ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)

ފިޗް ރޭޓިން

ފިޗުގެ ރޭޓިން ދަށްވާން ފެށީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކުރީމަ: ތަރުޖަމާނު

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗު ރޭޓިންސް އިން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މަތިކޮށްފައި؛ ނަމަވެސް އެއީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރަށް ވުރެ ދަށް ރޭޓިންއެއް
2 ގަޑިއިރު ކުރިން

ދުނިޔޭގެ މާލީ އިދާރާތަކުން ކަންބޮޑުވަނީ ފިޗުގެ ރޭޓިންއާ މެދު ނޫން ކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގެ ސަރުކާރުން ތަކުރާރުކޮށް ފައިސާ ޗާޕުކޮށް، ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނެގުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ

ވީ ކިހިނެއް؟ - ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މަތިކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ސަރުކާރުގެ ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރި ނޫސްވެރިޔަކު ބުނީ ފިޗުގެ ރޭޓިން އެއް ދަރަޖަ މަތި ކުރި ނަމަވެސް، އެއީ މި ސަރުކާރު ހަވާލުވީއިރު ދީފައިވާ ރޭޓިންއަށް ވުރެ ދަށް ރޭޓިންއެއް ކަމަށެވެ.

ނޫސްވެރިޔާ ސުވާލުކުރީ މި ސަރުކާރު އައި ފަހުން ދެ ފަހަރު މަތިން ފިޗުގެ ރޭޓިން ދަށްކޮށްފައިވާއިރު، އޭގެ ކުރިން އޮތް ރޭޓިން ނުލިބި، އަދި އެންމެ ދަރަޖއަކަށް ރޭޓިން މަތިކުރުމަކީ ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރަނީ ކީއްވެގެން ކަމާ ބެހޭގޮތުންނެވެ.

ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބުދެއްވަމުން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ފިޗުގެ ރޭޓިންއާ ގުޅޭ ގޮތުން ސަރުކާރުން މާ ބޮޑަށް އުފާފާޅު ނުކުރާ ކަމަށެވެ. އަދި ފިޗުގެ ރޭޓިން ދަށްވާން ފެށީ، އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ނޫނެވެ.

އެގޮތުން އޭރު އޮތް ސަރުކާރުން ކުރި މަސައްކަތުން ކޮވިޑުން އަރައިގަތުމަށް ގިނަ އަދަދެއްގެ މާލީ އެހީ ރާއްޖެއަށް ލިބުނުކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި، ފިޗުގެ ރޭޓިން ދަށްވާން ފެށީ ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ދަރަންޏަށް ގިނަ އަދަދެއްގެ ފައިސާ ނެގުމުންނެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ފިޗު އެކަންޏެއް ނޫން، އަދި މުޅި ޖުމްލަ ގޮތެއްގައި ވެސް އަޅުގަނޑުމެން މާލީ އިދާރާތަކާ އެކު ވެސް ކުރި މަޝްވަރާތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އޭރު ތަކުރާރުކޮށް އަޅުގަނޑުމެން އާދޭސް ވެސް ކުރިން ޗާޕު ނުކުރާށޭ، ޗާޕު ކުރުން. ވަރަށް ބައިވަރު ކުރި،" ތަރުޖަމާނު ވިދާޅުވި އެވެ.

"އަދި އެންމެ ފަހު ވަގުތުގައި ވެސް ހަމަ ދަރަނި އިތުރަށް ނަންގަވަމުން ގެންދެވީ [ލޯނުތައް]. އެ ނެންގެވީމަ އަޅުގަނޑުމެން މި ދިޔައީ 'ސެޗުރޭޝަން' ޕޮއިންޓަކަށް، ގާތްގަނޑަކަށް %130 އަޅުގަނޑުމެންގެ ޖީޑީޕީގެ. އެއީ ނުރައްކާތެރި އަދަދެއް."

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)

ތަރުޖަމާނު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ އަދަދު ތިރިކުރެވޭތޯ ކަމަށާއި ފިޗުގެ ރޭޓިން އެއް ދަރަޖަ މަތިވުމަކީ އެ މަސައްކަތުގައި ލިބުނު ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީ ނުވަތަ އެކަން ދައްކައިދޭ ނިޝާނެއް ކަމަށެވެ.

"ހަގީގަތުގައި އެންމެ ބޮޑު ކާމިޔާބީއަކީ ފަސް އަހަރަށް ފަހު ބަޖެޓުގެ ތެރެއިން ކަންކަން ކުރެވުން... އަދި އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ މިދިޔަ އަހަރު ރިކޯޑު އަދަދަކަށް ގެންދެވުނުކަން. އެއީ އަސްލު މާ ހިތްހަމަޖެހޭ ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް