14 ސެޕްޓެމްބަރު 2024: އަމިން އެވެނިއު. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބައްސާމް ގަތް އަމިން އެވެނިއު 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން ހައި ކޯޓުން މަނާކޮށްފި

ހައި ކޯޓުން މި ވަގުތީ އަމުރު ނެރުނީ އެ ކޯޓުގައި މިހާރު ހިނގަމުންދާ، އަމިން ކޮންސްޓްރަކްޝަންސްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގައި

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދަށު ކޯޓުގައި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށް ސާބިތުނުވާ މައްސަލަ ނިމެންދެން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓުން އެއްވެސް މުއާމަލާތެއް ކުރުން މަނާކޮށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީކިހިނެއް؟ - އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑާކުރަން އެހީވެދިނުމުގެ ދައުވާ ދައުލަތުން ކުރީ، ފީފާއިން އެފްއޭއެމަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމީން އެވެނިއުއިން 2 އެޕާޓްމަންޓެއް ބައްސާމް ގަތް ކަމަށް ބުނާ މައްސަލައިގަ އެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުން ބައްސާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރި ނަމަވެސް އަމިން ކޮންްސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި އެވެ.

ތަފްސީލް - އެ ހުކުމް އިސްތިއުނާފްކޮށް ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދެނީ ބައްސާމް ގަނެފައިވާ ދެ އެޕާޓްމަންޓް ބޭނުންކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށެވެ.

ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ:

  • އެ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ދަށު ކޯޓުގެ ޝަރީއަތުގެ މަރުހަލާގައި ނެރެފައިވޭ

  • ހައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މުދަލުގެ އަސްލު ގެއްލޭ ފަދަ އެއްވެސް މުއާމަލާތެއްކޮށްފިނަމަ ދައުލަތުން އެދޭ ފަރުވާ ހޯދުމުގެ ފުރުސަތު ބަންދުވެދާނެ

  • އެހެންވެ، އެ ކޯޓުން އެހެން ގޮތެއް ކަނޑައެޅުމާ ހަމައަށް އެ ދެ އެޕާޓްމަންޓްގެ މިލްކުވެރިކަމަށް ބަދަލެއް އައިސްފާނެ ފަދަ ކަމެއް ހިމެނޭ ގޮތުން އެޕާޓްމަންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަމުރުކުރާ ކަމަށް

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމެވީ، އަމިީން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް 15.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދިން ކަމަށް ބާރުދޭ ހެކިތަކެއް ހުރުމުން ކަމަށް ބުނެ އެވެ.

އެނގުން މުހިންމު - ދައުލަތުން ތުހުމަތުކުރާ ގޮތުގައި:

  • އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާއިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދެއްކި

  • އެ ޑޮލަރަށް ވާ ދިވެހި ފައިސާ އަމީންއިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހަދަން ވަގު ލިޔެކިޔުން ތައްޔާރުކުރި

  • އެ 1 މިލިއަން ޑޮލަރަކީ ކޮވިޑު-19ގައި ކްލަބްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކޮށްދޭން ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނު

  • ނަމަވެސް ބައްސާމާއި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނަނީ އެ ލޯނު އެފްއޭއެމަށް ލިބުމުގެ މާ ކުރިން ބައްސާމް އެޕާޓްމަންޓް ގަންނަން ފައިސާ ދައްކާފައިވާ ކަމަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް