އޯ ލެވެލް އިމްތިހާން ހަދަން ދަރިވަރަކު ސްކޫލަށް ވަންނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޯލެވެލް

އޯ ލެވެލްގެ ހިސާބު މާއްދާގެ ނަތީޖާ މާ ބޮޑަށް ދަށްވެއްޖެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފި

އެޑިޔުކޭޝަން މިނިސްޓްރީން އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި މައުލޫމާތު ނުދިނަސް ހިސާބު މާއްދާ ކިޔަވައިދޭ ބައެއް ތަޖުރިބާކާރުން ބުނީ އޯ ލެވެލްގައި މިހާ ދަށް ނަތީޖާއެއް މި ފަހުގެ ޒަމާނެއްގައި ލިބިފައި ނުވާ ކަމަށް
1 ގަޑިއިރު ކުރިން
4

މިދިޔަ ޖެނުއަރީ މަހު ބޭއްވި އޯ ލެވެލް އިމްތިހާނުގައި ހިސާބު މާއްދާއިން ހޯދި ނަތީޖާ ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް، ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނެފި އެވެ.

ވީ ކިހިނެއް؟- 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އިމްތިހާނުގައި 8،000އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އިރު، ހިސާބުން ފާސްވި ނިސްބަތް އުޅެނީ ހީކުރި ވަރަށް ވުރެ މާ ދަށުގަ އެވެ. އެގޮތުން މާލޭގެ ބައެއް ސްކޫލުތަކުން ހިސާބުން ފާސްވި ނިސްބަތް %20 އަށް ވުރެ ވެސް ދަށަށް ދިޔަ ކަމަށް ވެ އެވެ.

އެކަމަކު މި ނަތީޖާއާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބަހެއް ނުލިބުނެވެ. މައުލޫމާތު ސާފުކުރުމަށް، ތަކުރާރުކޮށް ގުޅައި މެސެޖް ކުރި ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ޖަވާބެއް ނުދެ އެވެ.

'ދައުރު'އާ ވާހަކަ ދެއްކި ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުންނާއި ބައެއް ބެލެނިވެރިން ވަނީ ދަރިވަރުންގެ މި ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޯ ލެވެލްގައި ހިސާބު މާއްދާއިން ފާސްވާ ކުދިންގެ އަދަދު އަބަދުވެސް ދަށެވެ. އެކަމަކު މި ފަހަރު، މިއީ ފަަހުގެ ތާރީހެއްގައި އެންމެ ދަށް ނަތީޖާ ކަމަށް، މައުލޫމާތު އެނގި ތިބި ބައެއް މީހުން ބުންޏެވެ. 

"އަޅުގަނޑުގެ ހަޔާތުގައި ވެސް މިހާ ދަށް ނަތީޖާއެއް ލިބުނު ހަނދާނެއް ނެތް،" ހިސާބު މާއްދާގެ ހާއްސަ ޓީޗަރަކު، ނަން ނުޖަހާ ގޮތަށް، ވާހަކަ ދައްކަމުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު މިދިޔަ އަހަރު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ހިސާބު މާއްދާގެ ނަތީޖާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިނިސްޓަރު އޭރު ވިދާޅުވި ގޮތުގައި:

  • ރާއްޖޭގައި މިހާރު ކިޔަވައިދެމުންދަނީ 2015ގައި ތަންފީޒުކުރި ކަރިކިއުލަމްއެއް 

  • އެ ކަރިކިއުލަމްއަށް ކިޔަަވައިދޭން ފެށި ފަހުން ދަރިވަރުންނަށް ހާސިލުކުރެވޭ މިންވަރު ކަންބޮޑުވާ ވަރަށް ވަނީ ދަށަށް ގޮސްފައި

  • އެގޮތުން 2015، 2017 އަދި 2023ގެ ނަތީޖާއިން އެކަން އެނގޭ ކަމަށް ވިދާޅުވި 

  • ހާއްސަކޮށް ހިސާބު މާއްދާއިން ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެއްވި

"ހިސާބު މާއްދާއިން 2015ގައި ފާސްވާ މިންވަރު މި ހުރީ %58ގައި. އެކަމަކު 2023 ވަނަ އަހަރު ނިމުނުއިރުގައި ފާސްވާ އިންސައްތަ %46އަށް ދަށްވެއްޖެ،" ޝަފީއު ވިދާޅުވި އެވެ.

އެހެންވެ، ދެބައި ކުޅަ އެއްބައި ދަރިވަރުންނަށް ކަރިކިއުލަމުން ހާސިލްވާން ޖެހޭ މިންވަރަށް ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިދިއަ ހަފުތާގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހިސާބާއި ދިވެހި މާއްދާއަށް ހާއްސަކޮށްގެން ދެ ކޮންސަލްޓެންޓުން ހޯދަން އިއުލާންކޮށްފަ އެވެ. އެ އިއުލާންގައި ބުނެފައި އޮތީ "ދިވެހި އަދި ހިސާބުގެ އަސާސީ ހުނަރުތައް ކުރިއެރުވުމަށް އަމާޒުކުރެވިގެން ސްކޫލުތަކުން ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކޮންސަލްޓަންޓެއް ހޯދުން" ކަމަށެވެ.

ތައުލީމި ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނީ މިއީ އެ ދެ މާއްދާއަށް ދަރިވަރުން މާ ބޮޑަށް ދަށްވާތީ އެކަން ރަނގަޅުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ހާއްސަ ފިޔަވަޅުތަކެއް އަޅަން އުޅޭކަމުގެ ހެއްކެއް ކަމަށެވެ.

ކޮމެންޓް (4)

profile-image-placeholder

ޙުސައިން

56 މިނިޓު ކުރިން
ހިސާބު މާއްދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޕްރައިމަރީގެ ގްރޭޑް ތަކުގައި އެކުދިން ނަށް ކޮންމެހެން އެނގެންޖެހޭ އެންމެ އަސާސީ ބައިތައް އެކަށީގެންވާ ގޮތެއްގައި އުނގަންނައިދެވިފައި ނުވާތީ. ދެން ކިޔަވައިދޭ ގޮތް ސުޕަރވައިޒް ކުރުމުގެ ބައި ކުޑައީ. އެއްގޮތަކަށްވެސް ނުކުރެއޭ ބުންޏަސް ރަނގަޅު. އޭގެ އިތުރުން އޯލެވެލް ސިލަބަހަށް ފަރިތަ ނޫން މުދައްރިސުން ތިބުން، ކިޔަވައިދިނުމުގެ މައްސަލަތައް ހުރުން. މި ހުރިހާ ކަމެއް ވެސް ޙައްލުވާނެ ރަނގަޅަށް ސުޕަރވައިޒްކުރެވިގެން. އަމާ ބުނާތީ ފަރަށްދާ އުޞޫލުން އެކަން ކޮށްގެން ކުރިއަކަށް ނާރާނެ. އެހެން ނުވީމާ ދެން ދަރިވަރުން މި ޖެހެނީ ބޮޑު އަގު ދީފައި ޓިއުޝަން ނަގަން.

ތެފައާސާ.

1 ގަޑިއިރު ކުރިން
ނަތީޖާ ދަށްވީމާ ދަށްވާތަން އެބަފެނޭ. އެކަމަކު ކިޔަވައިދޭން ބޭރުން މި ގެންނަ ޓީޗަރުންގެ ފެންވަރު މިހާރަކަށް އައިސް ހާދަބޮޑަކަށް ދަށްވެއްޖެއޭ. ނޭގެ ކިހިނެއް ބަލައި އިވެލުއޭޓްކޮށްގެން ގެންނަ ބައެއްކަމެއް. ކިޔަވައިދޭ މާއްދާގެ އެންމެ އަސާސީ ބޭސިކްސްވެސް ނޭގޭ ފެންވަރުގެ ޓީޗަރުން އެބަތިބޭ ގެނެސް މި މާލޭގެ ސްކޫލްތަކުގެ ގްރޭޑް 9، 10 ގައި ކިޔަވައިދޭން ލާފައި. އަދި މީގައި މޮޅު ކަމަކީ ނުބައިކޮށް ކޮންސެޕްޓެއް ކިޔައިދީގެން ކުދިން އެކަން ފާހަގަކޮށް ރަގަޅުކޮށްދިނަސް ގަބޫލުވެސް ކުރަނީއަކީ ނޫން. އަމިއްލައަށް ތަޖުރިބާކޮށްފައި މި ބުނަނީ.

ކޮސް

1 ގަޑިއިރު ކުރިން
ކުދިން ދަށްވުމުގައި ޕުރައިމަރީގެ ފޮތްތައް އުފެއްދިފައިވާ ގޮތް ދަށް. މުޤައްރަރު އޮޅުން ފިލުވާދޭން ޓެކުސްފޮތްތައް ޝައުޤުވެރިއެއްނޫން.އަނެއްކޮޅުން ޓީޗަރުންވެސް ކަންފަސޭހަކޮށްލާފައި ކުދިންނާ ގާތުން މިސާލު ނުދައްކާ ، ޓެކުސްފޮތުގައި އޮތް އެއްޗެއްގެ މިސާލު ދައްކަނީ. ނަތީޖާއަކީ މިއޮއް ޝައުގުވެރި މާއްދާއަށް ޝައުގެއްނެތުން ދަރިވަރުން ކިބައިގަ. ފޯމިއުލާތައް ދަސްކުރިއަސް ބޭނުންކުރަން ނޭންގެނީ އެހެންވީމަ.

ސިކުނޑި

1 ގަޑިއިރު ކުރިން
އެޑިއުކޭޝަންގެ ސިޔާސަތުތައް ދޯހަޅީހަމަ! ކަރިކިއުލަމްވެސް އޯވަނައިޓަކުން ބަދަލުކުރީ ސިޔާސީ ބޭނުމެއްގައި! އޭރުވެސް އިނގޭ ކަރިކިއުލަމަށް ޓީޗަރުން އަހުލުވެރި ނުވާކަން! ރާއްޖޭގެ ސްކޫލްތައް ހެދިފައިހުރީ ގަދީމީ ޒަމާނުގައި ކިޔަވައިދިން ސަގާފަތަށް ބޭނުންކުރެވޭގޮތައްކަން ނޫންކަން! އޭގެ އިތުރުން ކުދިންނަށް އިމެއްނެތި ހައްގުތައް ހޯދައިދޭން އެޑިއުކޭޝަން ފޫގަޅާލީ! ނަތީޖާއަކަށްވީ ޓީޗަރުންނަށް ކުރާ އިހުތިރާމާއި ގަދަރު ގެއްލިގެން ދިއުން! ނަތީޖާއާމެދު ކަންބޮޑުވުން ފާޅު ކުރުމުގެ މާނައެއްނެތް! މިހާރު ކުދިންނަށް ކިޔަވައިދެނީ ބުއްދިނެތް ގުރައަކަށް ކިޔަވައިދޭ ގޮތަށް! ކިތަންމެ އިލްމެއް ހުއްޓަސް ހިލްމެއްނެތިއްޔާ މަގުން ކައްސާލައިގެން ދާލެއް އަވަސްވާނެ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް