ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ނަޝީދު ގދ. ތިނަދޫގައި (ފޮޓޯ/އެކްސް)

ސަރުކާރު %5އަށް ތިރިކޮށްލާނަން: ނަޝީދު

މުޒާހަރާއަކުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ މެންބަރުންތަކަކަށް ދައުވާކޮށްފި ނަމަ ސަރުކާރަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށް އިންޒާރު ދެއްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ވުރެ މައްޗަށް ރައީސް މުހައްމަދު މުއިއްޒަށް ނޭރުއްވޭނެ ކަމަށް
1 ގަޑިއިރު ކުރިން

މި ސަރުކާރަށް އޮތް ތާއީދު %5އަށް ތިރިކޮށްލާނެ ކަމަށާއި ރައީސް މުހައްމަދު މުއިއްޒު ހުންނެވީ ތިން ބަލިން ބަލިވެފައި ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕޭނަށް ގދ. ތިނަދުއަށް ވަޑައިގެން ރޭ އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށާއި މިހާރު ސަރުކާރުގެ މިސްރާބު ހުރީ "އިތުރަށް ބަލިވާން" ކަމަށެވެ.

ތަފްސީލް - ނަޝީދުގެ ވާހަކަ ރޭ ބޮޑަށް ބިނާކުރެއްވީ ވެސް ސަރުކާރަށް ފާޑުވިދާޅުވުމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ބަލިވި ނަމަވެސް އެއީ ކާމިޔާބީއެއް ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ރޭ ވިދާޅުވީ ސަރުކާރު ދަށްވީމާ ދެން ވާނެ ގޮތަކީ ކޮބައިތޯ ހިތަށް އަރާ ކަމަށެވެ.

"ރައީސް މުއިއްޒު، ޑރ. މުއިއްޒު އެ ވަނީ ތިން ބަލިން ބަލިވެފައި. އާދެ ތިން ފަށްވެފައި. ދެން ވަޑައިގަންނަވަން ޖެހޭނީ ސީދާ ގެއަށް،" ނަޝީދު ވިދާޅުވި އެވެ.

"ކައުންސިލް އިންތިހާބުގައި ވަރަށް ބޮޑަށް ބަލިވެއްޖެ. ފެންނަ ނުފެންނަ ވޯޓުގައި ވަރަށް ބޮޑަށް ބަލިވެއްޖެ އަދި އެއަށް ވުރެ ބޮޑަށް. އައްޑޫ ކޮރުވަލު ގޮނޑީގައި، ހިތަދޫ އުތުރު ގޮނޑީގައި އަނެއްކާ މާ ބޮޑަށް ބަލިވެއްޖެ. ދޮންފަނުގައި ބޭއްވި ބައި-އިލެކްޝަނެއްގައި، އެ ތަނުގައި ވެސް މުޅި ސަރުކާރު ދޮންފަނަށް އަރިކޮށްފައި އޮއްވާ އެ ތަނުގައި ވެސް ޑރ. މުއިއްޒު ބަލިވެއްޖެ."

ނަޝީދު ވިދާޅުވީ މިިއީ ނާގާބިލު ސަރުކާރެއް ކަމަށާއި ރައީސް މުއިއްޒުގެ މަގުބޫލުކަން ވެސް ގެއްލިފައިވާ ކަމަށެވެ. އަދި 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ މާ ތަނަވަސް އަގުލަބިއްޔަތަކުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން އަބަދު ވެސް އިސްކަންދެނީ ރައްޔިތުންގެ ތަނަވަސްކަމަށް ކަމަށާއި މިއަދަށް ވުރެ އިތުރު އާމްދަނީއެއް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.

"އެމްޑީޕީގެ ސިޔާސަތުތަކުން އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ އާމްދަނީ ދެގުނަވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

ބަލަން ބޭނުންވަނީ މިއަދު ރައްޔިތުންގެ ތަނަވަސްކަން ހުރި މިންވަރު ކަމަށާއި ތަރައްގީ ގެންނަން ބޭނުންވަނީ ކޮންކްރީޓާއި ބޮޑުހިލަ އާއި ދަގަނޑު ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ތަނަވަސްކަމަށް ބޭނުންވަނީ މިނެކިރާ، ތަނަވަސްކަން ހޯދޭނެ ގޮތެއް ކަމަށެވެ.

"އެމްޑީޕީން އިރާދަކުރެއްވިއްޔާ އުފައްދާނެ ޕްރޮޖެކްޓު އޮފީހެއް. އެ އޮފީހުން ތިބޭފުޅުންގެ ކައުންސިލާ އެކު މަސައްކަތްކުރާނެ. އަމާޒަކަށް ވާނީ ކޮބައިތޯ ގޭގެއަށް ވަންނަ މިންވަރު ދެނެގަތުން. މަންޒިލަކަށް ވާނީ އެ މިންވަރު ދެގުނަ ކުރުން. ޕްރޮޖެކްޓަކަށް ވާނީ އެކަން ކުރުމަށް ހިންގަންޖެހޭ ޕްރޮޖެކްޓު،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މަރުކަޒީ ސަރުކާރުގެ ދަރަނި ވަރަށް ބޮޑުވެއްޖެ ކަަމަށާއި އުފެއްދުންތެރިކަމުގެ %120އަށް ދަރަނިއަރާފައިވާއިރު ސަރުކާރަށް ދަރަނި ދޭނެ އެހެން ބަޔަކު ނެތް ކަމަށެވެ.

"އެހެން ނަމަވެސް ތިނަދޫ އޮތީ ދަރައެއް ނޫން. ތިނަދުއަށް ލޯނު ނެގޭނެ. ތިނަދުއަށް ތިނަދޫގެ ތަރައްގީގެ މަސައްކަތް، މި ހުވަދޫގެ ތަރައްގީގެ މަސައްކަތް ހިންގޭނެ. އަޅުގަނޑުމެންގެ، އެމްޑީޕީގެ އަމާޒަކަށް ވާނީ ޕްރޮޖެކްޓު އޮފީހުގެ އަމާޒަކަށް ވާނީ މިހާރު ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކޭ އެތައް ކަމެއް ކުރަން ފެށުން، ކުރެވޭނެ މަގުތައް އަޅުގަނޑުމެން ހޯދުން. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ކައުންސިލުތަކަށް ވެސް މި ބުނި މަގުތައް ދައްކައިދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލެއްވީ މަޖަލަކަށް ނޫން ކަމަށާއި ފޮތްފަންސޫރު ގަލަން ހުރި މިންވަރު ބަލަން ވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ ހަގީގަތުގައި ރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތް. އަނެއްކާވެސް ރާއްޖެ މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. އަޅުގަނޑުމެންނަށް ހަރާބުގެ މަގަށް ވެސް ދެވިދާނެ. އަދި ސަލާމަތުގެ އައްސޭރިއަށް ވެސް އަޅުގަނޑުމެންނަށް ދެވިދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތަކަށް ވާނީ ރާއްޖެ ސަލާމަތްކުރުން ކަމަށެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރަނީ ރައްޔިތުން ނިކަމެތިކޮށްގެންކަމަށް ވަނީ ނަަމަ ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން ދާދިއަވަހަށް ނެތި ގޮސްދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދަރަނި އަދާކުރަން އަޅުގަނޑުމެން ޖެހޭނީ ތަނަވަސްވެގެން. ނިކަމެތި ވެގެންނެއް ނޫން. ސަރުކާރުގެ ސިޔާސަތަކަށް ވެގެން ނުވާނެ ޓެކްސް ބޮޑުކޮށްގެން ރައްޔިތުންގެ ޖީބުން އަތުލައިގެން، ނަގައިގެން ދަރަނި އަނބުރާ ދެއްކުން. ޓެކްސްގެ ބޭސް ބޮޑުކުރަން އެބަޖެހޭ. އަދި ޓެކްސް ދައްކާ މީހުންގެ އަދަދު، އެ މީހުން ތަނަވަސްކޮށްދޭން އެބަޖެހޭ. ދެން އެ ލިބޭ އާމްދަނީން އަޅުގަނޑުމެން މި ދަރަނި އަދާކުރަންވީ،" ނަޝީދު ވިދާޅުވި އެވެ.

ފާއިތުވި 30 އަހަރު ރާއްޖޭގެ ތާރީހު ބެލުމަށް ޒުވާނުންނަށް ގޮވާލައްވައި ނަޝީދު ވިދާޅުވީ ޒުވާނުންނަށް މިނިވަންކަމާ އެކު ކޮފީ ބޯލަން ތިބުމުގެ ފުރުސަތު ލިބުނީ ކޮންތާކު، ކާކު ކީއްކޮށްގެންކަން ބެލުމަށް އެދޭ ކަމަށެވެ.

މިހާރުގެ ސަރުކާރުން ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް ފެންނަން ފަށާފަައިވާ ކަމަށާއި އެ ސިފަތައް ވަރަށް އަވަހަށް ނައްތާލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން ހޯދި މިނިވަންކަން ބީވެ ނުދާނެކަން ކަށަވަރުކުރާނެ ކަމަށް ޕާޓީގެ މެންބަރުންނަށް ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައިގެން މިއުޅެނީ ރާއްޖެ އަނެއްކާވެސް ބަދަލު ކުރެވޭނެ ޕާޓީއަކީ ވެސް އެމްޑީޕީ. ރާއްޖެ ސަލާމަތްކުރެވޭނެ ޕާޓީއަކީ ވެސް އެމްޑީޕީ. އެމްޑީޕީގެ ހުރި ވަރެއް އަޅުގަނޑުމެން އެންމެންގެ ގައިގައި ވެސް ހުރީ. އަޅުގަނޑުގެ ގައިގައި ވެސް ހުރީ މި ޕާޓީގައި ހުރި ވަރެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ 2028ގެ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ 160،000 ވޯޓު އެމްޑީޕީއަށް ހޯދޭނެ ކަމަށެވެ.

މުޒާހަރާއަކުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ މެންބަރުންތަކަކަށް ދައުވާކޮށްފި ނަމަ ސަރުކާރަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ވުރެ މައްޗަށް ރައީސް މުއިއްޒަށް ނޭރުއްވޭނެ ކަމަށެވެ.

"މާ، މާ ބޮޑަށް ބަލިވާނެ. އެއްގޮތަކަށް ވެސް ހިޔާލަށް ވެސް ގެންނަވައިގެން ނުވާނެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން، އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކޮށްގެން، ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުންކޮށްގެން ތިބޭފުޅާ އަށް އަޅުގަނޑުމެން ޕާޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް. އެ ވިސްނުން ވެސް ނުގެންނަވާތި. އެއީ ރަތް ރޮނގެއް،" ނަޝީީދު ވިދާޅުވި އެވެ.

"އެ ރޮނގު ހުރަސް ނުކުރައްވާތި. ނުކުރައްވާތި ޑރ. މުއިއްޒު. އަޅުގަނޑު ވަރަށް ރަނގަޅަށް މި ދަންނަވަނީ. ނުކުރައްވާތި. ކުރައްވައިފިއްޔާ ބާލާނަން. ވަގުތުން ބާލާނަން. ހަމަ ސީދާ ވަގުތުން ބާލާނަން."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް