އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހްމަދު ޝިފާން (ފޮޓޯ/ޕީއެސްއެމް)
ޝިފާން ފުލުހުންގެ ތަރުޖަމާނުކަމުން ވަކިކޮށްފި
ފުލުހުންގެ ތަރުޖަމާނުކަމުން އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން މިއަދު ވަކިކޮށްފި އެވެ.
ވީކިހިނެއް؟ - ޝިފާން ފުލުހުންގެ ތަރުޖަމާނަކަށް އައްޔަންކޮށްފައި ވަނީ ފެބްރުއަރީ 2024ގަ އެވެ. އެ މަގާމުން ޝިފާން މިއަދު ވަކިކޮށްފައިވާކަން ފުލުހުންގެ ބައެއް މަސްދަރުތަކުން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
ތަފްސީލު - ޝިފާން އެ މަގާމުން ވަކިކޮށްފައި ވަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް މި ބަދަލު ގެނެސްފައި މި ވަނީ ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ބައެއް ބަހާތަކުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތައް ބަދަލު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
މިކަމާ ގުޅޭ ގޮތުން ޝިފާންއާ 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ، އާ ތަރުޖަމާނަކު މިއަދު ހަމަޖައްސާފައިވާ ކަމަށާއި ރަސްމީ ބަހެއް ފުލުހުންގެ ހިދުމަތުން ހޯދުމަށް އެދޭ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އާ ތަރުޖަމާނަކަށް އައްޔަން ކުރީ ކޮން ބޭފުޅެއް ކަމެއް ފުލުހުންގެ ފަރާތުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ފާހަގަކޮށްލެވޭ - ޝިފާން ތަރުޖަމާނުކަމުން މިއަދު ވަކިކޮށްފައިވާއިރު، މިދިޔަ މަސް ތެރޭ ފުލުހުންގެ ކޮމިޝަނަރު ބިއުރޯގެ ވެރިޔާގެ މަގާމަށް އޭނާ ހަމަޖެއްސުމަށް ފަހު، މާ ގިނަ އިރުތަކެއް ނުވެ އެ މަގާމު ވަނީ އަތުލާފަ އެވެ.
ކޮމެންޓް