ވެމްކޯގެ ކުނި އުކާ އުޅަނދެއް

ވެމްކޯ

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުވާ މައްސަލަ މަޖިލީހަށް

ވެމްކޯ އާއި ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވައި ނުދައްކާހުރި ޕެންޝަން ފައިސާ ވީހާ ވެސް އަވަހަށް ޖަމާކޮށް ނިންމާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފައި
1 ގަޑިއިރު ކުރިން

ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ވެމްކޯ މުވައްޒަފުންގެ ޕެންޝަނަށް ކަނޑާ ފައިސާ ޕެންޝަން ސްކީމަށް ޖަމާނުވާތާ 19 މަސް ވެފައިވާ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

ތަފްސީލް - މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވާ މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވީ، ވެމްކޯ އިން އެންމެ ފަހުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރީ 16 އޮކްޓޯބަރު 2024ގައިކަން ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން އެނގޭ ކަމަށެވެ. ނަމަވެސް ކޮންމެ މަހަކު ވެސް މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލާގައި މިދިޔަ ޖެނުއަރީ މަހު ވެމްކޯ އިން ނެރުނު ބަޔާނެއްގައި، ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުން އަންނަނީ ކުންފުނީގެ އާމްދަނީންނާއި ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީންކަން ފާހަގަކޮށް، މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ލިބެންޖެހޭ 98 މިލިއަން ރުފިޔާ ލިބިފައިނުވާތީ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމުގައި ދަތިވާ ކަމަށް ބުނެފައިވާ ކަމަށް މެންބަރު ފާހަގަކުރައްވާފައިވެ އެވެ.

ނަމަވެސް އެ ފައިސާ ނުލިބިގެން ދިމާވާ މާލީ ދަތިކަމަކީ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ގާނޫނީ އިލްޒާމުތައް ހިފެހެއްޓުމަށް ދެއްކޭނެ ގާނޫނީ ހުއްޖަތެއް ނޫން ކަމަށް މެންބަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލާގައި އިތުރަށް ވިދާޅުވީ:

  • ޕެންޝަން ލިބުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް

  • މުވައްޒަފުންގެ ޕެންޝަން ފައިސާ ގަވައިދުން ދެއްކުމަކީ ޕެންޝަނާ ބެހޭ ގާނޫނުން ލާޒިމްކޮށްފައިވާ އިލްތިޒާމެއް

  • މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ ވަކި މުއްދަތެއްގެ ތެރޭ ޖަމާކުރުމަކީ ވަޒީފާ ދޭ ފަރާތުގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް

  • ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ގަވައިދުން ޖަމާނުކުރާތީ ޕެންޝަން ފަންޑުން ލިބޭ އިންވެސްޓުމެންޓު ފައިދާ އާއި ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ ކަންކަމުން މުވައްޒަފުން ދަނީ މަހުރޫމުވަމުން

މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މިއީ ވެމްކޯގައި މަސައްކަތްކުރާ އެތައް ސަތޭކަ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނަޒާހަތްތެރިކަމާ ސީދާ ގުޅިފައިވާ ނާޒުކު މައްސަލައަކަށްވާތީ އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލާގައި ވެމްކޯ އާއި ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވައި ނުދައްކާހުރި ޕެންޝަން ފައިސާ ވީހާ ވެސް އަވަހަށް ޖަމާކޮށް ނިންމާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް