އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކެމްޕޭނަށް ގއ. ވިލިނގިއްޔަށް ވަޑައިގަތުން. (ފޮޓޯ/ހުސައިން ޝާފިއު)

ނަޝީދު ރައީސަށް: އިޝްގުގައި ބޭގަރާރު ވިޔަސް ވަރިހަމަ؛ 'މައުމޫނީ' ސިފަތައް ނުގެނޭ

ނަޝީދު ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އެ ނޫނަސް އިތުރު ހައްގުތަކަށް ރައީސް މުއިއްޒު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް. ނަމަވެސް އެފަދަ 'މައުމޫނީ' ސިފަތަކަށް ރައްޔިތުން ދެން ވެސް ފުރުސަތު ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި
1 ގަޑިއިރު ކުރިން

'އިޝްގުގައި ބޭގަރާރު ވިޔަސް' ވަރިހަމަ ކަމަށާއި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އަރައިނުގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު މުއިއްޒަށް މިރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ނަޝީދު، ކެމްޕޭނަށް މިއަދު ހަވީރު ވަޑައިގަތީ ގއ. ވިލިނގިއްޔަށެވެ.

ބުނީ ކީކޭ؟ - ވިލިނގިލީގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް މުއިއްޒު އާއި މި ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު "މައުމޫނީ ސިފަތަކެއް އެބަ ގެންނަވާ" ކަމަށެވެ.

"އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. ޑރ. މުއިއްޒު ކަން ކުރައްވަމުން އެ ގެންދަވަނީ އަނެއްކާވެސް ރާއްޖެ އިންގިލާބުގެ ފައްތަރަކަށް ގެންދަން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކެމްޕޭނަށް ގއ. ވިލިނގިއްޔަށް ވަޑައިގަތުން. (ފޮޓޯ/ހުސައިން ޝާފިއު)

ތަފްސީލު - ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫނަށް ވެސް އެ މަންޒަރު ފެނިވަޑައިގަތީ ވެރިކަން ނިމެން ގާތްވެ، 2007 ވަނަ އަހަރު ކަމަށާއި ހަމަ އެގޮތަށް ރައީސް މުއިއްޒު ވެސް ހައްގުތަކަށް އަރައިގަންނަމުންދާ ނަމަ ރައްޔިތުން އެ މަނިކުފާނަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"ޑރ. މުުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެއްޗަކީ ދިވެހިންނާ ތިޔަބޭފުޅުން ތިޔަ ކުޅުއްވަން އުޅޭ ގޮތަށް ނުކުޅެވޭނެކަން. މާ އަތްފުޅާކޮށްފައި އުޅުއްވާނެ ކަމެއް ނެތް. ފަސް ޕަސެންޓަށް ޑރ. މުއިއްޒު އަޅުގަނޑުމެން ތިރިކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަކަށް އެކަން ކޮށްފިން. އަޅުގަނޑުގެ ކުރީގެ ނައިބު ރައީސް (އަދި ނަޝީދަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ވަހީދު). މިހާރު މި އަންނަނީ އަނެއް ބޭފުޅާ. ހަމަ ސީދާ އެއް ދަންތުރައެއްގައި ޖެހެން އެ ތައްޔާރުވެވަޑައިގަންނަވަނީ."

ނަޝީދު، ރައީސް މުއިއްޒަށް އިލްތިމާސްކުރެއްވީ އަމަލުތައް ބަދަލުކޮށް، 'ރަތް ރޮނގު' ހުރަސް ނުކުރުމަށެވެ.

"އިޝްގުގައި ބޭގަރާރުވެގެން އުޅުނަސް އަޅުގަނޑުމެންނަށް ވަރިހަމަ،" އެ ވަގުތު އޯޑިއެންސްގައި ހުރި މީހަކު ބުނި އެއްޗަކާ ގުޅުވައި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހައްގުތަކަށް އަރައެއް ނުގަނެވޭނެ. އަޅުގަނޑުމެންގެ މިނިވަންކަމަށް، އަޅުގަނޑުމެންގެ ތަނަވަސްކަމަށް ހުރަހެއް ނޭޅޭނެ."

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކެމްޕޭނަށް ގއ. ވިލިނގިއްޔަށް ވަޑައިގަތުން. (ފޮޓޯ/ހުސައިން ޝާފިއު)

ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ތަނަވަސްކަން ބިނާވެފައި އޮންނަނީ މިނިވަންކަމާއި އަމިއްލަ މަސައްކަތަށެވެ.

އެ މިނިވަންކަމުގެ އިތުރުން ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ނެތުމުން އަނެއްކާވެސް ވެއްޓޭނީ، ނަޝީދު ވިދާޅުވި ގޮތުގައި، ނިކަމެތިކަމުގެ ތެރެއަށެވެ.

ނަމަވެސް ސަރުކާރަށް އެކަން ކުރުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ 2028 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް ގެންނަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެކަން ކުރެވޭނީ އެމްޑީޕީ ވަރުގަދަވެގެން ކަމަށާއި އެމަނިކުފާނު ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

"ދެން އަޅުގަނޑަކަށް ނޭނގޭ 2028 ވަނަ އަހަރު އަންނަންވާއިރަށް ޑރ. މުއިއްޒު ވެރިކަމުގައި ހުންނަވާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

"އެ ބޭފުޅާއަށް ވީ ހުރިހާ މަސައްކަތެއް އެބަކުރައްވާ [ވެރިކަމުގައި] ނުހުންނަވަން ވެގެން."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް