަކުން މާ ބިނުމާއި ގަސްތަކަށް ގެއްލުން ދިނުމާއި މިސްކިތުގައި ނިދައި ފެންވަރައި ހެދުން މަނާކުރުން؛ އެފަދަ ކަމެއް ކުރާ ނަމަ ފުރަތަމަ ފަހަރު 100ރ. އިން ޖޫރިމަނާކޮށް، ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާ ކުރުން

  • ކެފޭ/ރެސްޓޯރެންޓުތަކާއި ކުޅިވަރު ކުޅޭ ފަދަ ތަންތަނުގައި، އާއްމު އުނދަގުލަކަށް ވާގޮތަށް ބާރަށް ލަވަ ޖަހައި އަޑުގަދަކޮށް ޓީވީ ބަލާނަމަ އެކަން ރަނގަޅު ކުރަން 15 މިނިޓްގެ ވަގުތުކޮޅެއް ދިނުން؛ އެ ފުރުސަތުގައި އެކަން ނުހުއްޓައިފި ނަމަ، 500ރ. އިން ޖޫރިމަނާ ކުރުން

  • ޖޫރިމަނާ ނުދައްކައިފި ނަމަ ކޯޓަށް ގޮސްގެން އެ ފައިސާ ހޯދޭނެ

މި ގަވައިދުގެ ދަށުން މި ފަދަ ގިނަ އަމަލުތަކެއް ފާހަގަކޮށް، އެކަމަށް އެޅޭނެ ފިޔަވަޅުތައް ވަކިވަކިން ފާހަގަކޮށްފައި ވެ އެވެ.

ސިޓީ ކައުންސިލުން ވަނީ މި ގަވައިދާ ގުޅޭގޮތުން ހިޔާލެއް އޮތް ނަމަ، 10 ދުވަހުގެ ތެރޭގައި އެތަނުގެ އީމެއިލް އެޑްރެސްއަށް އީމެއިލްއަކުން ހުށަހެޅުމަށް އެދިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް