ދިވެހި މުވައްޒަފުން ގާބިލް، އެކަމަކު މަތީ މަގާމުތަކަށް ދާން ހުރަސް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، 'ދައުރު'ގެ ހާއްސަ އިންޓަވިއުގައި ވަރަށް ތަފުސީލުކޮށް އެ މައުލޫމާތު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ: ރިސޯޓްތަކުގެ މަތީ މަގާމުތައް ދިވެހިންނަށް ލިބެން ޖެހެ އެވެ. އޭނާ ކިޔަވައިދެއްވި އެތައް ބަޔަކު މިހާރު ވެސް ތިބީ މަތީ މަގާމުތަކުގަ އެވެ. އެކަމަކު އަދިވެސް ފުދޭވަރެއް ނޫނެވެ. ބޮޑު މުސާރަ ލިބޭ މަގާމުތަކަށް ދިވެހިން ތަމްރީންކުރުމުގެ ބައި ކުރިއަށް އެބަ ދެ އެވެ. ވަޒީފާއަކީ ދޭ އެއްޗެއް ނޫނެވެ: ހޯދާ އެއްޗެކެވެ.
އިންޑަސްޓްރީގައި ތިބި ގާބިލް ދިވެހިން، މިނިސްޓަރުގެ ބައެއް ވާހަކަތަކާ ދެކޮޅެވެ. ބައެއް މީހުން ބުނާ ގޮތުގައި އަދިވެސް ގިނަ ރިސޯޓްތަކުގައި މަތީ މަގާމުތަކަށް ދާން ދިވެހިންނަށް އޮތް ހުރަސް ބޮޑެވެ. އެއީ ދިވެހިންނަށް ވީތީ ގަސްދުގައި ބައެއް ރިސޯޓްތަކުން ފުރުސަތު ބަންދުކޮށްލުން ކަމަށް އެ މީހުން ދެކެ އެވެ.
އޭގެ މިސާލެއް ދެއްކެވީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރަން އަޑުއުފުލަމުން އަންނަ އަމިއްލަ ޖަމިއްޔާ ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) އެވެ. އޭނާ ވިދާޅުވި ގޮތުގައި ރެސްޓޯރެންޓް ސްޕަވައިޒަރަކަށް އޭނާ އުޅުއްވި އިރު ޖެހިވަޑައިގަތީ ރެސްޓޯރެންޓް މެނޭޖަރުގެ މަގާމަށް އިންޑިއާއިން ގެނައި މީހަކަށް ތަމްރީން ދެއްވާށެވެ.
"ދިވެހިން ކައިރިން ތަމްރީން ވެގެން ބޭރު މީހުންނަށް މަތީ ވަޒީފާ އެބަ ދޭ، ދިވެހި މުވައްޒަފު ބަހައްޓާފައި،" މައުރޫފް ވިދާޅުވި އެވެ.
މިއީ ވަރަށް ގިނަ ދިވެހި މުވައްޒަފުން ޖައްސާ މައްސަލައެކެވެ. ދަށް ވަޒީފާތަކަށް ގެންނަ ބޭރު މީހާއަށް ކަމެއް ނޭނގުނަސް ބޮޑު މުސާރަ ދީފައި މަތީ މަގާމުތަކަށް، މާ ގިނަ ދުވަހެއް ނުވެ ގެންދިއުމެވެ. މިހެން ވުމުން ގާބިލް ދިވެހި މުވައްޒަފުންގެ ހިތުގައި ޝަކުވާތައް އުފެދި، ޓޫރިޒަމް އިންޑަސްޓްރީގައި ކުރިއަށް ދާން އިންސާފުވެރިކޮށް ފުރުސަތު ނުލިބޭކަމުގެ އަޑުތައް އަބަދުމެ ހުންނަނީ އަރައަރަ އެވެ.
ދިވެހިންގެ އަތުގައި ހިފައިގެން ގެންދާނެ
'ދައުރު'ގެ 'ބިޒުނަސް ޓްޑޭ'ގައި، އެސިސްޓެންޓް އެޑިޓަރު އަހުމަދު ނާއިފްއާ ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ޓޫރިޒަމް ދާއިރާއަކީ ވެސް ޕްރޮފެޝަންއެއް ކަމަށާއި އެހެންކަމުން ތަމްރީނާއި ގިނަ ދުވަހު އުޅެ ހޯދާ ތަޖުރިބާ ވަރަށް މުހިންމު ކަމަށެވެ.
"ދުވަސްތައް ގުނާލަން ޖެހޭނީ،" މަތީ މަގާމުތަކަށް ދާން ބޭނުންވާ ތަޖުރިބާ ހޯދަން ޖެހޭ ކަމަށް އިޝާރަތްކުރައްވައި، މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ވެސް އަތުގައި ހިފައިގެން އެ ހިސާބަށް ގެންދަން މަސައްކަތްކުރާނަން."
އެ މަސައްކަތަކީ، މައުސޫމް ފާހަގަކުރެއްވި ގޮތުގައި، މިސާލަކަށް ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަޒީފާ ކަމަށްވާ ބަޓްލަރުންގެ ދާއިރާއަށް ދިވެހިން ތަމްރީންކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ "ދިވެހިން ވަރަށް މޮޅަށް [އަދާ] ކޮށްލާ ވަޒީފާއެކެ"ވެ.
ރިސޯޓްތަކުގެ މުސާރައިގެ ބޮޑު ބައެއް ދަނީ މަތީ ފަންތީގެ މަގާމުތަކަށެވެ. އެގޮތުން މުސާރައިގެ 70 ޕަސެންޓް އެފަދަ މަގާމުތަކަށް ހޭދަކުރުމުގެ މާނައަކީ، ހާއްސަކޮށް ބޭރުގެ މެނޭޖްމަންޓްތަކުން ހިންގާ ރިސޯޓްތަކުގައި މުސާރައިގެ ބޮޑު މިންވަރެއް ރާއްޖެއިން ބޭރަށް ދިއުމެވެ. ރިސޯޓްތަކުގެ މަތީ މަގާމުތަކުގެ ބޮޑު ޕަސެންޓެއް ދިވެހިންނަށް ހާއްސަކުރުމަކީ ސަރުކާރުގެ ވިސްނުމެކެވެ. ނަމަވެސް އެމަގަށް މަސައްކަތްކުރޭތޯ، އިންޑަސްޓްރީގެ ދިވެހި މުވައްޒަފުން ސުވާލު އުފައްދަ އެވެ.
ހަމަ ވަރަށް ބުރަކޮށް ދިވެހިން ވެސް މަސައްކަތްކުރަނީ. އޭގެ ބަދަލު ނުލިބޭ ތަންކޮޅު މި އުޅެނީ. އެހެންވަނީ ސަރުކާރުތައް އަސްލު ވީކްވީމާ.
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވި އެކަމަކު މިހާރު އެ މަގާމުން ވަކިވެވަޑައިގެންފައިވާ ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކުރައްވާ، ވިދާޅުވީ "ވަކި ފެންވަރުގެ މަގާމުތަކަށް ދާން ދިވެހިންނަށް ހުރަސްތައް ހުރި" ކަމަށެވެ. ހާއްސަކޮށް ބޭރުގެ ބޮޑެތި ކުންފުނިތަކުން ހިންގާ ރިސޯޓްތަކުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަނގަޅަށް މަސއްކަތްކުރާ ދިވެހިން މާޔޫސްވާ ވަރަށް، ބޭރު މީހުންނަށް ފުރުސަތު ދެ އެވެ. ދިވެހިން އުޅެން ޖެހެނީ ދިވެހިންގެ ގޮތް ނޭނގޭ ބައެއްގެ އަމުރުވެރިކަމުގެ ދަށުގަ އެވެ.
"އަހަރެމެން ކަހަލަ މީހުން މައްޗަށް ދެވުނީ ވަރަށް ބޮޑަށް ޗެލެންޖްކޮށްގެން. އެގޮތަށް އެންމެންނަށް ނުކެރޭނެ [ނިޒާމަށް] ޗެލެންޖްކުރާކަށް،" އޭނާ ވިދާޅުވި އެވެ.
"ފުރުސަތަކީ އިންސާފުވެރިކަމާ އެކު ލިބެން ޖެހޭ އެއްޗެއް. ގާބިލް ދިވެހިންކަން އެނގޭ އިރު، ދެން ކީއްވެހޭ އެއަށް ވުރެ ގާބިލްކަން ކުޑަ ބޭރު މީހުންނަށް މަތިން ވަޒީފާ ދޭންވީ؟"
ޓޫރިޒަމް ދާއިރާގެ އެއްވެސް ބަޔަކަށް ނިސްބަތްކުރައްވާ ފާޑުވިދާޅުވުމަކީ، މިނިސްޓަރު މައުސޫމްގެ މިޒާޖެއް ނޫނެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކެވީ ރަނގަޅަށް މަސައްކަތްކޮށްފިއްޔާ ފުރުސަތު އޮތްކަމާއި ފުރުސަތު ނެތް ނަމަ، އެކަން ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ފަހިކޮށްދޭނެ ކަމެވެ.
ރިސޯޓްތަކުގައި ދިވެހި "އިންޖިނިއަރިންއަށް ދާންވީ، އައިޓީ ބަޔަށް ދާންވީ. ބޮޑެތި މުސާރަ ލިބޭ މަގާމުތަކަށް ދިވެހިން ނުކުންނަންވީ،" މައުސޫމް ވިދާޅުވި އެވެ.
އެކަމަކު މިނިސްޓަރުގެ އެވާހަކައަށް މައުރޫފް އާއި ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ކުރީގެ ޖެނެރަލް މެނޭޖަރަށް އެއްބަސްނުވެވެނީ، 'ނުކުންނަންވިއްޔޭ' އެ ވިދާޅުވާ ތަންކޮޅަށެވެ. މިހާރު ވެސް ރިސޯޓްތަކުގެ އިސް މަގާމުތަކަށް އެކަށީގެންވާ ގާބިލް ދިވެހިން، ވަރަށް ހިތްވަރާއި ތެދުވެރިކަމާ އެކު މަސައްކަތްކުރާކަން، އެ ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެން އެންމެ އުފާވާނީ ކޮންމެ ރިސޯޓެއްގައި ވެސް އެންމެ މަތީ މަގާމުން ފެށިގެން ދިވެހިން ތިބިއްޔާ.
"މިސާލަކަށް ބަލަމާ ހިނގާ 300 މީހުން އުޅޭ ރިސޯޓަކަށް. މެނޭޖަރުންގެ ފެންވަރުގެ 70 ވަރަކަށް ވަޒީފާ އޮންނާނެ. އަޅުގަނޑަށް ހީވަނީ ގިނަ ރިސޯޓްތަކުގައި ދިވެހިން ތިބޭނީ 14 ނުވަތަ ވިއްސަކަށް މީހުންހެން. ދެން ހުސް ބޭރު މީހުން އުޅޭނީ،" މައުރޫފް ވިދާޅުވި އެވެ.
"ސަރުކާރުން ސިޔާސަތެއް ކަނޑައަޅާފާނޭ، އެކަމަކު އެ ތަންފީޒުކުރަން މަސައްކަތެއް ނުކުރޭ. ޓީމަކުން ގަބޫލެއް ނުކުރަން ދިވެހިންގެ ހުނަރު ނެތިގެން ކަމަކަށް. ތަމްރީން ނެތިގެން ކަމަކަށް. ވަރަށް ކައިރިން އެބަ ފެނޭ ދިވެހިން ބޭރު މީހުން ތަމްރީންކުރީމާ އެ މީހާ ގެންގޮސް މައްޗަށް ލާ ތަން."
ދިވެހި މުވައްޒަފުން މިހާރު ހަމަ ވަރަށް ސީރިއަސް
ގިނަ ދިވެހިން ވަޒީފާއަށް ފަރުވާކުޑަކުރާކަމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެކަމަކު މީގެ 15 ވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ދިވެހިން ރިސޯޓްތަކުގައި ވަޒީފާ އަދާކުރަނީ ވަރަށް ބުރަކޮށް އަދި ވަރަށް ގަޔާވެގެން ކަމަށް، ޓީމުން ގަބޫލުކުރެ އެވެ. ކުރިން ނަމަ ރޯދަމަހާއި އީދު ކަހަލަ ބަންދުތަކަށް 'ގަދަކަމުން' ނަމަވެސް ދާން އުޅެ އެވެ. ނަމަވެސް މިހާރު އެ މިޒާޖު ވެސް ގިނަ ދިވެހި މުވައްޒަފުންގެ ނެތް ކަމަށް، މާއްޓޭ ވިދާޅުވި އެވެ.
"މިހާރު ހަމަ ރިސޯޓްގައި އެކަހަލަ ޑިމާންޑެއް ނުކޮށް ފުލްޓައިމްކޮށް މަސައްކަތްކުރަނީ. އެ އެޓިޑިއުޓް މިހާރު ހަމަ ނެތޭ ބުނެވޭނީ. އެހެންވީމާ ފަރުވާކުޑައްޔޭ ބުނާ ވާހަކަ ގަބޫލެއްނުކުރެވޭ،" މައުރޫފް ވިދާޅުވި އެވެ.
ކުރިން ވާހަކަ ދެއްކެވި މެނޭޖަރު ވެސް ވިދާޅުވީ ވަރަށް ބުރަކޮށް ދިވެހިން މަސައްކަތްކުރާ ކަމަށެވެ. ހާއްސަކޮށް މިހާރު ވަޒީފާއަކީ އަގު ހުރި އެއްޗަކަށް ވާތީ، ކުރީގެ އެ ހުންނަ ކަންފަސޭހަކަން ގެންގުޅެގެން ސަލާމަތްނުވާނެކަން، ގިނަ މުވައްޒަފުންނަށް އެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހަމަ ވަރަށް ބުރަކޮށް ދިވެހިން ވެސް މަސައްކަތްކުރަނީ. އޭގެ ބަދަލު ނުލިބޭ ތަންކޮޅު މި އުޅެނީ. އެހެންވަނީ ސަރުކާރުތައް އަސްލު ވީކްވީމާ،" އޭނާ ވިދާޅުވި އެވެ.
"ރިސޯޓެއްގެ ކަންކަން ބަލަން ދާ މީހުންގެ ވެސް ނުހުރޭ ގާބިލްކަމެއް. ނުކެރޭނެ އެ އޮންނަ ގޮތަކަށް ކަމެއް ކުރާކަށް،" ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ ބައި ކުޑަކަން ފާހަގަކުރައްވަމުން، އޭނާ އިތުރުކުރެއްވި އެވެ.
އެކަމަކު މިނިސްޓަރުގެ ވާހަކަތަކަށް ބަލާއިރު އުއްމީދެއް ނުގެއްލެ އެވެ. އޭނާ ވިދާޅުވީ އެކަށީގެންވާ ވަރަށް މަތީ މަގާމުތަކުގައި ދިވެހިން އަދި ނުތިއްބަސް، އެކަން ބަދަލުވާތަން ދެކެވަޑައިގަންނަވަން ބޭނުން ކަމަށެވެ.
"އަޅުގަނޑުމެން މި ބުނަނީ ވަޒީފާގެ ގޮތުން [ދިވެހިން] ވެރިޔަކަށް ވާން، އެހެން ނޫނީ ޕްރޮޑަކްޓް އޯނަރެއްގެ ގޮތުން ވެރިޔަކަށް ވާން. މިހާރު މިނިސްޓްރީގެ ހުރިހާ ހަކަތަކެއް މި ހޭދަކުރަނީ އެ ދިމާލަށް،" މައުސޫމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ އުފާވާނީ ކޮންމެ ރިސޯޓެއްގައި ވެސް އެންމެ މަތީ މަގާމުން ފެށިގެން ދިވެހިން ތިބިއްޔާ."
އެކަމަކު އެ ހިސާބަށް ދާނީ، ކުރިން ވާހަކަ ދެއްކެވި މެނޭޖަރު ވިދާޅުވި ގޮތުގައި، ބޭކާރު ވާހަކަތަކެއް ދައްކައިގެންނެއް ނޫނެވެ. މިހާރު ވެސް އެ ފުރުސަތު ހޯދައިދޭން އިންޑަސްޓްރީއަށް މަޖުބޫރުވާނެ ފިޔަވަޅުތައް އަޅައިގެންނެވެ. ގާބިލް ދިވެހިންނަށް އިންސާފުވެރިވެގެންނެވެ. ރިސޯޓެއްގައި ހުންނަ ބޭރުގެ ހިއުމަން ރިސޯސް މެނޭޖަރު ބޭނުންވުމުން އޭނާގެ ގައުމުން މީހުން ހޯދައިގެން ގެނެސް މަތީ މަގާމުތައް ދެވޭ ގޮތް ބަދަލުވެގެންނެވެ. ސަރުކާރުގެ ދެގޮތެއްނުވާ އުސޫލެއްގެ ތެރެއިން އެކަން ބަދަލު ވެސް ކޮށްގެންނެވެ.
ކޮމެންޓް (2)
ޙުސޭން
އެކައުންޓެންޓް