އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ އެކި ރަށްރަށަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/ ހުސައިން ޝާފިއު)
ސިޔާސީ މަސައްކަތް ހުއްޓާލާފައި ދެވޭނީ މިކަހަލަ އެހެން މީހަކު ލިބުމުން: ނަޝީދު
ސިޔާސީ މަސައްކަތް ހުއްޓާލެވޭނީ އެ މަސައްކަތް ކުރައްވާނެ އެެފަދަ އެހެން ބޭފުޅަކު ލިބުނު ދުވަހަކުން ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީގެ އެތެރޭގައި ޖެހުނު ހަމަނުޖެހުންތައް ބޮޑުވެ، އެމްޑީޕީން އިސްތިއުފާ ދެއްވުމަށް ފަހު 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން އެ ވެރިކަމާ ދެކޮޅަށް ނަޝީދު މަސައްކަތްކުރެއްވި އެވެ.
އެ މަސައްކަތުގައި މާ ގިނަ ދުވަހެއް ނުވެ، ސިޔާސީ ދާއިރާއާ ދުރަށްޖެހިވަޑައިގެންކަން 2023 ވަނަ އަހަރު އިއުލާންކުރައްވައި، ޖެހިގެން އައި އަހަރު، ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް އެ މަނިކުފާނު ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ. އެކަމަކު މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، މި ސަރުކާރާ ދެކޮޅަށް ނަޝީދު ވަނީ މަސައްކަތް ފައްޓަވާފަ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ގދ. ފަރެސްމާތޮޑާގެ އެމްޑީޕީ މެމްބަރުންނާ އެކު އެ ރަށުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު މިއަދު ވެސް ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ފެށުމަކީ އެ މަނިކުފާނު ކަމާއި އަދި އެ މަނިކުފާނަކީ އެ މަސައްކަތަށް ރައްޔިތުން ފައްކާކުރި ހަމައެކަނި 'އެތި' ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ.
"އަޅުގަނޑަކީ ތިބޭފުޅުން ހަދާފައިހުރި އެއްޗެއް. މީގެ މާ ބައިވަރުތަކެއް ހަދާފައި ހުރީކީ ނޫން. ހާރަކަށް ވެސް ތަރާވީހަކަށް ވެސް އަދި ހުރީ އަޅުގަނޑު މި ބާވަތުގެ މަސައްކަތެއް ކުރަން. އެހެން މީހަކު ލިބުނީމާ އަޅުގަނޑު ވެސް މިކަމަކާ ނޫޅޭނަން. ނަމަވެސް ކުރަން ފަށާފައިހުރި މަސައްކަތެއް ދޫކޮށްލާފައެއް ނުދެވޭނެ. އޭރަށް ގެއްލުން މާ ބޮޑުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ފިކުރު ރާއްޖެއިން ފޮހެއެއް ނުލެވޭނެ ކަމަށެވެ. އެމްޑީޕީއަކީ ނިދާފައި އޮންނަ ޕާޓީއެއް ކަމަށް މި ސަރުކާރުން ސިފަކުރިޔަސް، އެމްޑީޕީ ނިންދަވާފައި ބޭއްވެން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީއާ ހަވާލުވެ އެ މަސައްކަތް ކުރަން އަލުން ފަށާފާނެތީ ރައީސް މުހައްމަދު މުއިއްޒު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އޭނާ ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ. އޭނާ ނުރައްކަލުގެ ތެރެއަށް ކުރެފިގަންނާނެ. އޭނާ ތެދުވާނެ. އޭނާ ކާމިޔާބުވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން [ރައީސް މުހައްމަދު] މުއިއްޒު ބަލިކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
"ސިޔާސީ ކަންކަމުގައި އަޅުގަނޑުމެންނާ ނުރަނގަޅު ހަމައިގައި ޖަދަލުކުރަން ހައްދަވައިގެން ނުވާނެ. ނުވެސް ކުރެވޭނެ. އެ ބޭފުޅުންގެ ނުހުންނާނެ އެ ފެންވަރެއް. އެ ބޭފުޅުންނަށް އަޅުގަނޑުމެންނަކާ ގާތެއް ނުވެވޭނެ."
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ޕާޓީތަކަށް ހުއްދަދިނުމާ އެކު އޭރު ހިންގި ސިޔާސީ ހަރަކާތްތަކުގައި ވެސް އެންމެ އިސް ސަފުގައި ހުންނެވި ނަޝީދު ވިދާޅުވީ، އޭރު ވަކާލާތުކުރަމުން ގެންދެވި ހައްގުތައް މިއަދުގެ ދަރިންނަށް އަދިވެސް ފުރިހަމައަށް ނުލިބޭ ކަމަށާއި އެކަންކަން މިއަދުގެ ދަރީންނަށްޓަކާ ކޮށްދޭންޖެހޭނެ ކަމަށެެވެ. އެ މަސައްކަތް ބައިކުޅަބަޔަށް ކޮށްފައި، "ގޯނީގައި ތުން ނުޖަހައި ދޫކޮށްލައިފި ނަމަ" ހުރިހާ އެއްޗެއް ބޭކާރުވެގެން ހިނގައިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއަށް ބަދަލެއް ގެންނަންޖެހޭކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި އެކަމަށްޓަކައި ކުރާ ފުރަތަމަ ކަމަކަށް ކުރިއަށް އޮތް އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި %100 ވޯޓު އެ މަނިކުފާނަށް ދިނުމަށް އެދިވަޑައިގަތެވެ. ކުރިއަށްހުރި ބަދަލުތައް ގެނައުމަށްކުރަންޖެހޭ ކަންކަން ހިނގައިގަންނާނީ އޭރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިއްޔެ އޮތް ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ވިދިވިދިގެން ތިންފަހަރު ސަރުކާރު ބަލިކުރެއްވިއްޖެ ކަމަށާއި އެ ޖޯޝް ހިފަހައްޓަން މުޅި ރީދޫ ލަޝްކަރު ވަރަށް ވަރުގަދަވާންޖެހޭ ކަމަށެވެ. އަދި މިހާރު އޮތް އެ ޖޯޝުގައި ކުރިއަށް ހިނގައްޖެ ނަމަ، މި ސަރުކާރު ބަދަލުކުރުމަކީ މާ އުނދަގޫ ކަމަށް ނުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އެކަމަށްޓަކައި، އެމްޑީޕީ ދޫކޮށްދިޔަ ހުރިހާ ފަރެސްމާތޮޑާގެ ރައްޔިތުން އަލުން ޕާޓީއާ ގުޅި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް މައުމޫންގެ ވެރިކަމުގައި އެ ރަށުން ކުރިވަރުގެ މަސައްކަތްތަކެއް ކުރުމަށް ވެސް ނަޝީދު ގޮވާލެއްވި އެވެ. އެ ދުވަހު އެ ކަންކަން ކުރި ގޮތް މިއަދުގެ ޒުވާނުންނަށް ކިޔައިދީ، އެ މަސައްކަތަށް ނުކުތުމަށް ނަޝީދު ވެސް އެދިވަޑައިގަތެވެ.
ކޮމެންޓް (1)
ތެފައާސާ.