ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
ރައީސް ބޭނުންވަނީ އެމްޑީޕީ ގަދަ ނިންޖެއްގައި ބާއްވަން، އެހެންވިޔަ ނުދޭނަން: ނަޝީދު
ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އެމްޑިޕީ ގަދަ ނިންޖެއްގައި ބޭއްވުމަށް ކަމަށާއި އެމަނިކުފާނުގެ ޗެއާޕާސަންގައި އެހެންވިޔަނުދެއްވާނެ ކަމަށް އެ މަގާމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ
ވީ ކިހިނެއް؟ - އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންނަށް ނަޝީދު މިހާރު ހުންނެވީ ނ. އަތޮޅުގަ އެވެ.
މި ދަތުރުގެ ތެރެއިން އަނެއްކާވެސް ރައީސް މުއިއްޒަށް ބަހުގެ ހަމަލާތަކެއް ދެއްވީ، ނ. ހޮޅުދުއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ރައީސް ނަޝީދު އާ ފައްޔާޒް ހޮޅުދޫއަށް ވަޑައިގަތުން 💛🌼 pic.twitter.com/vZhZTr3fPN
— Luke (@lucasjalyl) June 10, 2026
ތަފްސީލު - އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު އާއި މި ސަރުކާރަށް ފައިދާ ވާނީ އެމްޑީޕީ ހަރާކާތްތެރި ނުވެ، މަޑުމަޑުން އޮތުމުންނެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ޕާޓީ އެގޮތަށް މަޑުމަޑުން ބާއްވަން ތައްޔާރަށް ނޫންކަން ފާހަގަ ކުރެއްވި އެވެ.
"މިހާރު ގަޑިން ހެނދުނު 10 ޖަހަނީ. އެމްޑީޕީ މާނިދި މަތުރާފައި ބޭއްވުން އެއީ ޑރ. މުއިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ބޭނުމަކަށް ވާނެ،" ކެމްޕެއިނަށް ނ. އަތޮޅަށް ކުރަައްވާ ދަތުރުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލް، ހޮޅުދުއަށް ވަޑައިގެން ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަރަކާތްތެރި ނުވާންވީ. ގޮސް އަސުރަށް އަޅައި، ރެޔައް ވީމާ ވެސް އެބޭފުޅުންނަށް ރަނގަޅު ވަނީ އަޅުގަނޑުމެން ގޭގެއަށް ނުނުކުމެ، މަޑުމަޑުން ތިބިއްޔާ. އެހެން ނަމަވެސް އެހެން ހެދޭކަށް ނެތް."
ނަޝީދުގެ ވާހަކައިގައި އެ ގެންނެވި 'މާނިދި މެތުރުން'ގެ މާނައަކީ، ހޭނުލެވޭ ގޮތަށް ފަންޑިތައިގެ ބާރުން ނިންދެވުމެވެ. ނުވަތަ ނިދައިފައި ތިބޭ މީހުން ހޭލިޔަނުދީ ގަދަ ނިދީގައި ބައިތިއްބުމަށް ހަދާ ފަންޑިތައެކެވެ.
ނަޝީދު ވިދާޅުވި ގޮތުގައި:
-
ރާއްޖެ ބަދަލު ކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާއި މުސްތަގުބަލުގައި ވެސް ރާއްޖެ ބަދަލު ކުރަން އޮތް ޕާޓީއަކީ އެ ޕާޓީ ކަމަށް
-
އަދި ދިވެހިންނަށް ތަނަވަސްކަމާއި ސަލާމަތްތެރިކަން ވެސް ލިބެން އޮތީ އެމްޑީޕީގެ ކިބައިން ކަމަށް
"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި މި ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކާއި ރާއްޖޭގެ އެތައް ރައްޔިތުންށް ހިތްވަރު ލިބިގެންދާނެ އަނެއްކާވެސް އަލުން އަނބުރާ ރީނދޫ ލަޝްކަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރުކުރިގެން މި އޮތް އަންނަނީ،" އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ވާދަ ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީގެ ރީނދޫ ތިލަފަތުގެ ދިދަ ވިހުރެމުން އެ ދަނީ. އަޅުގަނޑުމެންގެ އަޑު، އަޅުގަނޑުމެންގެ ޖޯޝް، އަޅުގަނޑުމެންގެ ލަވަތައް އަނެއްކާވެސް ރާއްޖޭގައި ގުގުމާފައި މި ދަނީ."
ނަޝީދު ވިދާޅުވި ގޮތުގައި، މި ކެމްޕެއިން ތެރެއިން އެމަނިކުފާނު ވަރަށް ގިނަ ރައްޔިތުންނާ ބައްދަލު ކުރެއްވިއްޖެ އެވެ. އެގޮތުން:
-
80އަށް ވުރެ ގިނަ ރަށަށް ވަޑައިގެންފި؛ ހޮޅުދޫއަކީ 81 ވަނަ ރަށް
-
ގާތްގަނޑަކަށް 1،400-1،800 ގެއަށް ވަދެވަޑައިގެންފި
"ރައްޔިތުންގެ އުންމީދުތައް އަދި އެ މީހުން ދާން ބޭނުންވާ މަންޒިލް ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ. މި މަންޒިލަށް ދިވެހި ރާއްޖެ ގެންދެވޭނެ. އަޅުގަނޑުމެންގެ އުންމީދު ހަގީގަތަކަށް ހެދޭނެ،" މިއަދު ރައްޔިތުންނަށް އާމްދަނީގެ ގޮތުގައި ލިބެނީ ކުޑަ މިންވަރެއް ކަމަށާއި އިގްތިސާދީ އެތައް ގޮންޖެހުންތަކެއް ރައްޔިތުންނަށް އެބަ އޮތްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ތަކެތީ އަގު އުފުލި، ޑޮލަރުގެ ދަތިކަން ވެސް އިންތިހާއަށް އެބަ އޮތެވެ.
"ޑރ. މުއިއްޒުގެ ނާގާބިލު ސަރުކާރުން ދައްކަވަމުން އެ ގެންދަވަނީ މުޅިން ދޮގު ވާހަކަ. ޑޮލަރު ދެވޭކަށް ނެތް. އެބޭފުޅުންގެ އަތުގައި ޑޮލަރެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
މިއަދު މިދެކޭ ޑޯޓުޑޯ ހިނގަން ދަސްކޮށްދިން މީހާ.
— Hussain Shafiu (@charly_thuthu) June 10, 2026
ހޮޅުދޫ ޑޯޓުޑޯ 💛🌼#BoduBadhalu #VoteAnni #AnniForChair pic.twitter.com/OWVql5GWm7
މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކޮށްފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، އެވަރަށް އަނެއްކާވެސް ދަރަނި މި ސަރުކާރުން ދަނީ ނަގަމުންނެވެ.
"ރާއްޖެެ ސަލާމަތްވާން އޮތް ސިޔާސަތެއް އެ ބޭފުޅުންގެ ނެތް ކަމުގެ އެންމެ ފުރިހަމަ ދަލީލަލީ، ކިތައް ވަނަ މާލީ ވަޒީރުތޯ އަޅުގަނޑުމެންނަށް މި ފެންނަމީ،" މިހަފްތާގައި މި ސަރުކާރުގެ ތިން ވަނަ ފިނޭންސް މިނިސްޓަރު އައްޔަން ކުރި ކުރުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
އެއާ އެކު ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިގޮތަށް ހިނގުމަށް ދޫކޮށްލެވެން ނެތް ކަމަށެވެ. އަލުން އަނބުރާ ރާއްޖެ ތަނަވަސްކަމުގެ މަގަށް ގެނައުމަށްޓަކައި ވަރުގަދަ އެމްޑީޕީއެއް ބޭނުންވާ ކަމަށެވެ. އެ ވަރުގަދަ އެމްޑީޕީ ބިނާ ކުުރުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
— Sangu TV (@Sangu_TV) June 10, 2026
ކޮމެންޓް (1)
މަބުނީ